ޔޫއެސް ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އެކި މީސްމީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ، ފުލުހުން މައުލޫމާތު އާންމު ކުރި ތ. ގާދިއްފުށި، އަންނާރުވިލާ ޢަދުނާން އިބްރާހީމް ފިލައިގެން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުންގެ އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ރޭ ހދ. ކުޅުދުއްފުށީ ފޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޢަދުނާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދަންވަރު 2:50 ހާއިރު ކުޅުދުއްފުށީ ހުންނަ "މުޝްތަރީ މަންޒިލް" ގެސްޓް ހައުސްގައި ހުއްޓައި ކަމަށެވެ. އަދި އެ ގެސްޓް ހައުސްގައި ޢަދުނާން ދިރިއުޅޭތާ ތިން ދުވަސް ވެފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ޢަދުނާން އިބްރާހީމްގެ މަޢުލޫމާތު އާންމުކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައި ވަނީ ޔޫއެސް ޑޮލަރު ހޯދައިދޭނެކަމަށް ބުނެ އެކިފަހަރުމަތިން އެކި މީސްމީހުންގެ އަތުން މަކަރާއި ހީލަތުން -/41700 ރުފިޔާ އަތުލުމަށް ފަހު އެފައިސާ ނުދީ އޭނާ ފިލައިގެން އުޅޭކަމަށް ފުލުހުންނަށް ހުށަހެޅުމުންނެވެ. އަދި މި އަހަރުގެ މިހާތަނަށް އެފަދަ ފަސް މައްސަލައެއް އޭނާގެ މައްޗަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މައްސަލައެއްގެ ތަޙްޤީޤް ފުރިހަމަކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޢަދުނާން އިބްރާޙީމްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.