26 Mar 2018, 11:50
ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު 'ސިމްބާ'ގެ މުހިންމު ރޯލަކުން އެކްޓަރު އާރް.މާދަވަން ފެނިގެންދާ ގޮތަށް ހަމަޖިހިފައި އޮތް ނަމަވެސް، އަނިޔާ އަކާ ގުޅިގެން މާދަވަން އެ ފިލްމު ދޫކޮށްލައިފިއެވެ.
ފިލްމު ދޫކޮށްލަން މަޖުބޫރުވިކަން ހާމަކޮށްފައި ވަނީ މާދަވަން ކުރި ޓުވީޓެއްގައެވެ. މާދަވަންގެ ޓުވީޓުގައި ބުނެފައި ވަނީ ރޯހިތަކީ އޭނާއަށް އެންމެ މަގުބޫލު އެއް ޑައިރެކްޓަރު ކަމަށާއި، ރޯހިތުގެ ފިލްމެއްގައި މަސައްކަތް ކޮށްލަން ލިބި، އެ ފުރުސަތު ގެއްލުމުން ވަރަށް ބޮޑަށް ދެރަވާ ކަމަށެވެ.
ކޮނޑަށް ލިބުނު އަނިޔާއެއްގެ މިދިޔަ މަހުގެ ތެރޭގައި މާދަވަން ވަނީ ކޮނޑުގެ އޮޕަރޭޝަނެއްގެ ވެސް ކޮށްފައެވެ. މާދަވަން ބުނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަަމަށެވެ.
"އެކަމަކު މިއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" މާދަވަން ބުންޏެވެ.
ރިޕޯޓުތައް ބުނާގޮތުން މާދަވަން ކުޅެން ހަމަޖެހުނު ރޯލުން ދެން ފެނިގެންދާނީ އަބީޝެކް ބައްޗަން އެވެ.
ރޯހިތު ޑައިރެކްޓުކޮށް ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ރަންވީރު ސިންގ އަދި ސާރާ އަލީ ޚާން އެވެ. ފިލްމުގައި ރަންވީރު އަދާކުރާނީ ސަންގްރާމް ބަލޭރާއޯ ކިޔާ ފުލުހެއްގެ ރޯލެވެ.
އޭޕްރީލް މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ އެ ފިލްމު ރިލީޒް ކުރާނީ ޑިސެމްބަރު 28 ގައެވެ.