ސްރީލަންކާގައި ހިންގާ މެންޗެސްޓާ ޔުނައިޓެޑްގެ އެކަޑެމީން ބޭއްވި މެންޗެސްޓާ ޔުނައިޓެޑް އިންޑިޕެންޑެންސް ކަޕްގެ ޗެމްޕިއަންކަން ރާއްޖެއިން ވާދަކުރި އާލީ ޓަޗް ފުޓުބޯޅަ އެކަޑެމީން ހޯދައިފިއެވެ.

މިމަހުގެ 24 އިން 25އަށް ލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ މުބާރާތުގައި 15 އަހަރުން ދަށުގެ 12 ޓީމު ވާދަކޮށްފައިވާ އިރު، އޭގެ ތެރެއިން ހަތަރު ޓީމަކީ ރާއްޖޭގެ ޓީމުތަކެވެ. އިންޑިއާގެ ޓީމެއް މުބާރާތުގައި ބައިވެރިވާ ގޮތަށް ކުރިން އޮތް ނަމަވެސް އެ ޓީމު ލަންކާއަށް ގޮސްފައެއް ނުވެއެވެ.

ރާއްޖެއިން ވާދަކޮށްފައިވާ ޓީމުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެކަޑެމީ ޓީމުގެ އިތުރުން ހުޅުމާލޭ ސްޕޯޓްސް ސްކޫލުގެ ދެ ޓީމާއި އާލީ ޓަޗް އެކަޑެމީގެ ޓީމެވެ.

މުބާރާތް ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ އިރު، މުބާރާތުގައި ޖުމްލަ 30 މެޗުވަނީ ކުޅެފައެވެ. ރާއްޖޭގެ ތިން ޓީމެއް ގްރޫޕް ސްޓޭޖު ފަހަނައަޅާ ޕްލޭ އޮފް ބުރަށް ގޮސްފައިވާ އިރު، ކުއާޓާއަށް ދިޔައީ އާލީ ޓަޗް އެކަޑެމީއާއި ހުޅުމާލޭ ސްޕޯޓްސް ސްކޫލުގެ ޓީމެކެވެ.

އާލީ ޓަޗް އެކަޑެމީން މުބާރާތުގެ ފައިނަލްގައި ވާދަކުރީ ލަންކާގެ މެންޗެސްޓާ ޔުނައިޓެޑް އެކަޑެމީގެ ރެޑް ޓީމައެކެވެ. އެއީ ލަންކާއިން މުބާރާތުގައި ބައިވެރިވި އެންމެ ވަރުގަދަ ޓީމެވެ.

ފައިނަލް މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާލީ ޓަޗް އެކަޑެމީން ތަށި އުފުލާލީ ރީހާން ރިޝާމްގެ ގޯލުންނެވެ.

ކޮލަމްބޯގައި ބޭއްވި މުބާރާތަކީ އެ ގައުމުގައި މެންޗެސްޓާ ޔުނައިޓެޑުން އެކަޑެމީ ހިންގާތާ އަހަރެއް ފުރުން ފާހަގަ ކުރުމަށް ބޭއްވި މުބާރާތެކެވެ.

އީޓީއެފްއޭ ޓީމަށް ކޯޗު ފެސްކޯ އިރުޝާދު ދެނީ --- ފޮޓޯ/ މީސް މީޑިއާ

އާލީ ޓަޗް އެކަޑެމީއަކީ ރާއްޖޭގެ މަޝްހޫރު ކޯޗު އަހުމަދު ސަލީމް (ހީނާ)ގެ އިރުޝާދުގެ ދަށުން ހިންގަމުންދާ އެކަޑެމީއެކެވެ. އާލީ ޓަޗް އެކަޑެމީން މެންޗެސްޓާ ޔުނައިޓެޑް އިންޑިޕެންޑެންސް ކަޕްގައި ކުޅެފައިވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށްވެސް ކޯޗު ކޮށްދިން އަހުމަދު މުޖުތަބާ (ފެސްކޯ) އަދި ހީނާގެ އިރުޝާދުގެ ދަށުންނެވެ.

ލަންކާގައި ކުރިއަށް ދިޔަ މުބާރާތާ ގުޅިގެން "ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން ހީނާ ބުނީ މުބާރާތަކީ ވަރަށް ގިނަ މެޗުތަކެއް ލިބި ކުޅުންތެރިންނަށް ލިބުނު މުހިއްމު ތަޖުރިބާއެއް ކަމަށެވެ. މީގެ އިތުރުންވެސް މުބާރާތުގައި ވާދަކުރީ ރަނގަޅު ލެވެލްއެއްގެ ޓީމުތައް ކަމަށާއި ވާދަވެރި މެޗުތަކެއް ލިބުމުން އޭގެ ފައިދާ ވަރަށް ރަނގަޅަށް ކުރި ކަމަށްވެސް ހީނާ ފާހަގަކުރިއެވެ.

އާލީ ޓަޗް އެކަޑެމީގެ ޓީމަކީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މައިލޯ އިންވިޓޭޝަނަލް ކަޕްގެވެސް ޗެމްޕިއަން ޓީމެވެ.