27 Aug 2011, 11:50
ބާސެލޯނާގެ ކޯޗްކަމާ ހަވާލުމުމަށްފަހު، ކުލަބަށް ލިބެމުން އަންނަ ކޮންމެ ކާމިޔާބީގައި އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީގެ ހިއްސާ ބޮޑުކަމަށް ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބަލިކޮށް ޔުއެފާ ސުޕަ ކަޕް ރޭ ބާސާއިން ކާމިޔާބު ކުރި މެޗަށްފަހު، ގާޑިއޯލާ އާއި ހަވާލާދީ އިނގިރޭސި މީޑިއާ ރިޕޯޓް ތަކުގައި ބުނެފައި ވަނީ، ކޯޗް ގާޑިއޯލާގެ ވެސް ކުރިމަގަކީ މެސީ ކަމަށާއި މެސީގެ ސަބަބުން ގާޑިއޯލާގެ ނަން ފުޓްބޯޅައިގައި މަޝްހޫރުވެއްޖެ ކަމަށެވެ.
ސުޕަކަޕް ރޭ ބާސާއިން ހޯދީ، ޕޯޗުގަލްގެ އެފްސީ ޕޯޓޯގެ މައްޗަށް ބާސާގެ ހުނަރުވެރި ދެ ފޯވާޑުން ކަމަށްވާ ލިއޮނަލް މެސީ އާއި ސެކް ފެބްރިގާސް ޖަހައިދިން ދެ ލަނޑާއެކުއެވެ. އަދި މިކާމިޔާބީއާ ގުޅިގެން އެ ކްލަބުގެ އެންމެ ކާމިޔާބު ކޯޗުގެ ޝަރަފް ގާޑިއޯލާ ހޯދައިފައި ވާއިރު، އޭނާ ވަނީ މިހާތަނަށް ބާސާގެ ކޯޗް ކަމުގެ މަގާމުގައި ހުރެގެން އެންމެ ގިނަ ތަށި އެ ކުލަބަށް ހޯދި ކޯޗްގެ ޝަރަފު ވެސް ލިބިފަ އެވެ.
ރޭގެ މެޗް ކޯޗް ގާޑިއޯލާއަށް ހާއްސަވީއިރު، ބާސާގެ ކޯޗް ކަމާ އެނާ ހަމާލުވެފައި ވަނީ މީގެ ތިން އަހަރު ކުރިން ނެވެ. ކޯޗްކަމާ ހަވާލުވި ފަހުން ފާއިތުވި ތިން ސީޒަނުގައި ވެސް ބާސާދެއްކި ކުޅުމާއި ހޯދި ކާމިޔާބީތަކުގެ އަދަދު 12 އަށް އަރައެވެ.
ރޭގެ މެޗަށްފަހު ގާޑިއޯލާ ބުނީ، މެޗުން މޮޅުވެ ސުޕަކަޕް ލިބުމުން އުފާވާކަމަށާއި މިއީ ހަޔާތުގައި ލިބުނު އުފާވެރި ދުވަސްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ދުވަހެއް ކަމަށެވެ.
"އަހަރެން މިހިރީ ވަރަށް އުފަލުން. މިދުވަސް މަތިން ހަދާނެއް ނުނެތޭނެ. އަހަރެންގެ ކާމިޔާބީގެ ފަހަތުގައި ވަނީ ހަމަ މެސީ. މިހާތަނަށް ބާސާއަށް ކޯޗް ކޮށްދިން ކޯޗުންގެ ތެރެއިން އެންމެ ގިނަ ކާމިޔާބީ ހޯދާދިން ކޯޗަކަށް އަހަރެންވީއިރު. އެއީ އަހަންނަށް މެސީ ދިން ހަދިޔާއެއް." ގާޑިއޯލާ ބުންޏެވެ.
ބާސާގެ އެންމެ ކާމިޔާބު ކޯޗުގެ ރެކޯޑް ކުރިން އޮންނަނީ 11 ތަށި ހޯދައިދިން ހޮލެންޑުގެ ޔޮހާން ކްރައިފްގެ އަތުގަ އެވެ. އޭނާ އެ އަދަދަށް ތަށި ކާމިޔާބުކޮށްދިނީ ފަސް ސީޒަނުގެ ތެރޭގަ އެވެ. އެހެންނަމަވެސް އޭނާއާ ގާޑިއޯލާގެ ކޯޗްގެ ފެންވަރަށް ބަލާއިރު، ކޯޗް ކަމުގައި ގާޑިއޯލާ އުޅެނީ މާކުރީގަ އެވެ.