ކުރީ ރެއަކު ރައްޓެއްސަކު ބުންޏެވެ. ތިމަންނާމެންގެ އޮފީހަށް ތަރާވީސްދަމު ހާދަ ގިނަ ކައި އެއްޗިއްސެއް ގެންދެއެވެ. ތަފާތު ވައްތަރުގެ ހެދިކާއާއި ފަންޏެވެ. ސޫޖީއާއި ކަންޖެވެ. އަދިވެސް އެތައް އެއްޗެކެވެ. އެކަމަކު ރަހަ ބަލައިލުން ފިޔަވައި މިއިން އެއްޗެއް ކާނެ މީހަކު ނުވެއެވެ. ކޮންމެ މީހަކުވެސް ރޭގަނޑު އޮފީހަށް އަންނައިރު ހުންނަނީ ފުރިފަ އެވެ. އެއްޗެހިތައް ވަނީ ގިނައެވެ. އަކަމަކު އަނެއްރޭވެސް ހަމަ މި މަންޒަރު ތަކުރާރު ކުރެއެވެ.

މިއީ އެންމެ އޮފީހެއް ދެ އޮފީހެއްގައި ކަން އޮންނާނެ ގޮތެއް ނޫނެވެ. ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމާޢަތްތަކުގައި ވެސް އޮންނަ ކަމެކެވެ. އެތައް އެއްޗެއް ގިނަވެގެން އުކާލެވެއެވެ. އިސްރާފު ކުރެވޭ މިންވަރު ވަޒަން ކޮށްލެވޭނީ މިގޮތަށް އުކާލާ ހުރިހާ އެއްޗެއް އެއްތަނަކަށް ޖަމާކޮށްލެވޭނަމަ އެވެ.

މިއީ ބަރަކާތްތެރި ރަމަޟާންމަހެވެ. މާތްކަމާއި މަތިވެރިކަމުގެ މަހެވެ. ހެޔޮ އަމަލުތައް ގިނަކޮށް، ވިޔާނުދާ އަމަލުތަކާ ވީވަރަކުން ދުރުވުމަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ މަހެވެ.

ގަބޫލުކުރަމެވެ. ރަމަޟާންމަހު ދިވެހިން އަޅުކަންތަކަށް ދޭ ސަމާލުކަން ބޮޑުކުރެ އެވެ. މިސްކިތްތަކަށް ބަލައިލިޔަސް މިކަން އެނެގޭނެ އެވެ. އެހެނިހެން މަސްމަހާ އަޅައި ބަލާއިރު އެތައް ގުނައެއް އިތުރަށް، މިމަހު މީހުން މިސްކިތަށް އަރަ އެވެ. ނަމާދުކޮށް ނިމިގެން ﷲ ކަލާންފުޅު ހިފައިގެން ތިބޭމީހުންގެ އަދަދު ގިނަ އެވެ. ތަފާތު ގޮތް ގޮތަށް ޞަދަޤާތް ކުރާމީހުންގެ އަދަދު ވެސް ވަނީ މައްޗަށް ޖެހިފަ އެވެ.

ޞަދަޤާތަކީ އޭގެޒާތުގައި ކުރެވޭ ވަރަށް ބޮޑު ހެޔޮކަމެކެވެ. މާތް މަޤުޞަދެއްގައި ކުރެވެނީނަމަ އެވެ. އޭގައި ގޯސް ނިޔަތެއް ނެތް ނަމައެވެ. އެހެންނަމަވެސް ކިތަންމެ މާތް މަތިވެރި މަޤުޞަދެއްގައި ކުރާކަމެއްގައި ވެސް، އަދި ކިތަންމެ ރަނގަޅުކަމެއް ކަމަށް ނިންމައިގެން ކުރެވޭ ކަމެއެްގައިވެސް، ގޯސް ފަޅިއެއް އޮވެދާނެ އެވެ. ކުރަން ނުވާ ގޮތަކަށް ކަމެއް ކުރެވިދާނެ އެވެ.

