އެމްޕީއެލްގެ ހަތަރު ޑިޕާޓްމެންޓެއްގެ އިސް މަގާމުތަކުގައި ތިއްބެވި ހަތަރު މުވައްޒަފަކު މަގާމުން ވަކި ކުރީ ކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު ނަރީޝް މިއަދު ސަން އަށް ވިދާޅުވީ މުވައްޒަފުން "ވަޒީފާ އިން ވަކިކުރީ ކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން" ކަމަށާއި "އިތުރު އެހެން އެއްވެސް ސަބަބަކާ ގުޅިގެން ނޫން" ކަމަށެވެ.

އެމްޕީއެލްގެ ވަޒީފާ އިން ވަކިކުރީ އެކުންފުނީގެ ޑިވިޝަން ހެޑް އިބްރާހިމް ރަޝީދާއި ޓާމިނަލް ވެހިކަލް ޔުނިޓުގެ ހެޑް މުހައްމަދު މަސީހުގެ އިތުރުން ކާގޯ ހެޑް އިބްރާހިމް ވަހީދާއި މާލޭ ނޯތު ހާބަރުގެ ހެޑް މުޖާހިދު އަނީސް އެވެ.

އެމްޕީއެލްގެ ބައެއް ޑިޕާޓްމެންޓުތައް އުވާލާ ބައެއް ޑިޕާޓްމެންޓުތައް އެއްކޮށް ލުމުގެ ސަބަބުން އުވާލި ޑިޕާޓްމެންޓުތަކުގެ ވެރިން ވަޒީފާ އިން ވަކިކުރީ ކުރިން ހުރި ވަޒީފާ އަކަށް ވުރެ ދަށް ވަޒީފާ އަކަށް ނުލަން ކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.

އެމްޕީއެލްގެ ބޯޑަށް ވެސް ދާދިފަހުން ވަނީ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ތިން ބޭފުޅަކު ވަކިކޮށް ތިން ބޭފުޅަކު ވަނީ އައްޔަން ކޮށްފަ އެވެ.