އަނޫރާގް ޑައިރެކްޓްކުރާ ފިލްމު "މަންމަރްޒިޔާން" އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ކުޅަދާނަ ބަތަލު އަބީޝޭކް ބައްޗަން އަދި "ޖުޅްވާ 2" އިން މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަލާ ތާޕްސީ ޕަންނޫ ލީޑް ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ.

އާނަންދް އެލް ރާއީ ޕްރޮޑިއުސްކުރާ އެ ފިލްމަކީ ލޯބީގެ ފިލްމެކެވެ.

"ކާސްޓުންނާ މެދު ފުރިހަމަ އަށް އިތުބާރު އެބޮތް. މި ފިލްމު ވާނެ ބެލުންތެރިން ރޮއްވާލާ ފަދަ އަސަރުގަދަ ފިލްމަކަށް. ތަރިންނާ މެދު ވަރަށް ހިތްހަމަޖެހޭ،" އަނޫރާގް ބުންޏެވެ.

ފިލްމުގެ ފަސްޓް ލުކް މިހާރު ވަނީ ދައްކާލައިފަ އެވެ.

އެ ފިލްމު ކުރިން ޑައިރެކްޓް ކުރަން ހަމަޖެހުނީ ސަމީރް ޝަރުމާ އެވެ. ނަމަވެސް ދިމާވި ބައެއް އަމިއްލަ ސަބަބުތަކަކާ ހުރެ ފިލްމު ދޫކޮށްލުމުން ފިލްމާ ހަވާލުވީ އަނޫރްގާ އެވެ.