ދަންނަވަން މިއުޅެނީ ގިނަ މީހުންނަށް މިމަހު ކުރެވޭ އެންމެ ބޮޑު އެއް ވިޔާނުދާ ކަންތަކުގެ ވާހަކަ އެވެ. އިސްރާފުގެ ވާހަކައެވެ. ރޯދައަށް ހުންނައިރު ކޮންމެ މީހަކުވެސް ހުންނަނީ ވަރަށް ހައިވެފަ އެވެ. ނަތީޖާއަކަށް ވަނީ ހެދޭ ބާވަތްތައް ގިނަވުމެވެ. ހެދޭ މިންވަރު އިތުރު ވުމެވެ. އެކަމަކު ވީއްލުމާއެކު ވަނީ ކިހިނެއް ހެއްޔެވެ؟ ފުރެނީ އެވެ. އެންމެ ފަނިތައްޓަކާއި ދެ ހެދިކާއަކުން ފުދެއެވެ. ތައްޔާރުކުރި އެއްޗެހިތައް ވަނީ ގިނަ އެވެ. އިސްރާފަކީ ގޯހެއްކަން އެނގޭއިރުވެސް ކުރެވެނީ އިސްރާފެވެ. އެކަމަކު އަނެއް ދުވަހުވެސް ކަން ކުރެވެނީ މިކަހަލަ ގޮތަކަށެވެ.

ބަޔަކު ރޯދަވީއްލަން ނުވަތަ ތަރާވީޙަށް ގެންނަން ގަސްދުކުރާނަމަ، އެގެއެއްގައި ތައްޔާރުކުރާ އެއްޗެހި އެތައް ގުނައަކަށް އިތުރު ކުރެއެވެ. ތަފާތުވައްތަރުގެ ހެދިކާ އެވެ. އެތައް ވައްތަރެއްގެ ފަންޏެކެވެ. ގަދަފަދަ ކެއުން ގަނޑެވެ. އަމިއްލަ ހައިބަތު ބޮޑު ކުރާށެވެ. ހިތަށް ހަމަޖެހުން ހޯދާށެވެ. ނުފުދޭ ބައެއްގެ ލޭބަލް ތަތްވެދާނެތީ އެކަމުން ވެސް ސަލާމަތްވާށެވެ.

ކާތަކެތިން މޭޒުތައް ފުރާލައިގެން، ހިތްހަމަޖެހިފައި ހުއްޓާ، ކަން ނިމިގެން ދަނީ ކިހިނެއް ހެއްޔެވެ؟ ގެއަށް އަންނަ މެހެމާނުން ކައި ނިމިގެން ދާއިރު، ތަށިމަތި އަޑިއަޅައެއް ނުލަ އެވެ. ބަރާކޮށްލި މޭޒު، އެ ބަރާކަންމަތީގައި ހުރެއެވެ. ދެން މިތަކެއްޗަށް ވެސް ޖާގަ ލިބެނީ ގޮނޑުންނެވެ. ކުރެވުނު ބުރަ މަސައްކަތަކާއެކު، ބޮޑު އިސްރާފެކެވެ.

މިއީ ބަރަކާތްތެރި މަހެކެވެ. އަޅުކަމުގެ މަހެކެވެ. ގޯސް އެންމެހާ ކަންކަމާ ދުރުވެ ތިބެންޖެހޭ މަހެކެވެ. ކަމެކޭ ކިތަންމެ ހީނުވިޔަސް، އިސްރާފަކީ ކުރެވޭ ގޯސްކަމެކެވެ. ވީއިރު މިފަދަ މަހަކާ ގުޅުވައިގެން ކުރެވޭ އިސްރާފު އިތުރުވުމަކީ ހެދޭ ވަރަށް ބޮޑު ގޯހަކަށް ނޫނީ ވަނެއެކޭ ހިތެއް ނުބުނެއެވެ. ވިސްނައިލާށެވެ.