ބޮއިންގް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން، ބޮއިންގް 787 ޑްރީމްލައިނާގެ 10-787 ވޭރިއަންޓުގެ ފުރަތަމަ ބޯޓުގެ ޑެލިވަރީ، ބޮއިންގްއިން ފުރިހަމަކޮށްފި އެވެ. އެ ބޯޓު ޑެލިވާކުރީ ސިންގަޕޫރުގެ ގައުމީ އެއާލައިން ސިންގަޕޯ އެއާލައިންސްއަށެވެ.

ބޮއިންގް 787 ޑްރީމްލައިނާއަކީ ދިގު ރާސްތާ ދަތުރުކުރެވޭ، ވައިޑްބޮޑީ އަދި ޓްވިން އިންޖީނު ޖެޓް އެއާކްރާފްޓެކެވެ. އެ އެއާކްރާފްޓަކީ ބޮއިންގް 767 މަރުކާއަށް ވުރެ 20 ޕަސަންޓު ފިއުލް އެފިޝެންޓް މޮޑެލްއެކެވެ.

ބޮއިންގް 787 ޑްރީމްލައިނާގެ އާ ވޭރިއަންޓް، 10-787ގެ އެންމެ ފުރަތަމަ ޑެލިވަރީ ލިބުނު ސިންގަޕޯ އެއާލައިންސްއިން ވަނީ އެ މަރުކާގެ ޖުމްލަ 49 އެއާކްރފްޓަށް އޯޑަރު ދީފަ އެވެ.

ޑްރީމްލައިނާ 10-787ގެ ފުރަތަމަ އެއާކްރާފްޓު ސިންގަޕޯ އެއާލައިންސްއާ ހަވާލުކުރީ އިއްޔެ އެމެރިކާގެ ނޯތު ޗާލްސްޓަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ސިންގަޕޯ އެއާލައިންސްގެ ސީއީއޯ ގޯ ޗޫން ޕޮންގްއާއި ބޮއިންގް ކޮމާޝަލް އެއާޕްލޭންސްގެ ސީއީއޯ ކެވިން އެކްއެލިސްޓާވެސް ބައިވެރިވެ ވަޑައިގަތެވެ.

"ދުނިޔޭގެ ފުރަތަމަ 10-787 ލިބުމަކީ ސިންގަޕޯ އެއާލައިންސްއަށް ލިބޭ ޝަރަފެއް. މި އެއާކްރާފްޓަކީ ހަގީގަތުގައި ވެސް އިންޖިނިއަރިންގްއާއި ފަންނުވެރިކަމުގެ ލާމަސީލު މިސާލެއް. ސިންގަޕޯ އެއާލައިންސްގެ ކުރިއެރުމާއި ނެޓްވޯކް ފުޅާކުރުމާއި އޮޕަރޭޝަންތައް ވަރުގަދަކުރުމުގައި މި އެއާކްރާފްޓުގެ ދައުރު ވަރަށް ބޮޑުވާނެ،" ސިންގަޕޯ އެއަލައިންސްގެ ސީއީއޯ ވިދާޅުވި އެވެ.

ސިންގަޕޯ އެއާލައިންސްގެ ބޮއިންގް 10-787 މަރުކާގެ ބޯޓުތައް ބޭނުންކުރާނީ އަށް ގަޑިއިރުގެ ފްލައިޓުތަކަށެވެ. މެއި މަހުން ފެށިގެން ޝެޑިއުލް އޮޕަރޭޝަންތަކުގައި މި އެއާކްރާފްޓު ބޭނުންކުރާ އިރު، ފުރަތަމަ ދަތުރުތައް ކުރާނީ ސިންގަޕޫރުން ޖަޕާނުގެ އޮސާކާއަށާއި އޮސްޓްރޭލިއާގެ ޕާތުއަށެވެ.

ޖުމްލަ 337 ސީޓު ހުންނަ އެ އެއާކްރާފްޓުގައި ބިޒްނަސް ކްލާހަށް ޚާއްސަ 36 ސީޓު ހުންނާނެ އެވެ. ބާކީ ޖާގަ ބޭނުންކުރާނީ އިކޮނޮމީ ކްލާހުގެ ގޮތުގަ އެވެ.

މި ބޯޓު އެމެރިކާއިން ސިންގަޕޫރަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު އެވެ.