ގައުމެއްގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންނެވެ. އެ ރައްޔިތުންނަކީ އެބައެއްގެ ފަރާތުން ވެރިކަން ފެށިގެން އަންނަ އަދި އެބަޔަކަށް ޓަކައި ވެރިކަން ދެމިގެންދާ، ޑިމޮކްރަސީގައި އެންމެ ބާރުގަދަ އެއް އަސާސެވެ.

ދައުލަތް ހިންގުމަށް ޓަކައި އަދި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ރައްޔިތުންގެ ފައިސާއިން ހަރަދު ކުރާ ހާދިމުން ތިބެންޖެހެ އެވެ. އެ ހާދިމުންނަކީ ރައްޔިތުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ތިބޭ ބައެކެވެ. އަދި އެއިން ކޮންމެ ހާދިމެއްގެ ބޮލުގައި އެމީހާގެ ވަޒީފާގެ ހައިސިއްޔަތުން އެތައް ބައިވަރު ޒިންމާތަކެއް އެޅެ އެވެ. އެމީހާ ކުރާ ހުވާގެ ސަބަބުން ފަހުދުވަހާ ހަމައަށް ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އެމީހާގެ މައްޗަށް އަމާނާތެކެވެ. އަދި ވަޒީފާގެ ސަބަބުން ތިމާއަށް އެނގޭ ދައުލަތުގެ ބޮޑެތި ސިއްރުތަކަކީ މަގާމުން ވަކިވި ކަމުގައި ވިޔަސް ކޮށްފައިވާ ހުވާގެ ސަބަބުން އެމީހާގެ ބޮލުގައި އެޅޭ އަމާނާތެކެވެ.

ދައުލަތުގެ އެންމެ އިސްވެރިއާ އަކީ ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހުވާކޮށްގެން ހުންނަ މީހެކެވެ. ވެރިމީހާގެ ދަށުން ތިބޭ މިނިސްޓަރުންނާއި މިނިވަން މުއަައްސަސާތަކުގެ ވެރިންނަކީ ވެސް އެފަދަ ހުވައެއް ކޮށްގެންތިބޭ ބައެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޝަރުއީ ކޯޓު ތަކުގެ ފަނޑިޔާރުންނަކީ ވެސް އެފަދަ ހުވައެއްގެ މަތީގައި ވަކިކަންކަން ލާޒިމްކޮށްފައި ތިބި މީހުންނެވެ. އަދި ހަމަ އެހެންމެ ވަކީލުންނާއި ފުލުހުންނާއި ސިފައިންނަކީ ވެސް މިފަދަ ހުވައެއްގެ މަތީގައި ދެމިތިބޭ ބައެކެވެ. މިއިން ކޮންމެ މީހަކީ ވެސް ބޮޑެތި ޒިންމާތަކެއް އެބަޔަކަށް މަތި ކުރެވިފައިވާ މީހުންނެވެ.

23 ޖުލައި 2016: ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިސްލާމީ ޝަރީއަތުގައި، ﷲ ގަންދެއްވައި ކުރާ ހުވައަކީ ވަރަށް ބޮޑު އަދި އެހާމެ މުހިންމުކަމެކެވެ. ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިއާ އަހްމަދު ސަމީރު ވިދާޅުވީ، ރައްޔިތުންނާއި ގައުމުގެ ހައްގުގައި ހިދުމަތްދޭ މީހަކު މާތް ﷲ ގަންދެއްވާ ހުވައެއް ކޮށްފި ނަމަ އެމީހަކު އެންމެ ފަހު ދުވަހާ ހަމައަށް ވެސް އެ ހުވާގެ މަތީގައި އަމާނާތްތެރިކަމާ އެކު ހުންނަޖެހޭނެ ކަމަށެވެ.

