26 Mar 2018, 15:28
ކޯޓުތަކުގެ ފަނޑިޔާރުން ޗުއްޓީއަށް ދިއުމުގެ ކުރިން ސުޕްރީމް ކޯޓުގައި ހުއްދައަށް އެދެން ޖެހޭ ގޮތަށް އެ ކޯޓުން އެކުލަވާލާފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުން ނެރުނު އާންމު ސިޓީއެއްގައި ވާގޮތުން ފަނޑިޔާރުންނަށް ޗުއްޓީއަށް ދެވޭނީ ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުގެ ހުއްދަ ލިބިގެންނެވެ.
އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އާންމު ސިޓީއެއްގައި ބުނެފައި ވަނީ ކޮންމެ ކޯޓެއްގައި ވެސް އެ ކޯޓެއްގެ ފަނޑިޔާރުންނަށް ޗުއްޓީ ހަމަޖައްސައި ދޭނީ އިސް ފަނޑިޔާރު ނުވަތަ އިސް ފަނޑިޔާރެއްގެ ދައުރު އަދާ ކުރާ ބޭފުޅެއް ކަމަށެވެ.
ހަމަ އެ އުސޫލުން ރަށްރަށުގައި އެއް މެޖިސްޓްރޭޓަށް ވުރެ ގިނަ މެޖިސްޓްރޭޓުން ތިބޭ ނަމަ ޗުއްޓީ ހަމަޖައްސާނީ އެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ވެސް ސުޕްރީމް ކޯޓުގެ އާންމު ސިޓީގައި ވަނީ ބުނެފަ އެވެ.
ނަމަވެސް ކޮންމެ ކޯޓެއްގެ ވެސް އިސް ފަނޑިޔާރަށް ޗުއްޓީ ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ގާޒީންނާއި ފަނޑިޔާރުން އަދި މެޖިސްޓްރޭޓުންނަށް ޗުއްޓީ ދޭ އިރު ޝަރީއަތްތަކަށް ބުރޫ ނާރާނެހެން ޗުއްޓީ ދިނުމަށް ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.