26 Mar 2018, 21:51
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާ ހަވާލުކޮށްގެން، ކ. ކާށިދޫގައި ގެސްޓްހައުސް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިންގާ އަޅައިފިއެވެ.
ކާށިދޫގައި "ޓޫރިސްޓް ވިލެޖް"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ގެސްޓްހައުސް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަދު އަޅާފައިވަނީ 20 ކޮޓަރި ހިމެނޭ ތިން ގެސްޓްހައުސެއްގެ ބިންގަލެވެ. އެއީ ޖުމްލަ 60 ކޮޓަރިއެވެ.
ގެސްޓްހައުސްގެ ބިންގާ އަޅުއްވައި ދެއްވީ މިއަދު ކާށިދޫގައި އޮތް ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ކާށިދޫގައި 60 ކޮޓަރީގެ ގެސްޓްހައުސް މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒަމީރު ވިދާޅުވީ، އަތޮޅުތަކުގައި މިފަދަ ބޮޑެތި މަޝްރޫއުތައް ފަށައިގެން ގެންދިއުމަކީ ހަގީގަތުގައި އުނދަގޫ ކަމެއް ނަމަވެސް ސަރުކާރުން އުފައްދާފައިވާ އިންޓަގްރޭޓް ޓޫރިޒަމް ކުންފުނީގެ ސަބަބުން އެ މަސައްކަތްތައް މިހާރު ކާމިޔާބު ކަމާއެކުގައި ކުރިއަށްގޮސް ނިންމާލާނެ ކަމުގައެވެ.
"އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕް ކުރުމަށް ރައީސް ޔާމީން ނިންމެވިގޮތުން އެކަމަށް ވަކި ކުންފުންޏެއް ހައްދަވާފައި ކޮންމެ ރަށެއްގައިވެސް މިގޮތަށް ހުންނަ ތަންތާގައި ޕްރޮޖެކްޓް ފަށާފައި ފީޒިބަލް ވީމަ ޕްރައިވެޓް ސެކްޓާއަށް ޕްރޮޖެކްޓް ހަވާލުކޮށްފަ ދެން އަނެއްކާވެސް އެހެން ދިމާލަކަށް ދިއުން،"
ޒަމީރު ވިދާޅުވީ، މެދު ފަންތީގެ ފަތުރުވެރިކަން ތަރައްގީކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، ގެސްޓް ހައުސްތަކާ ގުޅިގެން އަންނަ ރެސްޓޯރަންޓް ތަކާއި، ވޯޓާ ސްޕޯޓްސް ފަދަ ހަރަކާތްތައް ހިންގުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ފުރިހަމަ ކުރެވޭނެ ކަމަށެވެ.
ކާށިދޫގައި 60 ކޮޓަރީގެ ގެސްޓްހައުސް މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ޓޫރިޒަމް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ކާށިދޫގެ ގެސްޓްހައުސް މަޝްރޫއުގެ ސަބަބުން އެ ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވެސްވެ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގައި ކުރިއަށް އޮތްތާގައި ކާށިދޫގެ ދައުރެއް އޮންނާނެ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ، ކާށިދޫ ގެސްޓްހައުސް މަޝްރޫއު ކުރިއަށްގެންދަނީ ސަރުކާރުން އެއް މިލިއަން ރުފިޔާގެ ފަންޑެއް ދީގެންބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން ކަމަށެވެ. އަދި އެ މަޝްރޫއު ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކާށިދޫގައި 60 ކޮޓަރީގެ ގެސްޓްހައުސް މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
އެ މަޝްރޫއުގައި ތަރައްގީކުރެވޭ ގެސްޓްހައުސްތައް ހިންގާނީ އެކަމަށް ޝައުގުވެރިވާ އާންމު ރައްޔިތުންނަށް ފުރުސަތު ދީގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ކާށިދޫގެ އިތުރުން، އެ ކުންފުނިން ލ. ބަރެސްދޫގައިވެސް އިންޓަގްރޭޓެޑް ގެސްޓްހައުސް ކޮންސެޕްޓަށް ބިޔަ މަޝްރޫއެއް ފަށައިގެން އަންނަނީ ކުރިއަށްގެންދަމުންނެވެ.