26 Mar 2018, 14:29
ދިއްލީ(މާޗް 26): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރަސްމީ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު، އެ އެޕުން ތިން ވަނަ ފަރާތަކަށް ދިންކަމުގެ ތުހުމަތުތަކާ އެކު ގިނަ ބަޔެއްގެ ފާޑު ކިޔުން ބޮޑުވަޒީރަށް އަމާޒުވެއްޖެއެވެ.
ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ އެލިއޮޓް އެލްޑާސަން ކުރި ޓުވީޓުތަކެއްގައިވާ ގޮތުން ބޮޑުވަޒީރު މޯދީގެ އެޕުން ފޮނުވާ މައުލޫމާތު ޓްރޭސް ކުރެވިފައި ވަނީ އެމެރިކާގެ ކުންފުންޏަކަށް ނިސްބަތްވާ ޑޮމެއިންއަކަށެވެ. އެގޮތުން އެކުންފުންޏަށް ފޮނުވާ މައުލޫމާތުތަކުގެ ތެރޭގައި އެމީހަކު ބޭނުން ކުރާ ޑިވައިސްގެ ބާވަތާއި، އެމީހެއްގެ ނަމާއި ޖިންސާއި އީމެއިލް ހިމެނޭ ކަމަށް އެލްޑާސަންގެ ޓުވީޓުތަކުގައިވެ އެވެ.
ނަމަވެސް ބޮޑުވަޒީރު މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެމައުލޫމާތު ބޭނުން ކުރަނީ އެޕް ބޭނުން ކުރާ ފަރާތްތަކުން އެންމެ ބޭނުންވާ މައުލޫމާތު ފަސޭހައިން ހޯދޭނެ ގޮތް ހެދުމަށްޓަކައި ކަމަށް ވަނީ ބުނެފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބޮޑުވަޒީރު މޯދީއާއި ބީޖޭޕީއަށް ފާޑު ކިޔައިފައެވެ. އޭގެ ތެރޭގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީވެސް ވެސް ހިމެނެއެވެ. އޭނާ ވަނީ މޯދީގެ އެޕުން މީހުންގެ އަމިއްލަ މައުލޫމާތު އެމެރިކާގެ ކުންފުނިތަކާ ހިއްސާ ކުރާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ބީޖޭޕީން ވަނީ ގާންދީ އެފަދައިން ވިދާޅުވަނީ ކޮންގްރެސް ޕާޓީގެ ބައެއް މެމްބަރުންނާއި ކޭމްބްރިޖް އެނަލެޓިކާ މައްސަލައާ ގުޅުން އޮތްކަން ހާމަވުމުން، އެކަމަށް މީހުންދޭ ސަމާލުކަން ކުޑަ ކުރަން ކަމަށް ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގެ ޑޭޓާ އެނެލެޓިކްސް ފާމް ކޭމްބްރިޖް އެނަލެޓިކާގެ މައްޗަށް ވަނީ 50 މިލިއަނަށް ވުރެ ގިނަ ފޭސްބުކް ޔޫޒަރުންގެ މައުލޫމާތު އެމީހުންގެ ހުއްދައާ ނުލައި ބޭނުން ކުރި ކަމަށް ތުހުމަތުކޮށްފައެވެ.
އަދި އިންޑިއާގެ ލޯ އެންޑް އައިޓީ މިނިސްޓަރު ރަވީ ޝަންކަރު ޕްރަސާދު ވަނީ އެކުންފުންޏާއި ކޮންގްރެސް ޕާޓީއާ ގުޅުން އޮތް ކަމުގެ ގިނަ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
ޓުވިޓާގައި އެންމެ މަގުބޫލު ފަސް ސިޔާސީ ވެރިންގެ ތެރޭގައި ހިމެނޭ މޯދީގެ އެޕް ލޯންޗު ކުރީ 2015 ވަނަ އަހަރެވެ. (ބީބީސީ)