26 Mar 2018, 07:10
ތަރުޖަމާ : އަބްދުﷲ ފާރޫގުޚަސަން
އިސްލާމްދީނާއި މުސްލިމުންނާ ބެހޭގޮތުން ފެތުރިފައިވާ ކުށްހީތަކުގެތެރެއިން ބައެއްހީތަކަކީ އަންހެނުންނާ ބެހޭގޮތުން ފެތުރިފައިވާ ކުށްހީތަކެވެ.
އިސްލާމްދީން އައުމުގެ ކުރީން އާއްމުގޮތެއްގައި ހުރިހައި މުޖްތަމައުތަކެއްގައިވެސް އަންހެނުން ތިބީ ނިކަމެތި ކޮށްލައިފައެވެ. ދެރަކޮށްފައެވެ. އެމީހުނަށް އިހާނެތިކޮށްހިތައި އަނިޔާކުރެވުނެވެ.
އިންޑިޔާގެ މުޖްތަމައުގައި ހުވަފަތްވާ އަންހެނުން ފިރިމީހާގެ ޗިތާގައި (ހަށިގަނޑާއެކު) އަންދައިލެވެއެވެ.
- އަރަބި ކަރައިގައި އަންހެންދަރީން ދިރިތިއްބައި ވަޅުލިއެވެ.
- ޗައިނާގައި އަންހެނުންގެފަޔަށް ދަގަނޑުގެ ހަނިފައިވާންލައްވައެވެ.
ޝައްކެއްނެތެވެ. އަންހެނުންނަށް ކުރެވޭ އަނިޔާތަކާ ދެކޮޅަށް އަޑުއުފުއްލެވި މުސްލިޙުންތައް މިފަހުގެ ތާރީޚުގައިވަނީ އުފެދިފައެވެ. ނަމަވެސް އެހުރިހައި މުސްލިޙުން ނިކުމެވަޑައިގެންނެވުމުގެ އެތައްސައްތަ އަހަރެއްގެ ކުރީން އަރަބި ކަރައިގެ ބިމުންވަނީ އަންހެނުންގެ މުހުސިނަކު ތެދުވެވަޑައިގެންފައެވެ. އާދެ، އެބޭކަލަކީ އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހިވަސައްލަމައެވެ. އެމާތްސާހިބާވަނީ އަންހެނުންނަށް ލިބެމުންދިޔަ އަނިޔާތައް ހުއްޓުމަކަށް ގެންނަވައިފައެވެ. އަންހެނުންނަށް އެހައިތަނަށް ލިބިފައިނެތް އެތައް ޙައްޤު ތަކެއް ހޯއްދަވައި ދެއްވައިފައެވެ.
އަންހެނުންގެ ޙައްގުތަކުގެ ހުވަންހިލަންވެސްނެތް އަރަބިކަރައިގައި އިންސާނިއްޔަތުގެ މުހުސިންވަނީ އަންހެނުންނަށް ފިރިހެނުންނާ އެއްވަރުގެ މަގާމެއް ދެއްވައިފައެވެ. އެދުވަސްވަރު އަންހެނުންނަކަށް އާއިލާގެ މުއްސަންދިކަމުގެ އެއްވެސް މިންވަރެއް ނުލިބެއެވެ. ނަމަވެސް އިތުރުސާހިބާވަނީ ވިރާޘަތުގައި އަންހެނުންގެ ޙައްޤު ކަނޑައަޅުއްވައިފައެވެ. އަންހެނުންގެ ޙައްޤުތައް ބަޔާންކުރައްވައި ކީރިތި ޤުރުއާނުގައި ވަނީ ހުކުމުތަކާއި އިރުޝާދުތައް ބާވައިލައްވައިފައެވެ.
މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ މުދަލުން ވާރުތަވާ ބަޔަކު ކަމުގައި އަންހެނުން ހަމަޖެއްސެވީ އިސްލާމްދީނުގެ ނަބިއްޔާއެވެ. ނަމަވެސް މިއަދުވެސް ތަހްޒީބާއި ރަށްވެހިކަމަށް ދައުވާކުރާ އެތައް ޤައުމެއްގައި ވާރުތަ މުދަލުން އަންހެނުންނަކަށް ބައެއް ނުލިބެއެވެ. ވޯޓެއް ނުދެވެއެވެ. އިގިރޭސިވިލާތުގައި އަންހެނުންނަށް އެންމެ ފުރަތަމަ ވޯޓުދިނުމުގެ ޙައްގު ލިބުނީ 1928 ވަނަ އަހަރުއެވެ. އިންޑިޔާގެ މުޖްތަމައުގައި އަންހެނުންނަށް ވާރުތަ މުދަލުން ބައިލިބޭންފެށީ ދާދިމިދާކަށްދުވަހުއެވެ. ނަމަވެސް މީގެ ސާދަސައްތަ އަހަރުކުރީން އިސްލާމްދީނުގެ ނަބިއްޔާ އަންހެނުންނަށް މިހުރިހާ ހައްޤުތަކެއް ދެއްވިތަން އަޅުގަނޑުމެންނަށް ފެނެއެވެ. އެހެންވިއިރު އަންހެނުންގެ އެންމެ ބޮޑު މުހުސިނަކީ އިތުރު ސާހިބާ ސައްލަﷲ އަލައިހިވަސައްލަމަކަމީ ބަހްޘަކަށް ޖާގައޮތްކަމެއްނޫނެވެ.
އިތުރު ސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ އުނގަންނައި ދެއްވުންތަކުގައިވަނީ އަންހެނުންގެ ހައްޤުތަކަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައެވެ. އިތުރު ސާހިބާ ނަސޭހަތްދެއްވައިފައިވަނީ އެވާޖިބުތަކާމެދު ޣާފިލުނުވުމަށެވެ. އިންސާފުވެރިކަމާއެކު ބަރާބަރަށް އެޙައްގުތައް އަދާކުރަމުން ގެންދިޔުމަށެވެ. އެމާތްސާހިބާ އަމުރުކުރައްވައިފައިވަނީ އަންހެނުންގެ ގައިގައިތަޅައި އަނިޔާކޮށް ނެހެދުމަށެވެ.
އަންހެނުންނާމެދު މުއާމަލާ ކުރާންވީ ގޮތާބެހޭގޮތުން އެމާތްސާހިބާ ދެއްވައިފައިވާ ބައެއް އިރުޝާދުތައް މިތާނގައި ބަޔާންކޮށްލުމަކީ ވެސް ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ.
ތިމާގެ އަނބިމީހާގެ ގައިގައިތަޅައި އަނިޔާކުރާ މީހާއަކީ ޚުލުޤުރަނގަޅުމީހެއް ނޫނެވެ.
- ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅުމީހަކީ ތިމާގެ އަނބިމީހާއަށް އެންމެހެޔޮމީހެކެވެ.
- އަންހެނުންނާމެދު ރަނގަޅަށް މުއާމަލާކުރަން އަރަހުށިމާތްﷲ ވަނީ ތިޔަބައިމީހުންނަށް އަމުރު ކުރައްވައިފައެވެ. އެހެނީ އަންހެނުންނަކީ ތިޔަބައިމީހުންގެ މައިންނެވެ. ނުވަތަ އުޚްތުންނެވެ. ނުވަތަ އަންހެން ދަރީނެވެ.
- ސުވަރުގެވަނީ މައިންގެ ފައިތިލަދަށުގައެވެ.
- އެއްވެސް މުސްލިމަކު ތިމާގެ އަނބިމީހާއަށް ނަފުރަތު ނުކުރާހުށިކަމެވެ. އެހެނީ އޭނާގެ ކިބައިގައި ނުރަނގަޅު ސިފައެއްހުރިކަމުގައި ވިޔަސް ފިރިމީހާ އުފާވާފަދަ ރަނގަޅު އެހެނިހެން ސިފަތަކެއް ހުރެދާނެއެވެ.