"މިސާލަކަށް ފުލުހުންނާއި ސިފައިން ހުވާ މިކުރަނީ މާތްﷲ ގަންދެއްވައި، އިސްލާމްދީނުގެ ހައްގުގަޔާއި ގައުމުގެ ހައްގުގައި އަދި ރައްޔިތުންގެ ހައްގުގައި އަދި ދައުލަތުގެ ދިފާއުގައި މަސައްކަތް ކުރަން. އެމީހާ ހިދުމަތުން ވަކިވި ނަމަވެސް އެ ހުވާގެ މަތީގައި ދެމިހުންނަން ޖެހޭނެ. އެއީ އެމީހާ ކުރި ހުވާގެ ސަބަބުން އެމީހާގެ މައްޗަށް ލާޒިމްވާ ކަމެއް،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، އިސްލާމީ ދައުލަތެއްގެ ދިފާއީ ބާރަކީ އަދި އަމަން ބަލަހައްޓާ ފަރާތްތަކަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި ވިދާޅުވީ، މިހާރު ދިފާއީ ލަޝްކަރެއް ވަޒީފާގެ އުސޫލުން އެކުލަވާލެވިފައިވީ ނަމަވެސް ކޮންމެ މުސްލިމަކީ ވެސް ދީނާއި ގައުމުގެ ހައްގުގައި ކޮންމެ އުދުވާނަކާ ވެސް ކުރިމަތިލާން ޖެހޭނެ ބައެއް ކަމަށެވެ.

"އަޅުކަންތައް އަދާ ކުރެވޭނެ މާހައުލެއް ގާއިމު ކުރެވޭނީ ގައުމު އަމާންކަން މަތީ އޮވެގެން. އެކަން މިކުރަނީ ގައުމުގެ ދިފާއި ބާރު އަދި އަމަން އަމާންކަން ބަލަހައްޓަން ތިބޭ މީހުން. އެހެން ކަމުން އެމީހުން އެކުރާ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއް. އިސްލާމީ ދައުލަތެއްގައި އެ މީހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް،" ސަމީރު ވިދާޅުވި އެވެ.

ސަލާމަތީ ބާރުތައް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންނާއި ސިފައިންގެ ހުވައަށް ބަލާއިރު ސިފައިންގެ ހުވާ އޮންނަނީ "ދިވެހިރާއްޖޭގެ ޖުމުހުރިއްޔާގެ ގާނޫނު އަސާސީ އާއި އިސްލާމްދީނާއި ދިވެހި ރާއްޖެ ދިފާއުކުރުމުގައި ތެދުވެރިކަމާ އެކު ދެމިހުރުމަށާއި ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމާތް ކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވާން ޖެހިއްޖެ ހާލަތެއްގައި ގުރުބާން ވުމަށް ކެރިހުރެ މާތްﷲ ގަންދީ ހުވާކުރަން،" މިގޮތަށެވެ.

ފުލުހުންގެ ހުވާގައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ހިމާޔާތް ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ދެމި ހުރުމަށް ބުނެފައިވާއިރު ދިވެހި ދައުލަތާއި ވެރިންނާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ކެރިހުރެ މާތް ﷲ ގަންދީ ހުވާ ކުރާ ކަމަށް ވަނީ ބުުނެފަ އެވެ. އެހެން ކަމަށްވާ އިރު މި ދެ މުވައްސަސާގެ ހިދުމަތާ ގުޅޭ ކޮންމެ މީހަކު ވެސް މި ހުވާ ކުރާ ހިސާބުން ފަހު ދުވަހާ ހަމައަށް އެމީހާގެ ހުވާ ދެމިގެންދާނެ އެވެ.

ފުލުހުންނާއި ސިފައިންގެ ތެރޭގެއި މި ހުވައަށް ތަބާވާ އަދި ހުވާގެ މަތީގައި ދެމި ހުރެ އެ ހުވައާ އެއްގޮތަށް އަމަލުކުރާ މީހުން ގިނަ އެވެ. އެ ދެ މުއައްސަސާގެ ކޮންމެ މީހަކު ވެސް ދައްކަމުންދަނީ އެ ނަމޫނާ އެވެ. އެތެރެއިންނާއި ބޭރުން އަންނަ ކޮންމެ އުދުވާނަކަށް ކެރިގެން ކުރިމަތިލަނީ އެމީހުން ކުރި ހުވާގައިވާ ގޮތަށެވެ. ގައުމަށް ދިމާވާ ކޮންމެ "ބޮޑު ރާޅަކާ" ކެރިގެން އެ މީހުން ކުރިމަތިލަނީ ދިވެހި ގައުމާއި އިސްލާމްދީނުގެ ހައްގުގަ އެވެ.

