ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައި އޮންނަ އިރުމަތީ ޣޫތާގެ ބިމުގެ 80 ޕަސެންޓް އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުން މިހާރު ވަނީ މިނިވަންކޮށްފަ އެވެ.

ސޫރިޔާ ސިފައިންނާއި ރަޝިޔާ ސިފައިންގެ ވަރުގަދަ ޙަމަލާތަކާ އެކު އެމެރިކާ، ތުރުކީ، ޔޫރަޕް އަދި ގަލްފުގެ ބައެއްގައުމުތަކުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭން ގިނަ ޖަމާއަތްތައް މިހާރު ވަނީ ޣޫތާއިން ބޭރުވެ ސޫރިޔާގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ އިދްލިބްއަށް ދިޔުމަށް އެއްބަސްވެފަ އެވެ. ބައެއް ޖަމާއަތްތަކުގެ ހަނގުރާމަވެރިން ވަނީ އިދްލިބް އަށް ގޮސްވެސްފަ އެވެ.

ރަޝިޔާ މެދުވެރިއަކަށްވެގެން އެޖަމާއަތްތަކުން ސޫރިޔާ ސަރުކާރާ ދެމެދު އެއްބަސްވި އެއްބަސްވުން ބިނާވެފައި ވަނީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ މެދުމިނުގެ ޖަމާއަތްތަކުގެ ހަނގުރާމަވެރިން އަމާންކަމާއެކު ޣޫތާއިން ފާބައިގެން ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްނެތް ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކަށް އެމީހުން ދިޔުމަށެވެ. މިސަރަހައްދުތަކުގެ ތެރޭގައި އިދްލިބް ހިމެނެ އެވެ.

ޣޫތާގައި ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ގިނަ އަދަދެއްގެ ޖަމާއަތްތައް ހިމެނޭ އިރު މީގެތެރެއިން އެމެރިކާ، ތުރުކީ، ޔޫރަޕް އަދި ގަލްފުގެ ގައުމުތަކުގެ މަދަދު ލިބެނީ އަޙްރާރުއްޝާމް، ފައިލަގްއައްރަޙްމާން، ޖައިޝުއްރަޙްމާން ޖައިޝުލްއިސްލާމް، ފަދަޖަމާއަތްތަކެވެ. މިއީ ޓެރަރިސްޓުންކަމަށް ހުޅަނގުންނާއި އދ. އިން ވެސް ނުދެކޭ ޖަމާއަތްތަކެވެ. މިޖަމާއަތްތައް މިހާރު ވަނީ ސޫރިޔާ ސިފައިންގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ނުހޯދޭނެ ކަމަށް ނިންމައި ރަޝިޔާ މެދުވެރިއަކަށްވެގެން ލިބުނު ފުރުސަތުގައި ޣޫތާއިން އަމާންކަމާ އެކު ބޭރުވުމަށް އެއްބަސްވެ ގިނަ ޖަމާއަތްތަކުން މިހާރު ވަނީ އެމީހުންގެ އަތުގައިވާ އާދައިގެ ހަތިޔާރާ އެކު އިދްލިބްއަށް ގޮސްފަ އެވެ.

އިދްލިބްއަކީ އެޖަމާއަތްތަކުގެ އެހެން ހަނގުރާމަވެރިންގެ އަތްދަށުގައި އޮތްސަރަހައްދެކެވެ. މިޖަމާއަތްތައް ޣޫތާއިން ބޭރުވުމުން ޣޫތާގެ ބިމުގެ 80 އަށް ވުރެ ވެސް ބޮޑު ސަރަހައްދެއް ވަނީ ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ. މިޖަމާއަތްތައް ޣޫތާއިން ފޭބުމަށް ނިންމީ އެއްވެސް ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށް ސޫރިޔާ ސިފައިން އެއްބަސް ނުވުމާއެކު ރަޝިޔާއާއި ސޫރިޔާ ސިފައިންގެ ވައިގެ ޙަމަލާތަކުގައި ޣޫތާގައިވާ އެޖަމާއަތްތަކުގެ އަސްކަރީ މަރުކަޒުތައް މުޅިން ހަލާކުވެ ހަނގުރާމަކޮށްގެން ގަދަނުވާނެކަން ޔަގީންވުމުންނެވެ. މިއާއެކު ސޫރިޔާ ސަރުކާރުން ގެންދަނީ ޣޫތާ މިނިވަންކޮށް ބޭރުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްޗަށް ނަސްރު ހޯދިއްޖެކަން އިޢްލާން ތައްޔާރުވަމުންނެވެ.