- ނޯކަރަކާ ނުވަތަ އަޅަކާ މުޢާމަލާ ކުރާގޮތަށް ތިމާގެ އަނބިމީހާއާ މުއާމަލާނުކުރާށެވެ. އޭނާގެ ގައިގައި ނުތަޅާށެވެ.
- ތިބާ ކާއެއްޗެއް ތިބާގެ އަނބިމީހާއަށްވެސް ކާންދޭށެވެ. ތިބާ ބޭނުންކުރާ ފެންވަރެއްގެ ފޭރާން އޭނާއަށްވެސް ހޯދައިދޭށެވެ.
- ތިބާގެ އަނބިމީހާއަށް އަނިޔާވެރިވެ އެއްޗެހިގޮވައި ނަހަދާށެވެ. އޭނާގެ މޫނުމަތީގައި ނުތަޅާށެވެ. ހިތުގައި ނުޖައްސާށެވެ. އޭނާ ދޫކޮށްލައިފައި ނުދާށެވެ. ފޮނުވައިނުލަށާށެވެ.
- އަނބިމީހާއަކީ އޭނާގެ ފިރިމީހާގެ ބަދަލުގައި ފިރިމީހާއަށް ލިބިފައިވާ ހުރިހާ އިޚްތިޔާރުތަކެއް ލިބިފައިވާ މަލަކާއެކެވެ.
- ތިޔަބައިމީހުންގެ ކުރެ އެންމެ ހެޔޮކަންބޮޑީ ތިމާގެ އަނބިމީހާއާމެދު އެންމެ ރަނގަޅަށް މުއާމަލާކުރާމީހާއެވެ.
އިސްލާމްދީނުގައި އަންހެނުންނަށް މިދެންނެވިފަދައިން ޙައްޤުތަކާއި މަތީދަރަޖަތަކެއް ދިނުމަށްފަހު އެބައިމީހުންގެ ބޮލުގައިވެސް މަސްއޫލިއްޔަތުތަކެއް އަޅުވައެވެ. އެބައިމީހުންވެސް އުޅޭނެ އިންތަކެއް ކަނޑައަޅައެވެ.
ފިރިމީހާއަށް އެނާ ފެންނަ ހިނދު ފިރިމީހާ އުފާކުރުވުމެވެ. އަމުރެއްކޮށްފިނަމަ ކިޔަމަންވުމެވެ. ފިރިމީހާދުރުގައިވާނަމަ ފިރިމީހާގެ މިލްކިއްޔާތާއި ތިމާގެ ޢިއްފަތްތެރިކަން ރައްކާތެރިކުރުމެވެ.
- ޚުލުޤުހެޔޮ އަނތްބަކު ލިބުމަކީ ސުމާރެއްނެތްހައި ބޮޑު މުއްސަނދިކަމެއް ލިބުންފަދަކަމެކެވެ.
- ރެއާދުވާލު ފަސްނަމާދުކޮށް ރަމަޟާންމަހު ރޯދަހިފައި ތިމާގެ ފިރިމީހާއަށް ކިޔަމަންވެ، ތިމާގެ އިއްފަތްތެރިކަން ރައްކާތެރިކޮށްފި އަންހެނަކަށް އޭނާ ބޭނުން ކޮންމެ ދިމާޔަކުން ސުވަރުގެ ވަދެވޭނެއެވެ.
- ދުނިޔޭގައިވާ ހުރިހައި މުދަލަކަށްވުރެ އަގުހުރި އެއްޗަކީ ޢިއްފަތްތެރި އަނތްބެކެވެ.
އާދެ، އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަވަނީ ބަޔާންވެދިޔަ ގޮތްގޮތުންނާއި އަދި އެނޫންވެސް އެތައް ގޮތަކުން އަންހެނުންނަށް ޙައްޤުތަކެއް ލިބިދެއްވައިފައެވެ. އެބައިމީހުންގެ ވާޖިބުތައްވެސް އޮޅުންފިލުއްވައި ދެއްވައިފައެވެ.
