26 Mar 2018, 10:24
ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގައި މަސައްކަތްކުރާ ކެއާ ވޯކަރުންނަށް ތަމްރީން ދީފި އެވެ.
ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަން (ޝީ) އިން އިސްނަގައިގެން ކުރުނބާ މޯލްޑިވްސްއާއި އާކްގެ އެހީތެރިކަމާ އެކު ހިންގި އެ ތަމްރީން ޕްރޮގްރާމަކީ މަރުކަޒުތަކުގައި ދިރިއުޅެމުންދާ ކުދިންނަށް އަޅައިލުމާއި އޯގާތެރިކަން ފޯރުކޮށްދޭން ތިބޭ ކެއާ ވޯކަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.
އެގޮތުން ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމުގައި ފިޔަވަތީގެ 24 ކެއާ ވޯކަރަކަށް ވަނީ ތަމްރީން ދީފަ އެވެ. އަދި މީގެ ކުރިން އެ ތަމްރީން ޕްރޮގްރާމުގެ ދެ ބުރެއް ވަނީ ހިންގައިފަ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، އެ ތަމްރީން ޕްރޮގްރާމުގައި ކުދިން ހެދިބޮޑުވުމާއި އެކުދިންގެ ބޭނުންތަކާއި ހައްގުތަކާއި ކުދިންނާ މުއާމަލާތްކުރުމާއި ރުޅި ކޮންޓްރޯލް ކުރުމާއި މައްސަލަތައް ހައްލުކުރުން އަދި އަމިއްލަ ނަފްސު ރައްކާތެރިކުރުމާއި އަމިއްލަ ނަފްސަށް އަޅައިލުން ކިޔައިދީފައިވާނެ ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ޖުމްލަ 138 ކުދިން ދިރިއުޅެމުންދާ އިރު، އެ ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 87 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތި މަރުކަޒުގަ އެވެ.