ސްޕައިސް ގާލްސް އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ، އަދި ފުޓްބޯޅަ ލެޖެންޑު ޑޭވިޑް ބެކަމްގެ އަންހެނުން ވިކްޓޯރިއާ ބެކަމް އަކީ ފެޝަން އިންޑަސްޓްރީގައި ނުފޫޒުގަދަ ނަމެކެވެ.

ފެޝަން އިންޑަސްޓްރީ ފަތަހަކުރުމަށްފަހު ވިކްޓޯރިއާގެ މިހާރުގެ އަމާޒަކީ ބިއުޓީ އިންޑަސްޓްރީއެވެ. ވަރަށް އަވަހަށް ސްކިން ކެއާ ލައިނެއް ތައާރަފްކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ވިކްޓޯރިއާ ވަނީ 2016 ވަނަ އަހަރު މޭކަޕް ކަލެކްޝަނެއްވެސް ނެރެފައެވެ. އެ ކަލެކްޝަނަށް ލިބުނު ތަރުހީބާއެކު ސްކިން ކެއާ އުފެއްދުންތަކާ ދިމާއަށް ވިކްޓޯރިއާ ދާން އުޅޭކަން ހާމަކޮށްފައިވަނީ ފޭސްބުކް ލައިވް ވީޑިއޯ އެއް މެދުވެރިކޮށެވެ.

އުމުރުން 43 އަހަރުގެ ވިކްޓޯރިއާ ބުނީ އޭނާގެ ސްކިން ކެއާ އުފެއްދުންތަކުގައި ބޭނުންކުރާނީ ހަންގަނޑަށް އެންމެ ފައިދާހުރި މާއްދާތައް ކަމަށާއި އުފެއްދުން އުފައްދާނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކަމަށެވެ.

އާ ސެންޓެއް އުފައްދަން އުޅޭކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދީފައެވެ. 2016 ވަނަ އަހަރު ފިރިމީހާ ބެކަމް އާއެކު ވިކްޓޯރިއާ ވަނީ "އިންޓިމޭޓްލީ ބެކަމް"ގެ ނަމުގައި ސެންޓެއް ނެރެފައެވެ.