27 Aug 2011, 12:12
ދިރާގުގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ތެރެއިން 33 ޕަސަންޓް ހިއްސާ އާއްމުކޮށް ވިއްކުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެ ފުރުސަތު އޮތީ ދިވެހިންނަށް ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ގައުމީ ޕާޓީގެ ނައިބު ރައީސް އަބްދުލް މަތީން ވިދާޅުވީ، ދިވެހި ކުންފުންޏަކަށް ދިރާގު ހަދަން ޖެހޭނެ ކަމަށް އެމްޑީޕީން ވަކާލާތުކުރަމުން އައި ނަމަވެސް، ވެރިކަން ލިބުނުތާ އެއް އަހަރު ނުވަނީސް ސަރުކާރުން ވަނީ ދިރާގުގެ ހަތް ޕަސަންޓް ހިއްސާ ކޭބަލް އެންޑް ވައަލެސް އަށް ވިއްކާލައި، މެޖޯރިޓީ ހިއްސާ ދޫކޮށްލާފައި ކަމަށެވެ.
އަދި ދިރާގުގެ ހަތް ޕަސަންޓް ހިއްސާ ދޫކޮށްލި އިރު ދެން އިތުރަށް ހިއްސާ ވިއްކާނީ އާއްމުންނަށް ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، އެ ފުރުސަތު ވަނީ ދިވެހިންނަށް ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އަނެއްކާ ހުޅުވާލައިގެން ހިއްސާ ވިއްކަން ފެށީމާ ބޭރު މީހުންނަށް ވެސް އެ ފުރުސަތު ލިބިގެންދާނެ. އެހެންވީމާ ރާއްޖޭގައި ހުރި އެންމެ ބޮޑު، އެންމެ ފައިދާވާ ކުންފުނީގެ ހިއްސާ މިލިބެނީ ދިވެހިން ފިޔަވައި އެހެން ފަރާތްތަކަށް. ދިވެހިންނަށް އޮތް ފުރުސަތު ހަނިވެގެން މިދަނީ." މަތީން ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ވެބްސައިޓުގައި ބުނަނީ، ސަރުކާރުން ޑޮލަރުގެ އަގު ބޮޑުކުރުމާ ގުޅިގެން ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ ދަނޑިވަޅެއްގައި އަނެއްކާ ވެސް ދިރާގުގެ ހިއްސާގެ ބައެއް ދޫކޮށްލަން ނިންމާފައި ވަނީ "ސަރުކާރުގެ ތެރޭގައި ތިބި ވަކި ބަޔަކަށް މަންފާތަކެއް ހޯދައިދިނުމަށް" ކަމަށް ބުނުމުގެ ޖާގަ އެބަ އޮތް ކަމަށެވެ.
"މިކަމަކީ އާންމު ރައްޔިތުންގެ ލާބަޔާ މަންފާއަށް ކުރެވޭ ކަމެއް ނަމަ މިފަދަ ނިންމުމެއް ނިންމާނީ ރައްޔިތުންގެ އާންމު މާލީ ހާލަތު ރަނގަޅުވެ ގިނަބަޔަކަށް ދިރާގުގެ ހިއްސާ ގަނެވޭ ފަދަ އިގުތިސާދީ ހާލަތެއްގަ އެވެ." ގައުމީ ޕާޓީން ބުނެފައިވެ އެވެ.
އަދި ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ކުރިޔަށް ގެންދާ ގޮތަށް ބަލާއިރު ފެންނަނީ ދުރުވިސްނުމެއް ނެތި ވަގުތީ ފައިދާތަކެއް ހޯދުމަށްޓަކައި ދައުލަތުގެ އަގުބޮޑެތި މުދާތައް ދޫކޮށްލެވޭތަން ކަމަށް ވެސް އެޕާޓީން ބުނެ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގައި ހުރި ބޮޑެތި ވިޔަފާރި ކުންފުނިތައް "ބިދޭސީންގެ އަތްމައްޗަށް ގޮސް އެތަންތަނުން ނަފާ ލިބޭ މީހުންނަކީ ބިދޭންސީން"ނަށްވެ، ބޮޑެތި ވަޒީފާތަކުން ދިވެހިން މަހްރޫމް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެޕާޓީން ދީފައިވެ އެވެ.
މިގޮތުން ސަރުކާރުގެ ސިޔާސަތުތައް މިޞްރާބުޖަހާފައި މިވަނީ ބޮޑެތި މުސާރަ އާއި ޢިނާޔަތްތައްލިބޭ ވަޒީފާތައް ބިދޭސީންނަށް ތަނަވަސްކޮށްދިނުމަށް ފަހު އާދައިގެ މަސައްކަތު މީހުންގެ ގޮތުގައި ދިވެހިން ދިރިއުޅުމަށް މަގުފަހިކުރުމަށެވެ. މިގޮތުން ސަރުކާރުން ދިވެހިންނަށް ވަޒީފާހޯދައިދިނުމުގެ ނަމުގައި ތަޢާރަފް ކުރި 8 ހާސް ފުރުޞަތު ހިމެނޭ ޕްރޮގްރާމްގެ ދަށުން ވެސް ޒުވާނުންނަށް ފުރުޞަތު ހޯދައިދެވެނީ ހަށިގަނޑަށް ބުރަ ޢާމްދަނީ ކުޑަ މަސައްކަތްތަކަށެވެ.
މިކަންކަމަށް ބަލާއިރު މިސަރުކާރުގެ ދުރުވިސްނުމެއްނެތް ސިޔާސަތުތަކުގެ ސަބަބުން ދިވެހިން މިދަނީ އަމިއްލަ ބިމުގައި ބިދޭސީންގެ މަޖޫރީންނަށް ވަމުންނެވެ.
އަންނަ އޮކްޓޯބަރު ދިރާގުގެ ހިއްސާ ވިއްކަން ފަށަން ސަރުކާރުން ވަނީ ނިންމައިފައިވާ އިރު، ހިއްސާ ގަތުމުގެ ފުރުސަތު ބޭރު ފަރާތްތަކާއި ދިވެހިންނަށް ވެސް އޮންނާނެ އެވެ. ނަމަވެސް، ދެބައިމީހުންނަށް ވިއްކާނެ ހިއްސާގެ އަދަދެއް، އަދި އަގެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.
އިކޮނޮމިކް މިނިސްޓަރު މަހްމޫދް ރާޒީ ވިދާޅުވެފައިވަނީ، ހިއްސާ ވިއްކާނީ ވަކިވަކި ފަރުދުންނަށް ވެސް ގަނެވޭ އަގެއްގަ ކަމަށެވެ. އެހެންކަމުން، މާބޮޑު ހިފެހެއްޓުންތަކެއް ހިއްސާ ވިއްކުމުގައި ނުގެންގުޅޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.