އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ސ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި މަރަދޫ ބަލިކޮށް ފޭދޫން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ސ. އަތޮޅުން ވާދަކުރަނީ ހަތަރު ރަށެވެ. އެއީ ހިތަދުއާއި ފޭދޫގެ އިތުރުން މަރަދޫ އަދި މަރަދޫ ފޭދޫއެވެ.

މަރަދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ފޭދޫން މަރަދޫގެ މައްޗަށް ކުރިހޯދީ 2-1ގެ ނަތީޖާ އަކުންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ފޭދުއަށް ލީޑު ނަގައިދިނީ މުހައްމަދު ސަޔާމް ސައީދެވެ.

ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ފޭދޫ ކުރީގައި އޮވެ ނިންމާލިއިރު، މެޗުގެ ދެވަނަ ހާފް ފެށިގެން 49 ވަނަ މިނެޓުގައި ހަސަން އައިކްގެ ގޯލުން މަރަދޫ ނަތީޖާ ހަމަހަމަކުރިއެވެ.

އެހެން ނަމަވެސް މެޗުގެ 57 ވަނަ މިނެޓުގައި ފޭދޫން އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އަލީފް ފަހުމީއެވެ.

ސ. އަތޮޅު ބުރުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިތަދުއާއި މަރަދޫ ފޭދުއެވެ.