27 Aug 2011, 12:39
އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ތާއީދުކޮށްފި އެވެ.
އެކޮމިޓީގެ މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ، އދ.ގެ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށް ނިންމާފައި ވަނީ މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމެއްގައި ކަމަށެވެ. ކޮމިޓީގެ އަޣުލަބިއްޔަތުން އެގޮތަށް ނިންމާފައި ވަނީ ގައުމީ ދިފާއީ ބާރުން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"އެމްއެންޑީއެފްއިން ޑިފެންސް މިނިސްޓްރީއަށް ފޮނުވާފައި ހުރި ލިޔުންތައް ދިރާސާކުރުމަށް ފަހު ހިޔާލުތަފާތުވުމެއް ނެތި ވޯޓުގައި ބައިވެރިވެ ވަޑައިގަތް ހުރިހާ މެންބަރުން ވެސް އިއްތިފާގުވެވަޑައިގަތީ އެ ނިންމުމަށް ތާއިދު ކުރަން. ފްލޯގައި އިދިކޮޅު މެންބަރުން ހިޔާލުތަފާތުވެ ވަޑައިގަތަސް ކޮމެޓީ މަރުހަލާގައި ހިޔާލު ތަފާތުވުމެއް ނެތް،" އަލީ ވަހީދު ވިދާޅުވި އެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީގެ ނިންމުމަށް ގޮތެއް ނިންމުމަށް އެ މައްސަލަ މިހާރު ވަނީ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފަ އެވެ.
އދ. ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރިކުރުމުގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މިދިޔަ އެޕްރީލް މަހު ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވީ، އެމައްސަލައާ މެދު މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ، އެކަމަށް ބައެއް މެމްބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވަނިކޮށެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީގައި ހިމެނެނީ މުގައްރިރު އަލީ ވަހީދުގެ އިތުރުން މަނަދޫ ދާއިރާގެ މުހަންމަދު ތާރިގް އާއި ދާންދޫ ދާއިރާގެ މުހަންމަދު ރިޔާޒާއި މަޑަވެލި ދާއިރާގެ މުހަންމަދު ނާޒިމާއި ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކާއި އަލިފުށި ދާއިރާގެ މުޙަންމަދު ނާޝިޒާއި ފެލިދޫ ދާއިރާގެ ޔޫސުފް ނައީމާއި ތުލުސްދޫ ދާއިރާގެ ރޮޒައިނާ އާދަމާއި ފޮނަދޫ ދާއިރާގެ އަބްދުއްރަޙީމް އަބްދުﷲ އާއި ދުވާފަރު ދާއިރާގެ މުހަންމަދު ޒުބައިރު އަދި ގުރައިދޫ ދާއިރާގެ އިބްރާހީމް ރިޒާ އެވެ.