26 Mar 2018, 11:03
ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) އިން ބޭއްވި ފުރަތަމަ މޯލްޑިވްސް ހޮޓެލް ރެވެނިއު އެންޑް ޓެކް ސަމިޓް ކާމިޔާބު ކަމާއެކީގައި ނިންމާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމް ހޯލްގައި މިދޔަ ހޮނިހިރު ދުވަހު ބޭއްވި އެ ސަމިޓް ނިންމާލީ 150 އަށްވުރެ ގިނަ ބައިވެރިންނާއެކުގައި ކަމަށް ސީއެމްއޭއިން ބުންޏެވެ.
ސީއެމްއޭއިން ބުނީ، އެ ސަމިޓުގެ ބައިވެރިންނަށް ހޮސްޕިޓާލިޓީ ދާއިރާއިން އެކި ގޮތްގޮތުން ލާރި ހޯދޭނެ ގޮތާބެހޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށެވެ.
އެ ފޯރަމް ނިންމުމުގެ ގޮތުން ވާހަކަދައްކަވަމުން ސީއެމްއޭގެ ސީއީއޯ އިލްޔާސް ހަނީފް ވަނީ ރާއްޖޭގެ މީހުންގެ މައުލޫމާތާއި ހުނަރު އިތުރުކޮށްދިނުމަށް ބޭރުގެ ތަޖުރިބާކާރުން ގެނައުމަށް ސީއެމްއޭއިން ކުރަމުންގެންދާ ކަންކަމަށް އަލި އަޅުވާލައިފައެވެ.
އެ ސަމިޓްގައި ވާހަކަދެއްކި އިންޑިއާގެ ހޮޓެލް މެނޭޖްމެންޓް ސޮފްޓްވެއާ ކުންފުނި އެކްސިސްރޫމްގެ ވައިސް ޕްރެޒިޑެންޓް ޑރ. ޒަކް އަލީ ވަނީ، ކުންފުނިތަކުން ފައިސާ ގެންގުޅޭނެ ގޮތް ފަދަ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
އެ ސަމިޓުގައި އެކި ދާއިރާތަކުން އެހެނިހެން މައުޟޫއުތަކަށްވެސް ބޭފުޅުން ވާހަކަ ދެއްކެވިއެވެ. އޭގެ ތެރޭގައި ރެވެނިއު އިތުރުކުރުމަށްޓަކައި ޓޫރިޒަމް ޚިދުމަތްތައް ބައްޓަންކުރާނެ ގޮތާއި، މާކެޓުކުރާނެ އުކުޅުތައް ފަދަ ކަންކަން ހިމެނެއެވެ.
މި ސަމިޓުގެ ތެރެއިން، "ޓްރެވެލާ ޑޮޓް އެމްވީ"ގެ ނަމުގައި، ރާއްޖޭގެ އަމިއްލަ އޮންލައިން ޓްރެވަލް އޭޖެންސީއެއް ވެސް ވަނީ ލޯންޗުކޮށްފައެވެ.