އިސްލާމްދީން އަންހެނުންނަށް މިހާގިނަ ޙައްޤުތަކެއް ދީފައިވާއިރުވެސް ފިރިހެނުންނަށް އެއްއަނތްބަށްވުރެ ގިނަ އަނތްބަށް މީހުނާއިނުމުގެ ހުއްދަދީފައިވާތީ ބައެއްމީހުން އިއުތިރާޟުކުރެއެވެ. އެހުއްދައަކީ އަންހެނުންނަށް ކުރެވޭ ސަރީހު އަނިޔާއެއްނޫންތޯ ސުވާލުކުރެއެވެ.
މިކަމާބެހޭގޮތުން އަޅުގަނޑުމެންނަށް ޖެހެނީ އިންސާނީ ތާރީޚު ދިރާސާކުރާށެވެ. ފިރިހެނުންގެ ފިޠުރަތު މުޠާލިއާކުރާށެވެ. އިންސާނީ ހަޔާތުގެ އަމަލީ މައްސަލަތަކަށް ސަމާލުކަންދީގެން މައްސަލައާމެދުވެސް ވިސްނާށެވެ.
އިންޑިޔާގެ ތާރީޚަށް ބަލާއިރު ރާޖާދަޝްރަތުގެ އެތައް އަނބިކަނބަލުންނެއް ތިއްބެވިއެވެ. ހަމައެފަދައިން އަޅުގަނޑުމެންނަށް ކްރިޝަންޖީވެސް ފެނިފައިވަނީ ރުކުމަނީއާއި، ސީތާއާއި، ރާދާގެ އިތުރަށްވެސް އެތައް އަނބިއަނބިކަނބަލުންނެއްގެ މެދުތެރެއިންނެވެ. އެތަކެއް އަންހެންކުދީން ތަކެއްގެ (ގޯޕީންތަކެއްގެ) ތެރެއިންނެވެ. މަރުގަން ފަދަ ދޭވަތާއިންވެސް އެތަކެއް އަންހެނުންނަކާއެކު "މަޖާކުރާ" ތަންފެނެއެވެ. ތެދުފުޅެކެވެ. މިއީ އިހުޒަމާނުގެ ވާހަކަތަކެވެ. ޕުރާންތަކުގައި ހުރިވާހަކަތަކެވެ. އެހެންކަމުން ނިކަން ތާރީޚީ ޙަޤީޤަތްތަކާ ދިމާޔަށް ދަމާހިންގަވާށެވެ. ހިންދީންގެ ބޮޑެތި ރާޖާއިންގެ އެތައް އަނބިކަނބަލުންނެއް ތިއްބެވިއެވެ.
އަޅުގަނޑުމެންގެ ތެމިލްނާޑޫގެ ކާޓާބައްމަންގެ ގަނޑުވަރުގައިވެސް އެތައް އަނބިކަނބަލުންނެއް ތިއްބެވިއެވެ. މިޒަމާނުގެ ސިޔާސީ ބައެއް ލީޑަރުންވެސް އެތައް އަނބިކަނބަލުންނެއް ގެންގުޅުއްވައެވެ.
އިސްލާމްދީން އައުމުގެ ކުރީން އަރަބީންގެ ތެރޭގައިވެސް އަނބީން ގެންގުޅޭ ކަށެއް ވަކި ހައްދެއްނޯވެއެވެ. އާދަވެފައިއޮތީ އަނބީންގެ ޖަމާތައްތަކާއި ކަނީޒުންގެ އޮޅިއޮޅި ގެންގުޅުމެވެ. ނަމަވެސް އިސްލާމްދީންވަނީ އެއަދަދު ހަތަރަކާ ހަމަޔަށް މަދުކޮށް ހިފަހައްޓައިފައެވެ. ފިރިހެނުންގެ ނަފުސިއްޔާތާއި އަމަލީ ބޭނުންތަކަށް ރިއާޔަތް ކުރުމާއެކުގައެވެ. (ހަނގުރާމަތަކުގައި ފިރިހެނުން މަރުވުމުން ހުވަފަތްވެ ބިކަވާ އަންހެނުންގެ ސަބަބުން ކުރިމަތިވާ އިޖްތިމާޢީ މައްސަލަތައް ޙައްލު ކުރުމަށްޓަކައެވެ. "އިވްނިންގ ގެސްޓުން" އާދެ، ރޭގަނޑުގެ މެހެމާނުން ބޭނުންވެގެން އަންހެނުން އަމިއްލަޔަށް އިއުލާންކުރުމުގެ ހުތުރުން ސަލާމަތްކޮށް ދިނުމަށްޓަކައެވެ.)
