ބެއިޖިން (މާޗް 27): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޗައިނާއަށް ވަޑައިގެންފި ކަމަށް ހަބަރުތައް ފެތުރިއްޖެ އެވެ.

ޖަޕާނުގެ މީޑިއާތަކުން ވަނީ އުތުރު ކޮރެއާގެ އިސް ބޭފުޅަކު އިއްޔެ ޑިޕްލޮމެޓިކް ރޭލަކުން ބެއިޖިންއަށް ވަޑައިގަތް ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ލީޑަރު ކިމްގެ ދަތުރުފުޅެއް ކަމަށް އުތުރު ކޮރެއާ އާއި ޗައިނާ އިން ބުނެފައެއް ނުވެ އެވެ.

ޖަޕާނުގެ ނިޕޮން ނޫހުން ބުނި ގޮތުގައި އެރޭލަކީ ލީޑަރު ކިމްގެ ބައްޕާފުޅު ކިމް ޖޮންގް އިލް 2011 ވަނަ އަހަރު ބެއިޖިންއަށް ވަޑައިގެންނެވި ރޭލާ އެއްގޮތް ރޭލެކެވެ. ކިމް ޖޮންގް އިލް ޗައިނާއަށް ވަޑައިގެންނެވިކަން ދެ ގައުމުން ހާމަ ކުރީ އެދަތުރު ނިންމަވާލެއްވި ފަހުންނެވެ.

ނަމަވެސް ކަމާ ބެހޭ އެނެލިސްޓުންނާ ހަވާލާދީ ދެކުނު ކޮރެއާގެ ޔޮންހަޕް ނޫހުން ބުނި ގޮތުގައި އެއީ ކިމްގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ކުރައްވާ ދަތުރުފުޅަކަށް ވެސް ވެދާނެ އެވެ. މިދިޔަ މަހު ކިމް ޔޯ ޖޮންގް ވަނީ ދެކުނު ކޮރެއާގައި އޮތް ވިންޓާ އޮލިމްޕިކްސް ފެއްޓުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ދެކުނު ކޮރެއާގެ ރައީސްގެ އޮފީހުން ވަނީ ޗައިނާ އަށް އިއްޔެ ވަޑައިގެންނެވީ ކޮން އޮފިޝަލެއްކަން ނޭނގޭ ކަމަށާއި ނަމަވެސް ދެ ގައުމުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

މިދިޔަ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ މޭ މަހު ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެބައްދަލުވުމުގެ ކުރިން އުތުރު ކޮރެއާ އިން ޗައިނާއާ ބައްދަލު ކުރާނެ ކަމަށް އެނެލިސްޓުން ބުނެ އެވެ. (ބީބީސީ)