ޣޫތާއިން ބޭރުވުމަށް އެއްބަސްވި ޖަމާއަތްތަކުގެ އިތުރުން ދެން ޣޫތާގައި ހަރަކާތްތެރި ވަނީ ހައްދު ފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކެވެ. މީގެ ތެރޭގައި ހިމެނެނީ އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޖަމާއަތްތަކެވެ. އެފަދަ ޖަމާއަތްތަކުގެ މަދުއަދަދެއްގެ ހަނގުރާމަވެރިން ނޫނީ ޣޫތާގައި ހަރަކާތްތެރިވަމުން ނުދާތީ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެޖަމާއަތްތަކުގެ ހަނގުރާމަވެރިން ބަލިކޮށް ޣޫތާ އެއްކޮށް މިނިވަންކުރެވޭނެ ކަމުގެ ޔަގީންކަން ސޫރިޔާ ސިފައިން އެބައޮތެވެ.

އަނެއްކޮޅުން ޣޫތާގެ އާންމުންގެ ތެރެއިން ވެސް ސަތޭކަ ހާސް މީހުން ވަނީ ޣޫތާއިން ނުކުމެ ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ އެހެން ސަރަހައްދުތަކަށް ގޮސްފަ އެވެ. މިއާއެކު ވެސް ޣޫތާގެ ބިމުގެ ގާތްގަނޑަކަށް 20 ޕަސެންޓް އަދި ވެސް އޮތީ އެކިއެކި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގަ އެވެ. ސޫރިޔާ ސިފައިން ވަނީ ހަނގުރާމަވެރިންގެ އަތްދަށުން ޣޫތާ އެއްކޮށް މިނިވަން ކުރެވެންދެން ހަމަލާތައް ހުއްޓާނުލާނެކަމަށް ބުނެފަ އެވެ. ޣޫތާ މިނިވަން ކުރުމަށް ސޫރިޔާ ސިފައިން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގައި 1،100 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާ އިރު ހަނގުރާމަވެރިންގެ ތެރެއިން އެތައް ހާސްބަޔަކު މަރުވެފައިވެ އެވެ. އަދި ސޫރިޔާ ސިފައިންގެތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކުވަނީ މަރުވެފަ އެވެ.

ޣޫތާ މިނިވަންކޮށް ސަރުކާރުގެ ބާރުގެ ދަށަށް އެސަރަހައްދު ގެނައުމަކީ ސޫރިޔާގެ ހަނގުރާމަ ނިމުމުގެ ފެށުންކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. ޣޫތާ މިނިވަންކުރެވުމާ އެކު ސޫރިޔާގެ ބިމުގެ ގާތްގަނޑަކަށް 70 ޕަސެންޓް ބިން ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް ގެނެވުނީ އެވެ. ޣޫތާ އިން ހަނގުރާމަވެރިން ނުކުތުމަށް ތުރުކީ ވެސް އެހީތެރިވެފައިވެ އެވެ. މިއީ ޣޫތާ ސޫރިޔާ ސަރުކާރުގެ ބާރުދަށަށްދިޔުމަށް ތާއީދުކުރާކަމުގެ ހެއްކެކެވެ. އަދި ޣޫތާގައި ސޫރިޔާ ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ތުރުކީން މާބޮޑަށް އަޅައެއްވެސް ނުލަ އެވެ.

