27 Mar 2018, 10:55
ކްލަބު މޯލްޑިވްސް ކަޕްގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި، އެލައިޑާއި، ޕްރިޒަން ކްލަބާއި، ކްލަބު އެމްޓީސީސީ އަދި ކްލަބު ވެމްކޯއިން ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.
މާފަންނު ސްޓޭޑިއަމްގެ މިނީ ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ކުޅެފައިވަނީ 'ގްރޫޕް އެޗް' އަދި 'ގްރޫޕް ޖީ'ގެ ދެ މެޗެވެ.
'ގްރޫޕް ޖީ'ގައި ރޭ އެސްޓީއޯ ވަނީ 5-2ގެ ނަތީޖާއަކުން ކްލަބު އިމިގްރޭޝަން ބަލިކޮށްފައެވެ. އެ މެޗުގައި އެސްޓީއޯއިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު މުހައްމަދު އިމްރާން ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝާހުއެވެ. އިމިގްރޭޝަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ވިސާމް (ޖެރާޑް) އާއި ހަސަން އަޒްވާން ލަބީބެވެ.
'ގްރޫޕް ޖީ'ގައި ރޭ ކްލަބު އެމްޓީސީސީއާއި ކްލަބު ވެމްކޯ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ ގްރޫޕުގެ އެންމެ ކުރީގައި އޮތް ވެމްކޯއާއި އެމްޓީސީސީއަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެސްޓީއޯއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އިމިގްރޭޝަނަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
'ގްރޫޕް އެޗް'ގައި ރޭ އެލައިޑުން ވަނީ 3-1ގެ ނަތީޖާއަކުން ހޯމް އެފެއާޒް ބަލިކޮށްފައެވެ. އެ މެޗުގައި އެލައިޑުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު، އައިރޫން އަހްމަދު ރަޝީދު ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ލިރުއާމްއެވެ. ހޯމް އެފެއާޒްގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަޒީލެވެ.
'ގްރޫޕް އެޗް'ގައި ރޭ ޓީމް މެޑް އަތުން ޕްރިޒަން ކްލަބު މޮޅުވީ 6-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޕްރިޒަނުން ޖެހި ހަ ލަނޑުގެ ތެރެއިން އިސްމާއިލް ޒަރީރާއި ހުސައިން ނަބީހު، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ ބާކީ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ޔަޒީލާއި މޫސާ ހަސަން ފުޅެވެ. ޓީމް މެޑްގެ ތިން ލަނޑުގެ ތެރެއިން ޖުމައިލް ޖަމީލް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހިސާން މުހައްމަދެވެ.
'ގްރޫޕް އެޗް'ގެ އެންމެ ކުރީގައި އޮތް ޕްރިޒަނާއި އެލައިޑަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޓީމް މެޑްއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ހޯމް އެފެއާޒަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އެ މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ 'ގްރޫޕް އޭ' އަދި 'ގްރޫޕް ބީ'ގެ ފަހު މެޗުތަކެވެ. 'ގްރޫޕް ބީ'ގައި މާދަމާ ރޭ 8:15ގައި ޔުނައިޓެޑް ބީއެމްއެލްއާއި އިސްލާމިކް އެފެއާޒް ބައްދަލުކުރާ އިރު، ހަމަ އެގަޑީގައި އެ ގްރޫޕުން ކްލަބު އެޗްޑީސީއާއި ޔެސް ޓީވީ ވާދަކުރާނެއެވެ. 'ގްރޫޕް އޭ'ގައި މާދަމާ ރޭ 9:15ގައި އެމްޕީއެލްއާއި މީޑިއާނެޓް ބައްދަލުކުރާ އިރު، ހަމަ އެގަޑީގައި އެ ގްރޫޕުން ސިވިލް ކޯޓާއި ކްލަބު ޓީސީއެލް ވާދަކުރާނެއެވެ.