19 ފެބްރުއަރީ 2018: ރައްޔިތުންގެ މަޖިލިސް--- ފޮޓޯ/ މަޖިލިސް

ނަމަވެސް ބައެއް ފަހަރު މި ދެ މުއައްސަސާއިން ވަކިވެގެންދާ ބައެއް މީހުންނަށް އެމީހުން ގުޅުނު ހިސާބުން ކުރި ހުވާ ހަނދާންނެތޭތަން އާދެ އެވެ. މުއައްސަސާގެ ތެރޭގައި އުޅޭ އިރު ވެސް ބައެއް ފަހަރު ކޮށްފައިވާ ހުވާގެ މަތިން ހަނދާންނެތެ އެވެ. ނަމަވެސް އެއީ ވެގެންވާނެ ކަމެއް ނޫނެވެ. އެމީހާ ޔުނީފޯމް ލައިގެން ހުއްޓަސް އަދި ނުލާ ހުއްޓަސް ހުވާ ކުރުމަށް ފަހު އެމީހާގެ މައްޗަށް އެ ހުވައަށް އަމަލު ކުރުން އޮންނާނެ އެވެ. މާތް ﷲ ގަންދީ ކޮށްފައިވާ ހުވައަށް ހިޔާނަތްތެރިވާ މީހާއަށް ދީނުގައި ބޮޑެތި އަދަބުތައް ވަނީ ކަނޑައެޅިފަ އެވެ.

ފުލުހުންގެ މުއައްސަސާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ކުރީގެ ޑީސީޕީ މުހައްމަދު ޞާދިޤު ވިދާޅުވީ "ސަލާމަތީ ޚިދުމަތާ ގުޅޭ ކޮންމެ ކުއްޖަކަށް ވެސް ލާޒިމްވާ ކަންކަން" ހުންނަ ކަމަށެވެ. ކޮންމެ ކުއްޖަކު ވެސް އެންމެ ފުރަތަމަ ބޯލަނބަން ޖެހެނީ އެމީހަކު އެ ކުރާ ހުވައަށް ކަމަށް ޞާދިޤު ވިދާޅުވި އެވެ. އަދި ކޮންމެ ހާލެއްގައި ވެސް ހުވާ މަތީގައި ދެމި ހުންނަންވާނެ ކަމަށް ވިދާޅުވި އެވެ.

"ސަލާމަތީ ޚިދުމަތުގެ ހުވާ ކުރާ ހިސާބުން މަގާމުގައި ހުއްޓަސް އަދި ރިޓަޔާ ކުރިއަސް އެމީހާ ކުރި ހުވާ އެގޮތުގައި އޮންނާނެ. ޔުނީފޯމް އެޅީތީ އެމީހާއަށް ލިބުނު މައުލޫމާތަކީ ގައުމީ އަމާނާތެއް. އެ އަމާނާތް މަރުދުވަހާ ހަމައަށް ވެސް ރައްކާކުރަންވާނެ،" ޞާދިޤު ވިދާޅުވި އެވެ.

މާތް ﷲ ގަންދެއްވާ ކުރާ ހުވާގެ ދަރަޖަ މިހާ މަތިވެރި އިރު، މީގެ ކުރިން ސަލާމަތީ ހިދުމަތްތަކުގެ އިސް ސަފުގައި މަސައްކަތް ކޮށްފައި ތިބި ބައެއް ވެރިން ދައުލަތާ ދެކޮޅަށް ނިކުތުމަށް ރައްޔިތުންނަށާއި އަދި މިހާރު ފުލުހުންނާއި ސިފައިންގެ ތެރޭގައި މަސައްކަތް ކުރާ މީހުންނަށް ގޮވާލުމަކީ ވިސްނާލަން ޖެހޭ ކަމެކެވެ. އެމީހާ ކުރި ހުވާ ފަހުދުވަހާ ހަމައަށް ދެމިގެންދާ އިރު ދައުލަތާއި ގައުމު ދިފާއު ކުރުމަށް އެމީހާ ކުރި ހުވާ ހަނދާން ނައްތާލައި އެފަދަ ގޮވާލުންތައް ގޮވަލަމުންދަނީ ހަމަ ގައުމުގެ ހައްގުގައިތޯ؟ އެއީ ސުވާލެކެވެ. އަދި އެމީހާގެ ވިސްނުމަކީ ދީނާއި ގައުމުގެ ހައްގުގައި މަސައްކަތް ކުރުންތޯ ވެސް އެއީ ސުވާލެކެވެ. އަމިއްލައަށް ކުރި ހުވާ ހަނދާންނައްތާލާ އެމީހާ ހުރި މަގާމްގެ ގޮތުން ލިބުނު ދައުލަތުގެ ސިއްރު މައުލޫމާތުތައް ބޭޒާރުކޮށްލާ މީހަކީ ގައުމަށް ވަފާތެރި މީހަކަށް ވެދާނެބާ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން: ޖުޑީޝަލް އެކަޑަމީއެއް ގާއިމް ކުރުމަށް ނިންމީ އެ ކޯޓުން ނެރުނު ސާކިއުލާއަކުން-- ސަން ފައިލް ފޮޓޯ