މީގެ ބަދަލުގައި ތުރުކީ ސިފައިން ސޫރިޔާގެ އުތުރުގެ ކުރުދީ ސަރަހައްދެއް ކަމަށްވާ އަފްރީން އަށް ހަމަލާދީ އެސިޓީ ހިފިއިރު ވެސް ސޫރިޔާ ސަރުކާރުން މާބޮޑު އަޅާލުމެއް އަޅާލަފައެއްނުވެ އެވެ. އަދި ސޫރިޔާ ސަރުކާރަށް ވާގިވެރިވާ ރަޝިޔާ އާއި އީރާނުން ވެސް ތުރުކީ ސިފައިން އަފްރީން ހިފި މައްސަލަ ކުށްވެރިކޮށްފައެއް ނުވެ އެވެ. މިއާ އެކު ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލަން ޖެހޭ ކަމަށް ބުނެ ތުރުކީ މަސްއޫލުވެރިން ދެއްވާ ބަޔާންތައް ވެސް ވަނީ ވަރަށްބޮޑަށް މަދުވެގެންގޮސްފަ އެވެ.

އެހެންކަމުން ތުރުކީ ސޫރިޔާގައި ގެންގުޅޭ ސިޔާސަތަށް މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފަ އެވެ. ތުރުކީއަށް މިހާރު މުހިއްމީ އެމެރިކާގެ މަދަދުލިބިގެން ސޫރިޔާގެ އުތުރުގައި އަމިއްލަ ވެރިކަމެއް ގާއިމްކުރަން ހަނގުރާމަކުރާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންގެ މައްސަލަ އެވެ. އަފްރީން ހިފުމަށް ތުރުކީ ސިފައިން ކުރި ހަނގުރާމައިގާ ތިންހާހަށް ވުރެ ގިނަ ކުރުދީ ހަނގުރާމަވެރިން މަރާލި ނަމަވެސް ތުރުކީގެ އަށްޑިހަވަރަކަށް ސިފައިންނާއި ތުރުކީއަށް ތާއީދުކުރާ ސޫރިޔާގެ ޖަމާއަތެއްކަމަށްވާ ފްރީސީރިޔަން އާމީ ޖަމާއަތުގެ ހާހެއްހާ ހަނގުރާމަވެރިން މަރުވި އެވެ. މިހާރު މަންޒަރު ފެންނަ ގޮތުން އީރާނާއި ރަޝިޔާ މެދުވެރިކޮށް ތުރުކީ ގެންދަނީ ސޫރިޔާ ސަރުކާރާ ނުސީދާ ގޮތެއްގައި މުއާމަލާތްތަކެއް ކުރަމުންނެވެ.

މިމުއާމަލާތްތަކުގެ ބޭނުމަކީ ސޫރިޔާ ސަރުކާރު ގަދަބާރުން ވައްޓާލުމުގެ ވިސްނުން ތުރުކީން ދޫކޮށްލުމެވެ. އަދި ރައީސް ބައްޝާރުލްއަސަދު ވެރިކަމުގައި ހުންނަވައިގެން ސޫރިޔާގެ މައްސަލަ ސުލްޙަވެރިގޮތުގައި (ސިޔާސީ ގޮތުން) ޙައްލުކުރުމަށް ތުރުކީން އެއްބާރުލުން ދިނުމެވެ. މީގެއިތުރުން ތުރުކީ ސިފައިންގެ އަތްދަށުގައިވާ ސޫރިޔާގެ ކުރުދީ ސަރަހައްދު ކަމަށްވާ އިފްރީން ފަހުގެ މަރުހަލާއެއްގައި ސޫރިޔާ ސަރުކާރާ ހަވާލުކުރުމެވެ.

