ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް އަދި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ ބޯޑު މެމްބަރު މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު މެންދުރު ބޭއްވި އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ދިވެހި ސަރުކާރުން ވޮލީބޯޅަ އެސޯސިއޭޝަނަށް ބޮޑު އެއްބާރުލުމެއް ދެމުންދާ ކަމަށާއި، ވޮލީބޯޅައިގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ފާއިތުވެދިޔަ ކާމިޔާބު ހަތަރު އަހަރު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަދި މިހާރުވެސް ދަނީ ކުރަމުން. ތަފާތު ކުޅިވަރުތަކުން ރާއްޖެއިން ބޭރުން ތަމްރީން ހޯދުމުގެ ފުރުސަތުތައް މިއަދުގެ ސަރުކާރުން ދަނީ ފަހިކޮށްދެމުން. ކުޅުންތެރިންގެ މުސާރާއާއި، ގައުމީ ޓީމުގެ ޓްރެއިނިން ދަތުރުތަކާއި، ކޮމްޕެޓިޝަންތަކުގައި ބައިވެރިވުމާއި، އަތޮޅުތެރޭގައި ވޮލީ ކޯޓުތައް ތަރައްގީކުރުމަށް ދިވެހި ސަރުކާރުން ވަނީ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި،" ވީއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މީގެ ކުރިން ދިވެހި ޒުވާނުންނަށް ލިބިފައިނުވާ އެތަކެއް ފުރުސަތުތަކެއް މިސަރުކާރުން ފަހިކޮށްދީފައިވާ ކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމުގެ ގިނަ ފުރުސަތުތަކެއް މިހާރު ލިބެމުންދާ ކަމަށެވެ. އަދި ދިވެހި ޒުވާނުންނަށް ކުޅިވަރުން ފަހިކޮށްދެއްވާ ފުރުސަތަށްޓަކައި ދިވެހި ޒުވާނުންނާއި ކުޅުންތެރިންގެ ނަމުގައި ރައީސް ޔާމީނަށް ވީއޭއެމްގެ ރައީސް ވަނީ ޝުކުރު ދަންނަވައިފައެވެ.

ވީއޭއެމްގެ ރައީސް ވިދާޅުވި ގޮތުގައި ކުޅިވަރު ކުޅޭ ޒުވާނުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައީސް ޔާމީންގެ ކުޅިވަރު މެނިފެސްޓޯގެ 80 އިންސައްތަ މިހާރު ހާސިލްވެފައިވުމުންނެވެ.

މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި ރާއްޖޭގެ ވޮލީބޯޅައަށް ރައީސް ޔާމީން ކޮށްދެއްވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލްގެ ފަރާތުން އެމަނިކުފާނަށް ވަނީ ހަނދާނީ ފިލައެއް އަރުވައިފައެވެ. އެ ހަނދާނީ ފިލައާ ހަވާލުވީ ވީއޭއެމްގެ ރައީސް ލަތީފެވެ.