މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުރި އެމެރިކާ ޑޮލަރުގެ ރިޒާވާއި ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ ވެސް އިތުރުވެއްޖެ އެވެ.

މަނިޓަރީ އޮތޯރިޓީން އިއްޔެ ނެރުނު އިގްތިސާދީ ރިވިއުގެ ފެބްރުއަރީ މަހުގެ އަދަދުގައި ބުނެފައިވާ ގޮތުގައި، ފެބްރުއަރީ މަސް ފެށުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 625.9 މިލިޔަން ޑޮލަރެވެ.

އަހަރުން އަހަރަށް ބަލާ އިރު، މި އަދަދަކީ 31 ޕަސަންޓު އިތުރު އަދަދެކެވެ.

ރިވިއުގައި ބުނެފައިވާ ގޮތުން، ފެބްރުއަރީ މަސް ފެށުނު އިރު ރަސްމީ ރިޒާވުން ވަގުތުން ވަގުތަށް ބޭނުން ކުރުމަށް ހުންނަ ފައިސާ ނުވަތަ ޔޫޒަބަލް ރިޒާވުގެ ގޮތުގައި ހުރީ 205.6 މިލިޔަން ޑޮލަރެވެ.

ޑޮލަރުގެ ރިޒާވަކީ މަހުން މަހަށް ފްލަކްޗުއޭޓް ވާ އަދަދެކެވެ. ސަބަބަކީ މަހުން މަހަށް ދައުލަތުގެ ޚަރަދާއި އާމްދަނީ ވެސް ތަފާތުވުމެވެ.

ފެބްރުއަރީ މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައިވާ ގޮތުން އެ މަހުގެ ތެރޭގައި އިގްތިސާދުގައި ދައުރުކުރާ ފައިސާ ވެސް ވަނީ އިތުރުވެފަ އެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި ރާއްޖެއިން ބޭރުގައި ހުރި އެ އޮތޯރިޓީގެ ރިޒާވް އިތުރުވެ، ފޮރިން ލައިބިލިޓީސް ދަށްވުމުގެ ސަބަބުން ފެބްރުއަރީ މަހު ރާއްޖޭގެ އިގްތިސާދުގައި ހުރި ފައިސާގެ އަދަދު 33 ބިލިޔަން ރުފިޔާއަށް އިތުރުވި އެވެ.

އެ އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ނުވަ ޕަސަންޓު އިތުރު އަދަދެކެވެ.

އެމްއެމްއޭ އިން ބުނީ ފެބްރުއަރީ މަހު އެމްއެމްއޭގެ ނެޓް ޑޮމެސްޓިކް އެސެޓްސް ދަށްވުމާ ގުޅިގެން، ބޭންކިންގް ނިޒާމުގެ ނެޓް ޑޮމެސްޓިކް އެސެޓްސް ވެސް ދަށްވި ކަމަށެވެ.

އެހެން ނަމަވެސް ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ މިންވަރު އިތުރުވުމާ އެކު ބޭންކުތަކުގެ ޑޮމެސްޓިކް އެސެޓްސް އިތުރުވި ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.