ސްޓެލްކޯ ފިފްތު ޕަވާ ޕްރޮޖެކްޓާއެކު ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ދިނުމުގެ މަގުސަދުގައި އެ ވަޒީފާތަކަށް ކުދިން ތަމްރީނު ކުރުމަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެކުންފުނީގެ އެސިސްޓެންޓު ޑިރެކްޓަރު އަބްދުﷲ ނާޒިރު ވިދާޅުވީ ސްޓެލްކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 15 ކުއްޖަކު ތަމްރީނު ކުރާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ހަތަރު ދާއިރާއަކުން ކުދިން ތަމްރީނު ކުރާނެއެވެ. އެއީ އިލެކްޓްރިކަލް އިންޖިނިއަރިން، އިލެކްޓްރޯނިކްސް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން އަދި މެކެޓްރޯނިކްސް އިންޖިނިއަރިންއެވެ.

މި ޕްރޮގްރާމްގައި އޮން ދަ ޖޮބް ޓްރެއިނިން އާއެކު ތަމްރީނު ދޭނެއެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަށް އެލަވެންސެއްވެސް ދޭނެއެވެ.

ގުޅޭ ދާއިރާ އަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާ ނުވަތަ އޭލެވެލް އިމްތިހާނުން ސިސާބު، ފިޒިކްސް އަދި ކެމިސްޓްރީ އިން ސީ ފާސް ހޯދާފައިވާ އަދި އޯލެވެލް އިމްތިހާނުން ސީ ފާސް ހޯދާފައިވާ ފަރާތްތަކަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ.

ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ މަހުގެ 10 ގެ ކުރިން ސީވީ އާއި އެހެނިހެން ލިޔުންތައް ސްޓެލްކޯއަށް ހުށަހަޅަން ޖެހެއެވެ.