މެންޓަލް ކަލްކިއުލޭޓަރުގެ ނަމުން ނަން މަޝްހޫރު އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްކޮޓް ފްލޭންސް ބާގް ދަންނަން ހެއްޔެވެ. އެއީ ހަގީގަތުގައި ހިސާބު އަކުރުގެ ބާނީ ކަމަށް ބުނެވިދާނެ އެވެ. ކަލްކިއުލޭޓަރަށް ވުރެ އަވަހަށް ހިސާބު ބޮޑެތި ނަމްބަރުތައް ސިނކުނޑިން އެއްކޮށް ކަނޑާ ގުނަކޮށް ގެއްލާ ހަދަން އެންމެ ކުޅަދާނަ މީހަކީ ސްކޮޓް ފްލޭންސްކަމަށް ދެބަސްވާ މީހަކު ނުހުންނާނެ އެވެ.

ވިސްނުން ތޫނު ސިކުނޑިއަކާ އެކު އެފަދަ ގާބިލު ކަމެއް ހޯދައި ދިނުމަށް މައިން ބަފައިން ދަނީ އެތައް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހާ މޮޅު ނުވެދާނެ އެވެ. އެކަމު ހިތުން ހިސާބު ހަދާލުމާއި ވިސްނުން ތޫނުވުމަށް ދަރިފުޅަށް މަގުފަހިވުމަކީ ކޮންމެ ބެލެނިވެރިއަކު ވެސް އުންމީދަކަށް ވާނެ އެވެ.

ސްކިލް ހެޓްސް ޖީނިއަސްގެ އެކަޑަމިކް ޑިރެކްޓަރު ފައްތާހު --- ސަންފޮޓޯ/ މުހައްމަދު އަފްރާހު ---

ސްކިލް ހެޓްސް ޖީނިއަސްއިން މިވަނީ ބެލެނިވެރިންގެ އުންމީދުތަކަށް އަލިކަމެއް ގެންސްދީ ރާއްޖެއަށް "މެންޓަލް މެތެމެޓިކްސް" ތައާރަފުކޮށްދީފަ އެވެ. ފެށޭ މަހު ހިތު ހިސާބު ކިޔަވައިދޭން ފަށަން ސްކިލް ހެޓް ޖީނިއަސް އިން މިހާރު ތައްޔާރުވެފައިވާ އިރު ކުދިންގެ ސިކުނޑީގެ ވިސްނުން ތާޒާ ކޮށްދީ ހިތު ހިސާބަށް ކުދިން ހޭނުވުމަށް ގިނަ ޕްލޭންތަކެއް ވަނީ ހަދައިފަ އެވެ.

އިންޑިއާގެ ސްމާޓް ކިޑް އެބަކަސް ލާނިންގްއާ ގުޅިގެން ފަށާ އެ ކްލާތަކާ ގުޅޭ ގޮތުން ސްކިލް ހެޓްސް ޖީނިއަސްގެ އެކެޑްމިކް ޑިރެކްޓަރު އަބްދުލް ފައްތާހު ވިދާޅުވީ އެތަނުގައި އެބަކަސް ބޭނުންކޮށްގެން ކުދިންނަށް ހިތު ހިސާބު ދަސްކޮށްދޭނެ ކަމަށެވެ. އަށް ލެވަލަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ކްލާސަތަކުގައި ކޮންމެ ކްލާހެއްގައި އަށް ކުދިން ތިބޭނެ ކަމަށް ފައްތާހު ވިދާޅުވި އެވެ.

ސްކިލް ހެޓްސް ޖީނިއަސްގެ ކްލާސް ރޫމެއް ---ސަންފޮޓޯ/ މުހައްމަދު އަފްރާހް

އެ ކްލާސްތަކުގައި ކިޔަވައިދެނީ އެބަކަސް ބޭނުންކޮށްގެންނެވެ. އެބަކަސް އަކީ ބީޑްސްތަކެއް ބޭނުންކޮށްގެން އެއްކޮށް ކަނޑާ ގުނަކޮށް ގެއްލުމަށް ކުދިންނަށް އެހީވެދޭ އެއްޗެކެވެ. ފުރަތަމަ ކޮޅު އޭތިން ގުނައިގެން ކުދިން ހިސާބު ހެދި ނަމަވެސް ވަކި ލެވެލްއަކަށް ދިއުމުން ކުދިން ހިތުން ގުނާލާފައި ހިސާބު ނަންބަރުތައް ހައްލު ކޮށްލާ ކަމަށް ދިރާސާތަކުން ވެސް ވަނީ ދައްކައިފަ އެވެ.

ސްކިލް ހެޓްސް ޖީނިއަސް އިން ވެސް ކުރިއަށް ގެންދަނީ ހަމަ އެ ޕްރޮގްރާމެވެ. ރާއްޖޭން ބޭރުން އެކަމަށް ކިޔަވައިދިނުމަށް ހާއްސަ ޓީޗަރުން ގެނެސްގެން ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެކެޑެމިކް ޑިރެކްޓަރު ފައްތާހު ވިދާޅުވި އެވެ.

އެ ކްލާސްތަކުގެ ސަބަބުން ކުރިންގެ ވިސްނުން ތޫނުވެ ސަމާލުކަން ދޭ ވަރު އިތުރުވެ އަޑުއެހުމުގެ ހުނަރު ވެސް އިތުރުވެގެންދާނެ ކަމަށް ފައްތާހު ވިދާޅުވި އެވެ. ހަފްތާއަކު ދެ ދުވަހު ކޮންމެ ދުވަހަކު އެއް ގަޑިއިރު ކިޔަވައިދޭ އެ ކްލާސްތަކުގެ އަގަކީ ކުއްޖަކަށް 500 ރުފިޔާ އެވެ. އަދި ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 1000 ރުފިޔާ ނަގާނެ ކަމަށް ސްކިލް ހެޓްސް ޖީނިއަސް އިން ބުންޏެވެ.

ރާއްޖޭގައި ހިތު ހިސާބު ކިޔަވައިދޭން ފެށުމަށް އިންޑިއާގެ ސްމާޓް ކިޑް އެބަކަސް ލާނިންގްއާ އެކު ސޮއިކުރަނީ ---

ކްލާސްތަކަށް ވަނުމަށް ވަކި ޝަރުތެއް ފުރިހަމަވާކަށް ނުޖެހެ އެވެ. އުމުރުން ހަތަރު އަހަރާއި 14 އަހަރާއި ދެމެދުގެ ހުރިހާ ކުދިންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ސްކިލް ހެޓްސް ޖީނިއަސްއިން ބުންޏެވެ.

ކުދިންގެ ހުނަވެރިކަން ދައްކާލުމަށް ސްކިލް ހެޓްސް ޖީނިއަސްގައި ކިޔަވާ ކުދިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް ބައިވެރި ވާނެ ކަމަށް ފައްތާހު ވިދާޅުވި އެވެ.