މިދިޔަ އަހަރު އޮކްޓޯބަރު އަދި ނޮވެންބަރުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިޙާނުގެ ސެޓްފިކެޓް އަންނަ ބުރާސްފަތި ދުވަހު ދޫކުރަން ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއޭ) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހާ ހަމައަށް ނަތީޖާތައް އެޑިޕާޓްމަންޓުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިމްތިހާނުގެ ނަތީޖާތައް ދޫކުރާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށް ކަމަށް ޑީޕީއޭ އިން ބުންޏެވެ.

ޑީޕީއޭ އިން ބުނީ އެ ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިހާންގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓް ނަގަން އަންނައިރު އަދި ބަދަލުގައި މީހަކު ސެޓްފިކެޓް ނަގަން އައިނަމަވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންޖެހޭނެ ކަަމަށެވެ.

ސެންޓަރުތަކުގެ ސެޓްފިކެޓްތައް ދޫކުރެވޭނީ ސެޓްފިކެޓްތަކާ ހަވާލުވާމީހާގެ އައިޑީކާޑާއި ސެންޓަރުގެ ލިޔުމެއް ހުށަހެޅުމުން ކަމަށް ވެސް ޑީޕީއޭ އިން ބުންޏެވެ.