27 Mar 2018, 00:39
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހާސިލުކުރުމުގެ ޝަރަފު ގައުމީ ޔުނިވާސިޓީގެ ދެ ދަރިވަރުން ކަމަށްވާ ސުނީނާ ރަޝީދު އަދި އައިޝަތު އަލީއަށް ލިބިއްޖެއެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވުމަށް ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޕީއެެޗްޑީ ހާސިލްކުރި ސުނީނާ އާއި އައިޝަތު އަށް ސަނަދު ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.
ގައުމީ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރި ސުނައިނާއަށް ހޯމް މިނިސްޓަރު އަޒްލީން ސަނަދު އަރުވަނީ --- ސަން ފޮޓޯ؛ މުހައްމަދު އަފުރާހު
ސުނީނާ ޕީއެޗްޑީ ހާސިލް ކުރެެއްވީ ރާއްޖޭގެ މުދައްރިސުން ތަމްރީންކުރުމުގެ މައިދާނީ ތަމްރީނު މިހާރު ހިންގާ ގޮތާއި ދިމަވާ ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތްތަނުގައި އެ ތަމްރީންތައް ރާވާ ހިންގިދާނެ ގޮތްތަކާ ބެހޭގޮތުން އޭނާ ކުރި ދިރާސާގެ މައްޗަށެވެ.
އައިޝަތު ޕީއެޗްޑީ ހާސިލް ކުރެެއްވީ 1900 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހިނގައިދިޔަ 115 އަހަރުގެ މުއްދަތުގައި ރާއްޖޭގައި ހިންގި މުހިންމު ތައުލީމީ ސިޔާސަތުތައްް "ޕްރޮޖެކްޓް ޓެރެޖެކްޓްރީ" ގެ ނަޒަރިއްޔާއިން އޭނާ ކުރި ދިރާސާގެ މައްޗަށެވެ.
ގައުމީ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރި އައިޝަތު އަލީއަށް ސަނަދު އަރުވަނީ -- ސަން ފޮޓޯ؛ މުހައްމަދު އަފުރާހު
މިރޭގެ ރަސްމިޔާތުގައި 290 ދަރިވަރަކު ދަސްވެނިވިއިރު، 145 ދަރިވަރަކު ބެޗްލާސް ޑިގްރީ އަދި 143 ދަރިވަރަކު ވަނީ މާސްޓާސް ޑިގްރީ ހާސިލްކޮށްފައެވެ.
ދަސްވެނިވިނި ދަރިވަރުންގެ ތެރެއިން ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކޮށް ރައީސުލް ޖުމްހޫރިއްޔާގެ އެވޯޑް ހަތް ދަރިވަރަކު ވެސް ވަނީ ހާސިލްކޮށްފައެވެ.
ޖުމާނާ ތައުފީގު- ބެޗެލާސް އޮފް އާޓްސް އިން ދިވެހި ލެންގުއޭޖް
- މުނީރާ އާދަމް - ބެޗެލާސް އޮފް ޓީޗިން އިން ޕްރައިމަރީ (ސްޕެޝަލް އެޑިއުކޭޝަން)
- މުހައްމަދު ސުޖާއު - މާސްޓާސް އޮފް އެޑިއުކޭޝަން (އެޑިއުކޭޝަނަލް އެސެސްމަންޓް)
- ޝައިމާ މުފީދު - ބެޗެލާސް އޮފް ސައިކޮލޮޖީ
- ބުޝްރާ އަބްދުއް ލަތީފް - ބެޗެލާސް އޮފް އިސްލާމިކް ސްޓަޑީސް
- އިފާޒާ އަލީ - ބެޗެލާސް އޮފް ޝަރިއާ އެންޑް ލޯ
- މުހައްމަދު ފަޔާޒް - މާސްޓާސް އޮފް ލޯ
މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެޗްޑީ ހާސިލްކުރި ސުނީނާ ބުނީ ޕީއެޗްޑީއަށް ކިޔެވުމަކީ ބުރަ މަސައްކަތެއް ކަމަށެވެ. އަދި ޕީއެޗްޑީ ހާސިލްކުރަން ބޭނުންވާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ސުނީނާ މިރޭ ކިޔައިދިނެވެ.
"ޕީއެޗްޑީ އަކީ ނޮޓް އަ ބެޑް އޮފް ރޯޒަސް. ޕީއެޗްޑީ ހެދުމަކީ ބުރަ ބޮޑު މަސައްކަތެއް. މި މަސައްކަތް ކާމިޔާބު ކުރުމައްޓަކައި އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި ދަންނަވާނީ ތިން ކަމެއް ބޭނުންވެޔޭ. އިއީ ޕޭޝަންސް، ޕާސިވިއަރަންސް އަދި ޑިޓާމިނޭޝަން،" ސުނީނާ ބުންނެވެ.
ސުނީނާ ބުނީ ރާއްޖޭގައި އިލްމީ ގޮތުން ގާބިލް ދަރިވަރުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި އިތުރު ކުދިން ރާއްޖޭގައި ޕީއެޗްޑީއަށް ކިޔަވާތަން ދެކެން ބޭނުންވާ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ފުރަތަމަ ފަހަރަށް ގައުމީ ޔުނިވާސިޓީގެ ގޮފިތަކުގެ ތެރެއިން ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫގައި ހުންނަ ގޮފީގެ ދަރިވަރުންވެސް ވަނީ ދަސްވެނިވެފައެވެ.