27 Mar 2018, 13:09
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ލ. ފޮނަދޫ އަދި ފުވައްމުލަކުގައި ހިންގާ ޤުރުއާން ކްލާސް ހިންގުމަށް ދިރާގުން އެ ދެ ރަށަށް ހިލޭ މެގަ އެކްސެސް ނެޓްވޯކް ފޯރުކޮށްދީފި އެވެ.
އެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިރާގާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާ ދެމެދު އެމްއޯޔޫ އެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭ އެ ހިދުމަތުގެ ސަބަބުން ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.
އެ ދެ ރަށުގައި ކީރިތި ގުރުއާނުގެ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ރަށުގައި ތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިއްބަވާ މުދައްރިސުންނަށް ރަށް ރަށުގެ ދަރިވަރުންނަށް ފިލާވަޅު ނަންގަވައިދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ވެސް ވަގުތުން ދެއްވޭނެ ކަމަށް ބުންޏެވެ.
އެ ހިދުމަތުގެ ދަށުން މިފަހަރު ދަރިވަރުންނަށް ތިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެ މަރުކަޒުން ބުންޏެވެ. އެއީ އިމާމު ފައުންޑޭޝަން ކޯހާއި އިމާމު ޑިގްރީ ކޯހުގެ އިތުރުން ޤުރުއާން މުދައްރިސް ޑިގްރީ ކޯހެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ދިރާގުން ވަނީ ހަތަރު އަތޮޅެއްގައި ގާއިމްކޮށްފައިވާ ކީރިތި ޤުރުއަނާ ބެހޭ މަރުކަޒުތަކުގެ ގޮފިތަކަށް އެ ޚިދުމަތް ފޯރުކޮށްދީފަ އެވެ.
އޭގެ ތެރޭގައި، ޏ. ފުވައްމުލައް، ރ. އަލިފުށި، އދ. މާމިގިލި، ފ.ނިލަންދޫ ހިމެނެ އެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އެފަދަ ތައުލީމާ ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށްދިނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުން އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.