26 Mar 2018, 08:36
ބަތަލާ ކެޓްރީނާ ކައިފް އަކީ ހަމަގައިމުވެސް ކާމިޔާބު އެކްޓަރެކެވެ. ބޮލީވުޑްގައި ގިނަ ދުވަސްތަކެއް ވެފައި ވާއިރު އެންމެ ކާމިޔާބު އަންހެން އެކްޓަރުންގެ ލިސްޓުގެ ކުރީގައި ކެޓްރީނާގެ ނަން ހިމެނެ އެވެ.
ކެޓްރީނާ ވެސް އޭނާގެ ދަތުރު ފެށީ ސުމަކުންނެވެ. މިހާރު އޭނާ ހުރި ހިސާބަށް އާދެވިފައި ވަނީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ފަހު، ނުހަނު ބުރަ މަސައްކަތުންނެވެ.
އެހެންކަމުން އޭނާގެ ބޮލީވުޑް ދަތުރުގެ ވާހަކަތައް ހިމަނައިގެން ފޮތެއް ލިޔުމަށް ވިސްނަމުން އަންނަ ކަމަށް ކެޓްރީނާ މިވަނީ ބުނެފައެވެ.
ކެޓްރީނާ ބޮލީވުޑަށް ތައާރަފުވީ 2003 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ބޫމް' އާއެކު އެވެ. އެ ފިލްމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކްޓު ކުރުމުގެ ހުނަރު ދަށްކަމާއި، ނެށުމުގެ ހުނަރު ނެތް ކަމަށް ބުނެ މީހުން އެއްޗެހި ކިޔެވެ. ނަމަވެސް މިހާރު އެ ދުވަސް ފާއިތުވެ ހިނގައްޖެ އެވެ.
"އަހަރެން ކުރިއަށް ދިޔައީ ފިލްމީ ދާއިރާގެ ކަންކަން އަމިއްލައަށް ދަސްކޮށްގެން. ގޮންޖެހުންތަކާ ކުރިމަތިލީ ކިހިނެތްކަން އަދި ކިޔާދޭކަށް ބޭނުމެއް ނޫން. އެއީ އަހަރެންގެ ބޮލީވުޑް ދަތުރުގެ މައްޗަށް ފޮތެއް ލިޔުމުގެ ވިސްނުން ހުރީމަ،" ކެޓްރީނާ ބުންޏެވެ.
ކެޓްރީނާގެ 15 އަހަރު ވީ ދިގު ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައި ވީނަމަވެސް، ފްލޮޕް ވެގެން ދިޔަ ފިލްމުތައް ވެސް ގިނައެވެ. ކެޓްރީނާ ބުނީ ނާކާމިޔާބަކީ އޭނާގެ ކާމިޔާބީގެ ތަޅުދަނޑި ކަމަށެވެ.
ކެޓްރީނާ ބުނީ ފިލްމީ ތަރިއަކަށް ވުމަކީ އެންމެ ކުރިން ފެށިގެން ވެސް ދެކެމުން އައި ހުވަފެން ކަމަށާއި އެހެންކަމުން ދިިރިއުޅުމުގައި "ޕްލޭން ބީ" އެއް ދުވަހަކު ވެސް ނެތް ކަމަށެވެ.
"ޕްލޭން ބީ އެއް އޮތުމަކީ ބަލި ގަބޫލު ކުރުން ކަމަށް އަހަރެން ގަބޫލު ކުރަނީ،" ކެޓްރީނާ ބުނެފައިވެ އެވެ.