26 Mar 2018, 11:43
ކުރީގެ އިނގިރޭސި ޕޮޕް ބޭންޑު "ސްޕައިސް ގާލްސް"ގެ އެނިމޭޓެޑް ސުޕަހީރޯ ފިލްމެއް އުފެއްދުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
މި ފިލްމުގައި ސްޕައިސް ގާލްސް ބޭންޑުގެ މެންބަރުންނާ ވައްތަރު ކެރެކްޓާސްތައް ފެންނާނެއެވެ. މި ކެރެކްޓާސްތަކަށް އަޑުއަޅާނީ ސްޕައިސް ގާލްސްގެ މެންބަރުންނެވެ.
މި މަސައްކަތް ފެށުމަށް އެކިއެކި ޕްރޮޑިއުސަރުންނާ މިހާރު ވާހަކަ ދައްކަމުން ދާއިރު، އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވުމާ ގުޅޭ މުހިންމު ތަފާތު މެސެޖުތަކެއް ފިލްމުން ދޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްޕައިސް ގާލްސްގެ ފަސް މެންބަރުންނަށް ފަސް ކެރެކްޓާ ފިލްމުގައި ހިމަނާއިރު ކޮންމެ ކެރެކްޓާއަކީވެސް ތަފާތު ހުނަރެއް ލިބިފައިވާ ކެރެކްޓާއެކެވެ. މި ފިލްމަށް ކިޔާނީ "ގާލް ޕަވާ"ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ފިލްމާ ގުޅޭ އިތުރު ތަފްސީލެއް އަދި އާންމު ކޮށްފައެއް ނުވެއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސްޕައިސް ގާލްސްއަކީ ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ޕޮޕް ބޭންޑެވެ. އެ ބޭންޑުގެ ހުށަހެޅުމެއް އެންމެ ފަހުން ފެނުނީ 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ތެރޭގައެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތަރެއްގައި އުފެދުނު މި ބޭންޑުގެ މެންބަރުންނަކީ ވިކްޓޯރިއާ ބެކަމް، މެލަނީ ބްރައުން، އެމާ ބެންޓަން، މެލަނީ ސީ އަދި ގެރީ ހެލިވެލްއެވެ.
އެ ބޭންޑުގެ މެންބަރުން ވަނީ "ސްޕައިސް ވޯލްޑް" ގެ ނަމުގައި 1997 ވަނަ އަހަރު ކޮމެޑީ ފިލްމެއް ނެރެފައެވެ. ބޮޑު ތަރުހީބެއް ލިބުނު މި ފިލްމަށް 101 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.