ޗައިނާގެ މަޝްހޫރު އީކޮމާސް ކުންފުންޏާއި މަޝްހޫރު ކާރު ކުންފުނި ފޯޑް ގުޅިގެން ހުސްވި އަހަރުންފެށިގެން އަންނަނީ ޗައިނާގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓެކްނޮލަޖީގެ އާ އީޖާދުތައް ބޭނުންކޮށްގެން އާ ކަންތައްތައް ތައާރަފް ކުރުމަށް އެ ދެކުންފުނިން ގުޅިގެން މަސައްކަތްތައް ކުރަމުން ދެއެވެ.

އެގޮތުން ޗައިނާގެ ގުއަންޒޯގައި ދެ ކުންފުނި ގުޅިގެން ވަނީ ކާރު ވެންޑިން މެޝިނެއް ބަހައްޓައިފައެވެ. "ކެޓް ތީމްޑް" މި ވެންޑިން މެޝިނާއެކު ފޯޑުގެ އުފެއްދުންތަކުގެ ތެރެއިން ކަސްޓަމަރުން ގަންނަން ބޭނުންވާ ކާރު ޓެސްޓުކޮށްލަން ދުއްވައިލުމުގެ ފުރުސަތު ލިބެއެވެ.

"ސުޕަ ޓެސްޓް ޑްރައިވިންް ސެންޓާ" އަކީ އެއްވެސް ސްޓާފެއް ނުލައި ހިންގާ ވެންޑިން މެޝިނެވެ. އެއްވެސް ސްޓާފެއް ބޭނުންނުވާ މި ޑިޖިޓަލް ވެންޓިން މެޝިން ބޭނުންކުރެވޭނީ އެޕްލިކޭޝަނަކާ އެކުއެވެ. އެގޮތުން ބޭނުންވާ ކާރުގެ މޮޑެލް އިޚްތިޔާރުކޮށް، ޑިޕޮސިޓްގެ ގޮތުގައި ވަކި ވަރަކަށް ފައިސާ ދައްކަންޖެހެއެވެ. އަދި ކާރު ނަގާނެ ވަކި ގަޑިއެއް ހަމަޖައްސައި، ވެންޑިން މެޝިނުން ސެލްފީއެއް ނަގަން ޖެހެއެވެ. އެއީ ކާރު ނަގަން އަންނަ އިރު މީހާގެ ސިފަ ވަކި ކުރުމަށެވެ.

ކްރެޑިޓް ސްކޯ 700 އަށް ވުރެ މަތިނަމަ، ކާރު ޓެސްޓް ޑްރައިވްގެ އަގަށް އެއްވެސް އެއްޗެއް ޗާޖެއް ނުކުރެއެވެ.