ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް 2018ގެ ޕޮޓޯގްރަފީ ޕާޓްނަރަކަށް އިމޭޖަސް އެމްވީ ހަމަޖައްސައިފިއެވެ.

މުބާރާތުގެ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރުންގެ ގޮތުގައި އިމޭޖަސް އެމްވީ ހަމަޖެއްސުމަށްޓަކައި ވިލިމާލެ ފެރީ ޔުނިޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތް އިންތިޒާމްކުރާ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިރުޒާ މުނީރެވެ. މިރުޒާއަކީ ނުކުޅަދެންތެރިކަން ހުންނަ މީހެއް ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ވިލި މުއައްސަސާ ކަޕް މުބާރާތުގެ ހުރިހާ މެޗެއްގެވެސް މެޗު ކޮމިޝަނަރުގެ ދައުރު އަދާކޮށްދީފައެވެ.

އޮފިޝަލް ފޮޓޯގްރާފަރުންގެ ގޮތުގައި އިމޭޖަސް އެމްވީގެ ފާރާތުން ސޮއިކޮށްދެއްވީ ފޮޓޯގްރަފަރު މުހައްމަދު ޝަރުހާނެވެ.

އިމޭޖަސް އެމްވީއަކީ ކުޅިވަރު ފޮޓޯގްރަފީގައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ ކުންފުންޏެކެވެ. ކުޅިވަރުގެ ގިނަ އިވެންޓްތަކެއް ކަވަރު ކުރަމުންދާ އިމޭޖަސް އެމްވީއަކީ ކުޅިވަރު ފޮޓޯގްރަފީގައި އެންމެ ނަން ހިނގާވެސް ފާރަތެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު "ސަން ސްޕޯޓްސް"އަށް މައުލޫމާތު ދެއްވަމުން އިމޭޖަސް އެމްވީގެ ފައުންޑަރ ހުސައިން ސިނާން ވިދާޅުވީ މުބާރާތުގެ ފޮޓޯ ކަވަރޭޖް ވީ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ވިލި މުއައްސަސާ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި 10 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވުމާއެކު މުބާރާތުގެ ހުރިހާ މުއުލޫމާތެއް ހިއްސާކުރާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރުވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.