ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ފުލުހުންނަށް ތަންފީޒު ކުރެވޭނެ އަމުރެއް ނޫން ކަމަށާއި އަމުރާ ގުޅިގެން ރާއްޖޭގެ ހާލަތު ގޯސްނުވެ ސަލާމަތްވީ ރައީސް އަބްދުﷲ ޔާމީން ދެއްވި ފުރިހަމަ އިރުޝާދުގެ ސަބަބުން ކަމަށް ކުރީގެ ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް އަހްމަދު ސައުދީ ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ އޭރުގެ ކަމިޝަނަރު އަހްމަދު އަރީފް ފޯނު ނުނަންގަވައިގެން މަގާމުން ވަކި ކުރެއްވުމަށް ފަހު، ޑިޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ ގޮތުގައި ފުލުސް އޮފީސް ހިންގެވީ ސައުދީ އެވެ. ނަމަވެސް ފަހުން އޭނާ ވެސް ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ.

މަގާމުން ވަކި ކުރެއްވި ފަހުން އެކެއް ފެބްރުއަރީ ވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކާއި ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ސައުދީ ވިދާޅުވީ އަމުރު ނެރުނު ދަނޑިވަޅަކީ ވަރަށް އުނދަގޫ އަދި ހައްސާސް ދަނޑިވަޅެއް ކަމަށެވެ. އަދި ވިދާޅުވީ "އެ އަމުރު ތަންފީޒު ކުރުމަށް އެރޭ ފުލުހުންގެ ތެރެއިން އޭރު ކަނޑައެޅިގެން ކޮންބައެއްކަން ނޭނގޭ ބަޔަކު" މަސައްކަތް ކުރި ކަމަށާއި ނަމަވެސް "އެކަން އެގޮތައް ނުކުރެވޭނެ "ކަމަށް ވިދާޅުވި ކަމަށެވެ.

"ސުޕްރީމް ކޯޓުން އެ ދުވަހު އެ ނެރުނު އަމުރަކީ ފުލުހުންނަށް ތަންފީޒު ނުކުރެވޭނެ އަމުރެއް. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ދޫކޮށްލަން އަމުރުކޮށްފައި އޮތް ނަމަވެސް އެބޭފުޅާ ހުންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. އަޅުގަނޑުމެންނަށް ހަމައެކަނި ކުރެވޭނެ ކަމަކީ އެބޭފުޅާ ކަރެކްޝަންސްއާ ހަވާލުކުރުން،" ސައުދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި ހުރި ކަންކަން ތަންފީޒު ކުރުމަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށާއި އަދި އެކަންކަން ތަންފީޒު ކުރުމުގެ ކުރިން އެޓާނީ ޖެނެރަލްގެ މަޝްވަރާ ހޯދަން ޖެހޭ ބައެއް ނުކުތާތައް އަމުރުގައި ހުރި ކަމަށެވެ. އަދި ވިދާޅުވީ އެ އަމުރާ އެކު ފުލުހުންގެ އިދާރާގައި ދެން ހިނގައި ދިޔަ ކަންކަން ވަގުތުން އިސްވެރިންނަށް ރިޕޯޓް ކުރި ކަމަށާއި ލޭ އޮހޮރުވުމަކަށް ނުގޮސް ގައުމު ސަލާމަތްވީ ރައީސް ޔާމީންގެ ފަރާތުން އަދި ހޯމް މިނިސްޓަރުގެ ފަރާތުން ލިބިވަޑައިގެންނެވި އިރުޝާދުގެ ސަބަބުން ކަމަށެވެ.

"އެ އަމުރު އޭރު އޮތް ގޮތަށް ތަންފީޒު ކުރިނަމަ ބޮޑު ލޭ އޮހޮރުވުމަކަށް ދިޔައީސް. އޭރު ސަލާމަތީ އެންމެ މުހިންމު އެއް މުވައްސަސާ ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން ބުނަން ބޭނުން ވަނީ އެފަދަ ހާލަތަކަށް ނުގޮސް ސަލާމަތްވީ ރައީސް ޔާމީންގެ އިރުޝާދުގެ ސަބަބުންނޭ." ސައުދީ ވިދާޅުވި އެވެ.