ޣޫތާއިން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބޭލުމަށް ތުރުކީގެ އެއްބާރުލުން ލިބުނީ މި ވިސްނުމުގެ ދަށުންނެވެ. މީގެބަދަލުގައި ތުރުކީން ސޫރިޔާގެ ކިބައިން އެދެނީ މައިގަނޑު އެންމެ ކަމެކެވެ. އެއީ އެމެރިކާގެ މަދަދު ލިބިގެން ސޫރިޔާގެ އުތުރުގައި އަމިއްލަ ވެރިކަމެއް ގާއިމްކުރަން މަސައްކަތްކުރާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކާ ދެކޮޅަށް ތުރުކީ ސިފައިން ކުރާ ހަނގުރާމައަށް ލޯމަރާލައިގެން އޮތުމެވެ. ނުވަތަ އެކަމާދެކޮޅަށް ސޫރިޔާ ސިފައިން ހަރަކާތްތެރި ނުވުމެވެ. އަދި ރަޝިޔާއާއި އީރާނުން ވެސް ތުރުކީގެ އެމަސައްކަތާ ދެކޮޅު ނުހެދުމެވެ. މިގޮތަށް ކަންތައްކޮށްފި ނަމަ ސޫރިޔާގެ އުތުރުން ތުރުކީ ސިފައިން ހިފާ ބިންތައް ފަހުގެ މަރުހަލާއެއްގައި ސޫރިޔާ ސަރުކާރާ ހަވާލުކުރުމަށް އުސޫލެއްގެ ގޮތުން ތުރުކީ އެއްބަސްވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސޫރިޔާގެ އުތުރުގައި ތުރުކީ ސިފައިން ހިންގާ އަސްކަރީ ހަރަކާތްތަކަށް ރަޝިޔާއާއި އީރާނާ އަދި ސޫރިޔާއިން އަޅާނުލައި އޮންނަނީ މިސަބަބާ ގުޅިގެންކަން ވަނީ ވަރަށް ބޮޑަށް ޔަގީންވެފަ އެވެ. މިއާއެކު ސޫރިޔާ ސަރުކާރު މިވަނީ ސޫރިޔާގެ ހަނގުރާމަ ކާމިޔާބު ކުރުމާ ވަރަށްގާތުގަ އެވެ. ބޭރުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތަކަށް ސޫރިޔާ ސިފައިން ބަލިކޮށް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ގަދަބާރުން ވައްޓާ ނުލެވޭނެކަން މިވަނީ ވަރަށްބޮޑަށް ޔަގީން ކުރެވިފަ އެވެ. މިހާރުގެ ހާލަތަށް ބަލާއިރު ޣޫތާ މިނިވަންކުރެވުމުން ސޫރިޔާގެ ބިމުގެ 70 ޕަސެންޓް އޮންނާނީ ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އަނެއް 30 ޕަސެންޓް ބިމުގެ ތެރެއިން 20 ޕަސެންޓަކީ ސޫރިޔާގެ އުތުރުގައިވާ ކުރުދީ ސަރަހައްދުތަކެވެ. ބާކީ ދިހައެއް ޕަސެންޓަކީ ސޫރިޔާގެ ހުޅަނގު އުތުރުގައިވާ ސަރަހައްދުތަކެވެ.

މިސަރަހައްދުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ އަސްކަރީ އޮޕަރޭޝަން އަންނަ މަހު ސޫރިޔާ ސިފައިން ފަށާނެ އެވެ. އަދި ސޫރިޔާގެ އުތުރުގައިވާ ކުރުދީ ސަރަހައްދުތަކުގެ ތެރެއިން ތުރުކީ ސިފައިން އަތްދަށުލާ ސަރަހައްދުތަށް ފަހުގެ މަރުހަލާއެއްގައި ހަވާލުކުރާނީ ވެސް ސޫރިޔާ ސަރުކާރާ ކަމަށް ތުރުކީ މަސްއޫލުވެރިންގެ ވާހަކަތަކުން ހާމަވެ އެވެ.

އެހެންކަމުން ސޫރިޔާގެ ހަނގުރާމައިގާ ސަރުކާރުގެ ކޮންޓްރޯލް ގެއްލިގެން ދިޔަ ހުރިހާ ބިންތަކެއް މިއަހަރު ތެރޭގައި ސޫރިޔާ ސަރުކާރުގެ އަތްދަށަށް އަލުން ގެނެވޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. ސޫރިޔާގެ ހަނގުރާމައަކީ އެމެރިކާއި އިސްރާއީލާ އަދި އެ ދެ ގައުމަށް ވާގިވެރިވާ ޖަމާއަތްތަކާއި ގައުމުތަކުން އަޑީގައި ތިބެގެން ހުޅު ރޯކޮށްލި ޖިއޮޕޮލިޓިކަލް ހަނގުރާމައެކެެވެ.