27 Aug 2011, 11:38
ސޯމާލިޔާގައި ހައިހޫނުކަމުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އެހީ ހޯދުމަށް މަދަނީ އިއްތިހާދުން އިސްލާމީ މަރުކަޒުގައި އިއްޔެ ބެހެއްޓި ފަންޑު ފޮށިތައް "މިސްކިތުން ނެރޭށޭ" ބުނެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެން އެ ފޮށިތައް އިއްޔެ ނަގައިފި އެވެ.
މަދަނީ އިއްތިހާދުގެ އޮފިޝަލަކު ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގެ އެކި ސަރަހައްދުތަކުގައި އިއްޔެ ބެހެއްޓި ތިން ފަންޑު ފޮށި ނެގީ އިއްޔެގެ އަސުރު ނަމާދަށް ފަހު ކަމަށެވެ. އެ ފޮށިތައް ނަގަން އަމުރުކުރީ މިސްކިތުން ފޭބި ދެތިން މީހަކު ކަމަށާއި އެ ފޮށިތައް ނެގީ ދެބަސްވުމަކަށް ނުގޮސް މައްސަލަ އެވަގުތު ހައްލުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިއްޔެ ނިންމާފައި އޮތީ ދަމު ނަމާދާ ހަމައަށް އެ ފޮށިތައް އެތަނުގައި ]އިސްލާމީ މަރުކަޒުގައި[ ބަހައްޓަން. އެހެންނަމަވެސް، މިހެން ދިމާވީމަ އިތުރަށް މަސްލަހަތު ގެއްލިދާނެތީ އަދި ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށްފައި އިތުރަށް އެކަން ކުރިއަށްގެންދަން ނުފެންނާތީ އެ ފޮށިތައް ނެގީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިއްޔެ ހުކުރު ނަމާދު ވަގުތުގެ ކުރިން ބެހެއްޓި އެ ފޮށިތައް ހަވީރު ނެގިއިރު ގާތްގަނޑަކަށް 34،000ރ. ވަނީ ލިބިފަ އެވެ. އަދި އިއްޔެ އެހެން މިސްކިތްތަކުގައި ބެހެއްޓި ފޮށިތަކަށް ވެސް ދީލަތި އެހީތަކެއް ލިބިފައިވާ ކަމަށާއި އެއިން އެއްވެސް ފޮއްޓެއްގައި މައްސަލައެއް ނުޖެހޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަދި މީގެ ކުރިން ހިންގި ގާޒާ ފަންޑާއި ޕާކިސްތާނު ފަންޑަށް މީހުން ބޮޑެތި އެހީތަކެއް ވެފައިވަނީ، މަދަނީ އިއްތިހާދަށް "ރައްޔިތުން އިތުބާރު ކުރާތީ"ކަމަށް ވެސް އޭނާ އޮފިޝަލް ވިދާޅުވި އެވެ.
"މަދުވެގެން ހަތަރު ޖަމިއްޔާގެ މީހުން ތިބެގެން އަޅުގަނޑުމެން ފަންޑު ފޮށިތައް ކަނޑާނީ، ގުނާނީ. އެކަން އަޅުގަނޑުމެންގެ ލިޔެކިޔުންތަކުން މިހާރު ވެސް ފެންނަން ހުންނާނީ. ކޮން މިސްކިތަކުން ކޮން ފޮއްޓަކަށް ކިހާވަރެއްކަން ލިބުނީ. ކޮންމެ ކަމެއްގައި ވެސް ހިތްހަމަނުޖެހޭ މީހުން ވެސް ތިބޭނެ. ހުރިހާ އެންމެންނަށް ރަނގަޅުގޮތަކަށް ކަންތައްތަކެއް ނުކުރެވޭނެ. އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރުކުރާތީއޭ މިދިޔަ އަހަރު ގާތްގަނޑަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަވާލުކުރީ ޕާކިސްތާނު ފަންޑަށް. އަދި އޭގެ ކުރީ ފަހަރު ވަރަށް ކުޑަ ކެމްޕޭނެއް ކޮށްގެން ތޭރަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގާޒާ ފަންޑަށް ޖަމާކުރީ." އޮފިޝަލް ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުން ބުނީ، ކުރީ ފަންޑުތަކަށް ލިބުނު ވަރަށް ސޯމާލިއާ ފަންޑަށް ވެސް ތަރުހީބު ހޯދަން ކެމްޕޭނު ކުރާނެ ކަމަށާއި އެކަން ފަށާނީ ފަންޑުގެ ފައިސާ ޖަމާކުރަން ބޭންކު އެކައުންޓްތައް ހުޅުވުމުން ކަމަށެވެ.
ހަނަފަސްކަން ބޮޑު "ހޯން އޮފް އެފްރިކާ" ސަރަހައްދުގައިވާ ގައުމުތައް ހައިހޫނުކަމުގެ ތެރެއަށް ގެނބިގެން އަންނައިރު، ސޯމާލިއާގެ ތިން މިލިއަނަށްވުރެ ގިނަ މީހުން ތިބީ ބަނޑަށް ޖެހިފަ އެވެ. އޭގެ ތެރެއިން 640،000 އަކީ މައުސޫމް ކުޑަކުދިންނެވެ. އެތައް ހާސް ބަޔަކު މިހާރުވެސް ހައިހޫނުކަމުގައި މަރުވެފައިވާއިރު މިހާރުން މިހާރަށް އެހީ ނުލިބިއްޖެނަމަ، އެ އަދަދު ދާނީ ހައްތަހާ އިތުރުވަމުންނެވެ.
މި ވަގުތަށް އެކަނި ވެސް ސޯމާލި އަށް 2.48 ބިލިއަން ޑޮލަރުގެ އެހީ ބޭނުންވެ އެވެ.