އިސްލާމީ ދައުލަތެއްގެ އެތެރޭގެ މައުލޫމާތު ނުވަތަ ކާފަރުންނަށް ޖާސޫސް ކޮށްދިނުމަކީ ނުބައިވެގެންވާ ކަމެއްކަމަށް ދަންނަ ބޭކަލުން ވިދާޅުވެ އެވެ. ޝެއިހް ސަމީރު ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް މުސްލިމަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި މަގާމްގެ ގޮތުން ލިބުނު ދައުލަތުގެ ސިއްރު މައުލޫމާތަށް އަމާނާތްތެރިވާން އިސްލާމްދީން ބާރުއަޅާ ކަމަށް ވެސް ވިދާޅުވި އެވެ.

އިސްލާމް ދީނުގައި މާތްﷲ ގަންދެއްވާ ކުރާ ހުވައަށް މަތިވެރި ދަރަޖައެއް ދެއްވާފައިވާ އިރު ރައްޔިތުންގެ ހައްގުގައި ހިދުމަތް ދިނުމަށް ހުވާ ކުރާ ކޮންމެ މީހަކު ވެސް އެ ހުވާގެ މަތީގައި ދެމި ހުންނަން ޖެހެ އެވެ. ވެރިކަމާ ހަވާލުވާއިރު މާތް ﷲ ގަންދީ ބޮޑު ހުވައެއް ކުރުމަށް ފަހު މާދަމާ ވެރިކަމާ ދުރަށް ދިޔުމުން ފަރަންޖީންގެ ކުރިމައްޗަށް ގޮސް ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތް ނޫން އެއްޗެއް ބޭނުންވާ ކަމަށް ބުނުމަކީ އެމީހާ ކުރި ހުވާއާ ހިލާފް ވުމެވެ.

ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ ހުވާ --

ކުރާ ހުވަޔާއި ވާ ވައުދާއި ހިލާފްވާނީ މުނާފިގުންނެވެ. މާތް ﷲ ގަންދީ ކޮށްފައިވާ ހުވައާ ހިލާފްވެ އަމިއްލަ ގައުމުގައި އިސްލާމީ ހަރުކަށި ފިކުރުގެ މީހުން އެބަތިބި ކަމަށް ބުނެ ގައުމު ނުރައްކަލެއްގެ ތެރެއަށް ވައްޓާލާ މީހުންނަކީ ރައްޔިތުންނަށް ހެޔޮއެދޭ ބައެކޭ ނުބުނެވޭނެ އެވެ. ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާން ހުރި ބައެއް ކަންކަމަކީ ހުއްޖަތެއް ނޫން ކަމަށް ބުނާ ވެރިއަކީ ދީނާއި ގައުމު ހިމާޔަތް ކުރުމަށް ކުރި ހުވަޔާ ހިލާފްވެފައިވާ މީހެއްކަމަށް ގަބޫލު ކުރަން ޖެހެ އެވެ.

މަގާމާއި ބާރާއި ޝާނާއި ޝައުކަތު ލިބޭ ހިސާބުން މާތްﷲ ގަންދެއްވާ ކުރާ ހުވާ ހަނދާން ނެތޭ ނަމަ އެމީހާއަށް ރައްޔިތުންނަށް ޓަކައި ދެވޭނެ ހިދުމަތެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ކޮނޑަށް ކިތަންމެ ގިނަ ތަރިއެއް އެރިޔަސް އެމީހާ ރައްޔިތު މީހާއަށް ވުރެ ބޮޑެއް ނުވެވޭނެ އެވެ. އަދި ކިތަންމެ ބައިވަރު ފަށެއް އަދި މެޑައްޔެއް ލިބުނު ނަމަވެސް މާތްﷲ ގަންދެއްވާ ކުރި ހުވަޔާ މެދު ސުވާލު ކުރެވޭނެ އެވެ. އަމާނަތްތެރިންނަށް ބާއްޖަވެރިކަމެވެ. ހިޔާނަތްތެރިންނަށް އެކަމުގެ ހިތިރަހަ ފެންނާނެ އެވެ.