14:30


ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމައިފައިވާ ނިންމުމާ ބެހޭ މައުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ކަމާ ބެހޭ އިސް ހަތަރު ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މިއަދު އަމުރު ނެރުއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މާދަމާ ބާއްވާ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ އެޑިޝަނަލް ސެކްރެޓްރީ އައިޝަތު ލިއުޝާ ޒާހިރާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމަށް ފޮނުއްވާ އަމުރުގައި މިއަދު ހެނދުނު ސޮއިކުރައްވާފައިވާ ކަމަށެވެ.


މިހާތަނަށް ދެ ފަހަރު ދަންނަވައިގެން ވެސް އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައި ނުވަނީ އެ ބޭފުޅުންނަށް ނޯޓިސް ފޮނުވައިފައިވާ ގޮތުގެ ސައްހަކަމާ މެދު ގާނޫނީ ގޮތުން މައްސަލަތަކެއް ހުރި ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވައިފައިވާތީ ކަމަށް ވިދާޅުވެ އެވެ.


ނަމަވެސް، ބަންޑާރަ ނައިބު ހުސްނު ސުއޫދު އިއްޔެ ވިދާޅުވީ ކޮމިޓީއަށް ހާޒިރުވާން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެއްރުއްވާ އަމުރަކީ ސައްހަ އަމުރަކަށް ވާނެ ކަމަށާއި އެ އަމުރަށް ސަރުކާރުން ތަބާވާނެ ކަމަށެވެ.