ކްލަބު މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް މޯލްޑިވިއަނުން ހޯދައިފިއެވެ.

މޯލްޑިވިއަނުން ދެވަނަ ބުރުގެ ޖާގައެއް ހޯދީ 'ގްރޫޕް އެފް'ގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ހޯދި ހަ ޕޮއިންޓާއެކުއެވެ. ސްޓެލްކޯ ރެކްރިއޭޝަން ކްލަބަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ފެން ކްލަބާއި އެމްއެމްއޭ ސޯޝަލް ކްލަބަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މާފަންނު ސްޓޭޑިއަމްގެ މިނީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެން ކްލަބު އަތުން މޯލްޑިވިއަން މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. މެޗުގައި މޯލްޑިވިއަންގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ތަހުސީނާއި، އަބްދުﷲ ޝައްފާނާއި، ހައްފާފް ސިދުގީއެވެ. އޭގެ ތެރެއިން ޝައްފާން، ދެ ލަނޑު ކާމިޔާބުކުރިއެވެ. ފެން ކްލަބުގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނިމާލެވެ.

އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ސްޓެލްކޯއިން ވަނީ 3-0ގެ ނަތީޖާއަކުން އެމްއެމްއޭ ބަލިކޮށްފައެވެ. އެ މެޗުގައި ސްޓެލްކޯއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަޔާޒް އަހްމަދު ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ މާއިސްއެވެ.

އެ ގްރޫޕުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 5:00 ގައެވެ. ސްޓެލްކޯއާ ދެކޮޅަށް ފެން ކްލަބު ނުކުންނަ އިރު، އެމްއެމްއޭ ނުކުންނަން ޖެހޭނީ މޯލްޑިވިއަންއާ ދެކޮޅަށެވެ. އެ ގްރޫޕުން މޯލްޑިވިއަންއާއެކު ދެވަނަ ބުރުގެ ޖާގަ ހޯދާ ދެވަނަ ޓީމެއް ކަށަވަރުވާނީ އެ މެޗުތަކަށްފަހުއެވެ.