ކްލަބު މޯލްޑިވްސް ކަޕްގެ 'ގްރޫޕް އީ'ގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، އުރީދޫން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފިއެވެ.

މާފަންނު ސްޓޭޑިއަމްގެ މިނީ ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި އުރީދޫން ވަނީ 3-1ގެ ނަތީޖާއަކުން ކްލަބު އާސަންދަ ބަލިކޮށްފައެވެ. އެ މޮޅާއެކު ކުޅުނު ދެ މެޗުން އުރީދޫއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ތައުލީމީ ގުޅުމާއި ޕަބްލިކް ވޯކްސްއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ކްލަބު އާސަންދައަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ރޭ ކުޅުނު މެޗުގައި އުރީދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޒައީމާއި، މުހައްމަދު ފާޝިރު އަދި ހާފިޒް އަހްމަދެވެ. މެޗުގައި އަސަންދައިން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމޔާބުކޮށްދިނީ އިބްރާހިމް މުހައްމަދެވެ.

އެ ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ޕަބްލިކް ވޯކްސް އަތުން ތައުލީމީ ގުޅުން މޮޅުވެފައިވަނީ 5-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ތައުލީމީ ގުޅުމުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު އިބްރާހިމް ނޫރައްދީން ކާމިޔާބުކޮށްދިން އިރު، ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަސަނާއި ހުސައިން ވަހީދެވެ. ޕަބްލިކް ވޯކްސްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނާފިއުއާއި އިބްރާހިމް ހުސައިނެވެ.

އެ ގްރޫޕުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:15 ގައެވެ. އުރީދޫއާ ދެކޮޅަށް ޕަބްލިކް ވޯކްސް ނުކުންނަ އިރު، ތައުލީމީ ގުޅުން ނުކުންނަން ޖެހޭނީ ކްލަބު އާސަންދައާ ދެކޮޅަށެވެ.