އިސްލާމްދީން އައުމުގެކުރީން ޢަރަބީންގެ ތެރޭގައި ކާވެނީގެވެސް ވަކި ޚާއްސަ ގަވާއިދެއް ހަމަތަކެއް ނޯވެއެވެ. ހަމައެފަދައިން ވަރިކުމުގެ ވެސް އުސޫލެއް ނޯވެއެވެ. އެއްވެސް މިންގަނޑެއް ނޯވެއެވެ. ހިތަށްއެރުމާއެކު ވަރިކޮށްލާންވީއެވެ. މިކަންކަން އިޞްލާހުކުރެއްވުމަށްޓަކައި އިލާހީ ހުކުމްތައް ބާވައިލެއްވިއެވެ. ވަކި އަދަދެއްގެ ތެރޭގައި ކާވެނީގެ ޢަދަދު ހިފެހެއްޓެވިއެވެ. ވަރިޔާ ބެހޭގޮތުންވެސް މުނާސަބު އަދަބުތަކާއި ޤަވާއިދު ތަކަކަށް ތަބާވުން ލާޒިމު ކުރެއްވިއެވެ. ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"ޔަތީމުންނާމެދު، އަދުލުވެރި ނުވެވޭނެ ކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ޔަތީމު އަންހެންކުދީންނާ ކައިވެނިކުރުމުގައި، އަދުލުވެރިނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ.! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، އަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ އެކަކާއެވެ." (ސޫރަތުއްނިސާއު:3)
މިއިރުޝާދުގައި ފޮރުވިފައިވާ ޙިކުމަތާމެދު ވިސްނައިވަޑައިގަންނަވާށެވެ. އާދެ، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ތިމާގެ އަނބިމީހާއާ މުއާމަލާކުރާށެވެ. އެއްއަނތްބަށްވުރެ ގިނަ އަނތްބަށް ކާވެނިކުރުމުގެ އިޒުނަވެސް އެބައޮތެވެ. އެކަމަކު ޝަރުޠަކީ އަދުލުވެރިވުމެވެ. ބޭއިންސާފުން އެއްކިބާވުމެވެ. އަނބީންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަމާއެކު މުޢާމަލާ ނުކުރެވޭނެ ކަމުގައިވާނަމަ ކާވެނިކުރާންވާނީ އެކަކާއެވެ. (އަނބީންނާމެދު މިގޮތަށް މުއާމަލާކުރާން އިރުޝާދު ދީފައިވާ އެހެން އެއްވެސް ދީނެއް ނުވެއެވެ. ހަމަ އެފަދައިން އެއްފަހަރާ ކާވެނިކުރެވޭނެ މީހުންގެ އަދަދު އެހެންދީނެއްގެ ދީނީ ނައްސެއްގައި ވަކި މިންގަނޑެއްގައި ހިފަހައްޓައިފައެއްވެސް ނުވެއެވެ.)
ފިރިހެނުންނަކީ އެބައިމީހުންގެ ފިޠުރަތު ނިޔާކުރާގޮތުން އެމީހުންގެ ޖިންސީ އެދުންތަކުގެ އަލާއަރައިފިނަމަ ކޮންމެފަދަ ވަގުތެއްގައިވެސް އެކަމުގެ އާލާކަނޑުވާން ބޭނުންވާ ބައެކެވެ. އެހެންކަމުން ޤުދުރަތުން ފިރިހެނުން ލައްވައިފައިވަނީ އަބަދުވެސް ޖިންސީ އަމަލު ހިންގުމުގެ ޤާބިލުކަން ހުންނަގޮތަށެވެ. ނަމަވެސް އަންހެނުން މިއާ ތަފާތެވެ.
