26 Mar 2018, 12:20
މި އަހަރުގެ ހައްޖު އަޅުކަމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބައްލަވައި، ދިވެހީންނަށް ފަސޭހަ އަދި ލުއި އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތަކާ ބެހޭ ގޮތުން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
މިނިސްޓަރު ޒިޔާދު ސައުދީއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރު އޮފް ހައްޖު އެންޑް އުމުރާ އާ ބައްދަލު ކުރައްވާނެ އެވެ. އޭގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓުގެ ރައީސް ޑރ. ބަންދަރު އެމްއެޗް ހައްޖާރު އާވެސް މިނިސްޓަރު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ ދަތުރުފުޅުގެ އެޖެންޑާގައި ހިމެނޭ ރަސްމީ ވާހަކަފުޅުތައް ރޭ ވަނީ ބާއްވައިފަ އެވެ.
މިނިސްޓަރު ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ވަޑައިގެންނެވީ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އައްޝައިހް އަލީ ޝަރީފެވެ.
އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ސައުދީއަށް ގޮސްފައިވާ އިރު، ހައްޖު ކޯޕަރޭޝަންގެ ފަރާތުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދާއި އެ ކޯޕަރޭޝަންގެ ޗެއާމަން އިސްމާއިލް އިދްރީސް ވަޑައިގެން މިވަގުތު އުޅުއްވަނީ ސައުދީގަ އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނާ އެކު ފަސް ކުންފުންޏަކަށް ވަނީ ދީފަ އެވެ.
މި އަހަރު ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައިވާ އަމިއްލަ ކުންފުނިތަކަކީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑަށާއި ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.
އެ ހަތަރު ކުންފުންޏަށް ވެސް ދޫކޮށްފައި ވަނީ 100 ކޯޓާ އެވެ.