27 Aug 2011, 11:39
ސައިރިކްސް ކޮލެކްޖްގެ ކެމްޕަސް ހުންނަ އިމާރާތް ފަޅާލައި، ދެ ފޯނަކާއި ބައެއް ތަކެތި ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގީ ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ބަލަމުން ގެންދާތީ އެތަނުގެ ތެރެއިން ގެއްލުނު ތަކެއްޗާއި ބެހޭ ތަފްސީލެއް ދެއްވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ސައިރިކްސް ކޮލެޖްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޮލެޖުގެ ކެމްޕަސްގެ ތިން ވަނަ ބުރީގައި ހުންނަ އެކައުންޓްސް ޑިޕާޓްމެންޓް ފަޅާލާފައި ވަނީ އެ އިމާރާތާ ޖެހިގެން ހަދަމުންދާ އިމާރާތެއްގެ ތެރެއިން ވަދެގެން ކަމަށެވެ. އަދި ކެމްޕަސް ތެރެއަށް ވަގުން ވަދެފައި ވަނީ އެގްޒޯސްއެއް ހަރުކޮށްފައި ހުރި ބިއްގަޑެއް ހަލާކުކޮށްލައިގެން ކަމަށްވެސް އެ އޮފިޝަލު ވިދާޅުވި އެވެ.
" އެކަމެއް ކޮށްފައި ވަނީ )ބުދަ ދުވަހުގެ ރޭ( އިޝާ ނަމާދު ވަގުތު ކަމަށް ބޮޑަށް ބެލެވެނީ، އެއީ އެވަގުތަކީ އެތަނުގައި ހުންނަ ސެކިއުރިޓީގާޑް ވެސް ނަމާދަށް ދިޔަ ވަގުތު،" އޭނާ ވިދާޅުވި އެވެ.
މާވެޔޮމަގުގައި ހުންނަ ސައިރިކްސް ކެމްޕަސް ފަޅާލައި، ދެ ފޯނާއި ބައެއް ތަކެތި ވަގަށް ގެންދިޔައިރު އެތަނުގައި ތެރޭގައި ހުރި އެއްވެސް ފައިސާއެއް ގެއްލިފައެއް ނުވެ އެވެ. ނަމަވެސް އެ އޮފީސް ތެރެއާއި އެބައިގައި ހުންނަ އެތަނުގައި މަސައްކަތް ކުރާ ބިދޭސީއެއް ނިދާ ކޮޓަރި ވަރަށް ބޮޑަށް ހާވާ ހަދާފައިވާ ކަމަށާއި އެބައިގެ ދޮރުތަކުގެ ތަޅުތައް ވެސް ހަލާކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.