27 Mar 2018, 10:20
ކުއަލަލަމްޕޫރު (މާޗް 27): މެލޭޝިއާގައި ދޮގު ހަބަރު ފަތުރާ މީހުން 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވޭ ބިލެއް އެ ގައުމުގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި އެވެ.
މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ބަހުސް ކުރަން ހަމަޖެހިފައިވާ "އެންޓި ފޭކް ނިއުސް ބިލު"ގެ ދަށުން ދޮގު ހަބަރު ފަތުރާ މީހުން ޖަލަށް ލުމުގެ އިތުރުން 500،000 ރިންގިޓު (128،000 ޑޮލަރު؛ 1,993,281 ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެ އެވެ.
އެބިލުގައިވާ ގޮތުން ފޭކް ނިއުސް އަކީ "އެއްކޮށް ނުވަތަ ކޮންމެވެސް ވަރަކަށް ދޮގު މައުލޫމާތު ހިމެނޭ ހަބަރާއި ޑޭޓާ އާއި ރިޕޯޓުތަކެވެ". އަދި އެކުށް ކުރާ މީހަކަށް ވަނީ "އެއީ ދޮގު މައުލޫމާތުކަން އެނގި ހުރެ އެފަދަ ހަބަރު ހަދައި، ޝާއިއުކޮށް، ޕްރިންޓުކޮށް، ފެތުރުމުންނެވެ'. އޭގެ ތެރޭގައި ބްލޮގްތަކާއި ޕަބްލިކް ފޯރަމްތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް ހިމެނޭނެ އެވެ.
އަދި އެހަބަރަކީ މެލޭޝިއާއާ ގުޅޭ ހަބަރެއް ނަމަ، އެމީހަކު އެގައުމުގައި ނުވަތަ ގައުމުން ބޭރުގައި ހުރި ނަމަވެސް އެމައްސަލަ ބެލޭނެ އެވެ. އެހެންކަމުން އެ ގާނޫނުގެ ދަށުން ބޭރު މީހުންނަށް ވެސް މެލޭޝިއާގެ ކޯޓުތަކުގައި ހުކުމް ކުރެވޭނެ އެވެ.
އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ މި އަހަރު ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިހާބާ ދިމާކޮށް، އިދިކޮޅު ފަރާތްތަކުގެ އަޑު މަޑު ކުރުމަށް ހުށަހެޅި ބިލެއް ކަމަށް ބުނެފަ އެވެ. އަދި އެބިލުގެ ސަބަބުން ވަންއެމްޑީބީ މައްސަލަ ފަދަ ކަންތައްތަކާ ބެހޭ ގޮތުން ރިޕޯޓު ކުރުން ހުއްޓުވޭނެ ކަމަށް ބުނެފަ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ މެލޭޝިއާގެ ވަން އެމްޑީބީ އިންވެސްޓުމެންޓު ފަންޑުން ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަމިއްލަ އެކައުންޓަށް 700 މިލިޔަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ބޮޑުވަޒީރު ނަޖީބު ވަނީ އެއީ ހިޔާނާތުގެ ގޮތުގައި ހޯއްދެވި ފައިސާ ކަމަށް އިންކާރު ކުރައްވައިފަ އެވެ. އަދި ވިދާޅުވެފައި ވަނީ އެއީ ސައުދީ ސަރުކާރުން އޭނާ އަށް ދިން ފައިސާއެއް ކަމަށެވެ. (ބީބީސީ)