އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)އާއި ޒުވާން ފޯވަޑް ނާއިޒް ހަސަން (ދާދު) ހިމަނައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުގައި ބަކާއާއި ދާދު ހިމެނިފައެއް ނުވެއެވެ.

މާދަމާރޭ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު ޕީޓާ ސެގަޓް ވަނީ ބަކާއާއި ދާދު، ސްކޮޑުގައި ހިމެނިކަން ކަށަވަރުކޮށްދީފައެވެ.

ބަކާއާއި ދާދުއަށް އަލުން ގައުމީ ޓީމުން ޖާގަ ދިން ނަމަވެސް، ސްކޮޑުން ބާކީކުރި ކުޅުންތެރިންނަކީ ކޮބައިކަން ގައުމީ ކޯޗު ހާމަކޮށްފައެއް ނުވެއެވެ. ގައުމީ ޓީމުގެ ފައިނަލް ސްކޮޑު ފަހުން އިއުލާންކުރާނެ ކަމަށް ކޯޗު ބުންޏެވެ.

ގިނަ އަހަރުތަކެއް ވަންދެން ގަވައިދުން ގައުމީ ސްކޮޑުން ޖާގަ ލިބެމުންދިޔަ، ކްލަބު އީގަލްސްގެ މިޑްފީލްޑަރު ބަކާއަށް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސްކޮޑުން ޖާގަ ލިބިފައެއް ނުވެއެވެ. ބަކާއަކީ ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް 2008ގެ ތަށި ހޯދައިދިން ގައުމީ ސްކޮޑުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.

މާޒިޔާގެ ފޯވަޑް ދާދުއަކީ ސާފް ޗެމްޕިއަންޝިޕް 2015 އިން ފެށިގެން ގަވައިދުން ސްކޮޑުން ޖާގަ ހޯދައި، ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވިގެންދިޔަ ކުޅުންތެރިއެކެވެ.

ގައުމީ ޓީމުން ރޭ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރިވި ނަމަވެސް، އޭނާއަށް ބޫޓާން މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ކޯޗު ސެގަޓް ދީފައެއް ނުވެއެވެ. ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ.