ސާކް ސަރަހައްދުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ، ސާކް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ސާކް ސީސީއައި)ގެ ރިޔާސަތާ ސްރީލަންކާއިން ހަވާލުވެއްޖެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ސާކް ސީސީއައިގެ ރިޔާސަތު ބެލެހެއްޓެވީ ނޭޕާލްއިންނެވެ. ސާކް ސީސީއައިގެ ރައީސްގެ މަގާމު އަދާކުރެއްވީ ނޭޕާލްގެ ވިޔަފާރިވެރިޔާ ސޫރަޖް ވައިދްޔާ އެވެ.

ނޭޕާލްގެ ދެ އަހަރުގެ ދައުރު ހަމަވުމާ ގުޅިގެން ސްރީލަންކާއާ ރިޔާސަތު ހަވާލުކުރުމަށް އިއްޔެ ވަނީ ކޮލޮމްބޯގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

ސާކް ސީސީއައިގެ ރިޔާސަތާ ސްރީލަންކާ ހަވާލުވި އިރު، އެ ޖަމިއްޔާގެ ރައީސަކީ ސްރީލަންކާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ، ފެޑެރޭޝަން އޮފް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް ސްރީލަންކާ (އެފްސީސީއައިއެސްއެލް)ގެ ރައީސް ރުވާން އެޑިރިސިންހަ އެވެ. އޭނާ މިހާތަނަށް ހުންނެވީ ސާކް ސީސީއައިގެ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމުގަ އެވެ.