ޓްރިޕޮލީ (އޮގަސްޓް 27) : ލީބިޔާގެ ކާރނަލް މުޢައްމަރުލްޤައްޒާފީ މިހާރު ލީބިޔާގައި އުޅުއްވާ ކަމަށް ނުބެލެވޭ ކަމަށާއި އޭނާގެ އެއްވެސް ހިލަމެއް ނެތްކަމަށް ލީބިޔާގެ ހަނގުރާމަވެރިން ބުނެފި އެވެ.

ޓްރިޕޮލީ ހިފައި ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ ކޮމާންޑަރުންނާ ޙަވާލާދީ އިންތިޤާލީ މަޖިލީހުގެ ޢަސްކަރީ ދާއިރާތަކުން ރޭ ބުނިގޮތުގައި ޤައްޒާފީއާއި ލީބިޔާގައި ނޫޅުއްވާ ކަމަށް ބެލެވެނީ އަލްޖަޒާއިރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ލީބިޔާގެ ޢަސްކަރީ ޤާފިލާއެއް (ގިނަ ޢަދަދެއްގެ މަދަނީ ވެހިކަލްތަކާއި ސިފައިންނާއެކު) އަލްޖަޒާއިރަށް ވަންތަން ފެނިފައިވާތީ އެވެ.

އެޤާފިލާގައި ޤައްޒާފީ އާއި އޭނާގެ ޢާއިލާއާއި ގައްޒާފީގެ އަރިހުގައި އެންމެ ފަހުވަގުތައް ތިއްބެވި އެހީތެރިންނާއި މުސްތަޝާރުން އަލްޖަޒާއިރަށް ފިއްލެވި ކަމަށް ބެލެވޭ ކަމަށާ އަލްޖަޒާއިރަށް ދިޔަ ލީބިޔާގެ ގޮތްނޭންގޭ ޤާފިލާއަށް ޙަމަލާދިނުމަށް ކުރި މަސައްކަތް ކާމިޔާބު ނުވިކަމަށްވެސް އިންތިޤާލީ މަޖިލީހުގެ ޢަސްކަރީ ދާއިރާތަކުން ބުނެ އެވެ.

ނަމަވެސް ޤައްޒާފީ އަލްޖަޒާއިރަށް ފިއްލެވިކަން ކަށަވަރު ނުވާކަމަށް ލީބިޔާއިން ލިބޭ އެހެން ޚަބަރުތައް ބުނެ އެވެ. ހަނގުރާމަވެރިންވެސް މިކަން ކަށަވަރު ކޮށެއް ނުދެ އެވެ. ޤައްޒާފީގެ ޤާފިލާ ކަމަށް ޝައްކުކުރެވޭ ޤާފިލާ އަލްޖަޒާއިރުގެ ސަރަޙައްދީ ރޮނގު ހުރަސްކުރަނިކޮށް ފެނިފައިވަނީ ދެޤައުމުގެ ސަރަޙައްދީ ރޮނގާއި އެންމެ ކައިރީގައިވާ ލީބިޔާގެ ޣަދާމިސް ނަމަކަށް ކިޔާ ރަށުގައި ޙަރަކާތްތެރިވި ހަނގުރާމަވެރިންގެ ބަޔަކަށް ކަމަށްވެސް އިންތިޤާލީ މަޖިލީހުގެ ޢަސްކަރީ ދާއިރާތަކާ ޙަވާލާދީ އަލްޖަޒީރާ ބުނެ އެވެ. (އަލްޖަޒީރާ)