މަހުކަންތަކުގެ ދުވަސްވަރާއި، ބަލިވެއިނދެ ވަކި މަރްހަލާއަކަށް އެޅުނީސުރެ ވިހައިގަދަވަންދެން ފިރިމީހާއާއެކު އެއްދާންކުރުމަކީ އަންހެނުން އުޒުރުވެރިވާކަމެކެވެ. އެހެންކަމުން އެހުރިހައި ދުވަހަކު ތިމާގެ ޖިންސީހޫނު މަތަކޮށް ކެތްތެރިވެގެން ތިބުމަކީ ހުރިހައި ފިރިހެނުންގެ ކިބައިން އުންމީދު ކުރެވޭ ކަމެއްނޫނެވެ. ހުރިހައި ފިރިހެނުން ތިމާގެ އަނބިމީހާ އެކަމަށް ޤާބިލުވަންދެން ޖިންސީ އަމަލުތައް ހުއްޓައިލައިގެން ތިބޭނެކަމަކަށް ނުބެލެވޭނެއެވެ. އެހެންކަމުން ފިރިހެނުންނަށް ހަލާލުގޮތުގައި އެމީހުންގެ ޖިންސީ ބޭނުންތައް ހާސިލުކުރެވޭނެ މަގެއް ހުޅުވައިފައިއޮތުމަކީ ބޭނުން ކަމެކެވެ. ހަރާންމަގުން ވަލަށްފޯލިޖަހަން މަޖްބޫރުވާގޮތަށް އެބައިމީހުންބަނދެވިފައި ތިބުމަކީ އިންސާފެއްނޫނެވެ. އެހެނިހެން ދީންތަކުގައި މިހާރު އަމަލުކުރެވޭ ގޮތުގައި ޤާނޫނުގެ ކުރިމަތީގައި ހުންނަނީ އެންމެ އަނތްބެކެވެ. އެކަމަކު "މިތުރުންގެ" ސުމާރެއްނޯވެއެވެ. އެކަމުން މުޖްތަމައުގައި ފެތުރެނީ ހަޑިމުޑުދާރުކަމެވެ. އަޚްލާޤާއި ޝަޚްސިއްޔަތު ދަނީ ހަލާކުވެ ވީދި ކުދިކުދިވަމުންނެވެ. ބައްލަވައިލެއްވި ކޮންމެ ދިމާޔަކުން މީގެ ހެކިފެނިވަޑައިގަންނަވާނެއެވެ.
ޝައްކެއްނެތެވެ. ޒިނޭއާއި ބަދުއަޚްލާޤީ ކަންތައްތައް ހަރާމްކޮށް އެއް އަނތްބަށްވުރެ ގިނަ އަނބީންނާ ކާވެނިކުރުމުގެ ޤާނޫނީ ހުއްދަދިން ޙިކުމަތްތެރި ދީނަކީ އިސްލާމްދީނެވެ.
އިންތަކަކާއި ގައިދުތަކެއްގެ ތެރޭގައި އެއްކާވެންޏަށްވުރެ ގިނަ ކާވެނިކުރުމުގެ ހުއްދަދިންކަމީ އިސްލާމްދީން އަންހެނުންނާއި ފިރިހެނުންގެ ޖިސްމާނީ ފަރުމާއާއި، ނަފްސިއްޔާތާއި، އަމަލީބޭނުންތަކަށް ކޮށްފައިވާ ރިޢާޔަތެކެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީވެސް އިސްލާމްދީނަކީ ސައިންސީ ދީނެއްކަމުގެ ސާބިތުހެއްކެކެވެ.
__________________________________