27 Mar 2018, 10:07
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގުޅިފަޅު އިންވެސްޓްމެންޓްސް ކުންފުނި އެއްކޮށްލައި، އުފެއްދި "ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" ކުންފުނީގެ ބޯޑު އެކުލަވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން މި މަހު 20 ވަނަ ދުވަހު އުފެއްދި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މަސައްކަތްތަކަކީ ތިލަފުށި ކޯޕަރޭޝަނާއި ގުޅިފަޅު އިންވެސްޓްމެންޓްސްގެ މަސައްކަތްތައް ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގެ އިގްތިސާދީ މަސައްކަތްތައް ކުރުމަށް ޚާއްސަވާ އެ ކުންފުނީގެ ބޯޑު ވަނީ އެކުލަވާލާފައި ކަމަށެވެ.
ޗެއާމަން:
މުހައްމަދު ރަޝީދު- މެނޭޖިންގް ޑިރެކްޓަރ:އަހްމަދު ނާސިފް
- ޑިރެކްޓަރު:އަދީލް ޖަލީލް
- ޑިރެކްޓަރު:އައިމިނަތު ޝާނާ
- ޑިރެކްޓަރު:އަހްމަދު ނަޝީދު
- ޑިރެކްޓަރު:އަބްދުލްމުންނިމް މުހައްމަދު މަނިކު
- ޑިރެކްޓަރު:އައިމިނަތު ހަމީދު
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވާ ގޮތުން ގުޅީފަޅާއި ތިލަފުށީގެ ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމުގައި ފަޅު ހިއްކައިގެން އުފެއްދޭ ބިން ސިނާއި ނުވަތަ އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށާއި އިގްތިސާދީ ގޮތުން ފައިދާ އެންމެ އިތުރުވާނޭ ގޮތަށް އެ ސަރަހައްދުގައި ހިންގާ ސިނާއީ މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ބަލަހައްޓާނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑުންނެވެ.
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގުޅީފަޅު އިންވެސްޓްމެންޓް ލިމިޓެޑްގެ ގާނޫނީ ހައްގުތަކާއި އުފުލަން ޖެހޭ އިލްތިޒާމްތަކާއި ޒިންމާތަކާއި ދެ ކުންފުނީގެ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި އަދި ދަރަނި ވެސް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި އެވެ.
އާ ކުންފުނީގެ ރައުސުމާލަކީ ދެ ބިލިޔަން ރުފިޔާ އެވެ. އެއީ 10 ރުފިޔާއަށް އަގު ކުރެވޭ 200 މިލިޔަން ހިއްސާ އެވެ.