26 Mar 2018, 09:41
ރާއްޖެއަށް ހުރިހާ ދާއިރާއަކުން ވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. ބްރިޖަކާއި، ޒަމާނީ ހޮސްޕިޓަލުތަކާއި ޔޫތު ސިޓީއެއް ތަރައްގީވެގެން އަންނަނީ އެވެ. މިކަންކަމުގެ ފަހަތަށް އެންމެ އަވަހަށް އިތުރުވާން އުޅޭ ބޮޅަކީ ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ޓެބްލެޓް ތައާރަފުކުރުމެވެ.
ރާއްޖޭގެ ހުރިހާ ސްކޫލުތައް ޑިޖިޓަލައިޒް ކުރަން ސަރުކާރުން ނިންމުމާ އެކު، ރާއްޖެ ވެގެން ދާނީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭ ފުރަތަމަ ގައުމަށެވެ. އަދި މުޅި ދުނިޔެއިންވެސް، ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭ އެންމެ ފުރަތަމަ ގައުމަށެވެ. މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ.
ނަމަވެސް މި ކަމަކީ ކުރަން އެންމެ ރަނގަޅު ކަމެއްތޯ ގިނަ ބަޔަކު މިހާރު ވެސް ދަނީ ސުވާލުކުރަމުންނެވެ.
ޓެބްލެޓް ބޭނުންކުރަން ފެށުމަށް އަޅުގަނޑުމެންގެ ހާތަލު ތަންދޭތޯ އެވެ. ޓެބްލެޓް ބޭނުންކުރުމުން ދަރިވަރުގެ ކިޔެވުމަށް ވަކި ކުރިއެރުމަށް އަންނާނެތޯ އެވެ؛ މިއީ ހައްތާ ވެސް އުފެދޭ ސުވާލެވެ.
އިނގިރޭސވިލާތުގައި %70 ސްކޫލުތަކުގައި ޓެބްލެޓް ބޭނުންކުރޭ
ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކުގެ ސްކޫލުތަކުން އަދި ނާރާ ހަރުފަތަކަށް ރާއްޖެއިން އަރައި، ތައުލީމީ ނިޒާމު މަތީ ފެންވަރަކަށް ގެންދަންވީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު ކޮށްފާނެ އެވެ. ސަރުކާރުގެ އެ ނިންމުމަކީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއް ފެންވަރަކަށް ރާއްޖޭގެ ހުރިހާ ދާއިރާއެއް ވެސް ގެންދަން އެދޭ އެދުމަކީ މިކަމުގެ އަސްލު ކަމުގައި ވެދާނެ އެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު "ސަން"އަށް ވިދާޅުވީ މި ސަރަހައްދުގެ އެހެނިހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ސްކޫލުތަކުގެ އުމްރާނީ ވަސީލަތްތައް މާ ރަނގަޅު ކަމަށެވެ. އަދި އެ ސްކޫލުތައް މުޅިން ޑިޖިޓަލައިޒް ނުކުރެވެނީ އެ ގައުމުތަކުގައި ތަފާތު އެކިއެކި ގޮންޖެހުންތައް ހުންނާތީ ޝަފީއު ގަބޫލުކުރައްވަ އެވެ.

ދަރިވަރުން ކިޔެވުމުގައި ޓެބްލެޓް ބޭނުންކުރަނީ--
އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ދެއްކިގޮތުގައި އެގައުމުގެ 70 ޕަސަންޓު ސްކޫލުތަކުގައި މިހާރު ކިޔަވައި ދިނުމުގައި ޓެބްލެޓް ބޭނުންކުރެ އެވެ. އޭގެ ތެރެއިން ނުވަ ޕަސަންޓު ސްކޫލުގައި ކޮންމެ ދަރިވަރަކު ވެސް ޓެބްލެޓެއް ބޭނުންކުރެ އެވެ. އިނގިރޭސިވިލާތެކޭ އެއް ފަދައިން އަޔަލެންޑް ވެސް ވަނީ އެ ގައުމުގެ ތައުލީމީ ނިޒާމު އެ މިސްރާބަށް ގެންދިއުމަށް އަމާޒު ހިފާފަ އެވެ. އަޔަލެންޑްގް ގިނަ ސްކޫލުތަކުން ވެސް މިހާރު ވަނީ ޓެކްސްޓް ފޮތުގެ ބަދަލުގައި ޓެބްލެޓް ބޭނުންކުރަން ފަށައިފަ އެވެ.
ޓެބްލެޓުން އެކަށީގެންވާ ކުރިއެރުމެއް ފެންނާނެތޯ؟
އިނގިރޭސިވިލާތުގެ "ޓެބްލެޓް ފޯ ސްކޫލްސް" ކިޔާ ޗެރިޓީއަކުން ކުރި ދިރާސާއެއްގައި ބުނީ ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމުން ދަރިވަރުންގެ ނަތީޖާ ރަނގަޅުވާކަމެއް ފާހަގަ ނުވާ ކަމަށެވެ.
ޓެބްލެޓުން ކިޔަވައިދޭއަޔަލެންޑްގެ ސްކޫލެއްގެ ޕްރިންސިޕަލަކުވެސްވިދާޅުވި ގޮތުގައި، ހަމައެކަނި ޓެކްނޮލޮޖީން ނަތީޖާ ރަނގަޅެއް ނުކުރެވޭނެ އެވެ.
"ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި ރަނގަޅު ވަސީލަތްތަކާއި އަދި ދަރިވަރު ކިޔެވުމަށް ހުންނަ ޝައުގުވެރިކަން މުހިންމު ދައުރެއް އަދާކުރޭ. އެހެންނަމަވެސް ދަރިވަރު ކިޔެވުމަށް ޝައުގުވެރިކަން ހުރެ ގަދައަޅައި މަސައްކަތްކުރާ ނަމަ ޓެކްނޮލަޖީ ބޭނުންކުރުމުން އޭގެ ފައިދާ ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ކޮންސަލްޓިންސައިކޮލޮޖިސްޓު ޑރ. ޑޭވިޑް ކެރީ ވިދާޅުވީޓެކްނޮލޮޖީ ބޭނުންކުރަނީ ކުދިންގެ ޝައުގުވެރިކަން އިތުރުކޮށް، އުނގެނުމުގެ ތެރެއަށް ވެއްދުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ޓެކްނޮލޮޖީއާ ވާދަކޮށްގެން ވެސް ހުނަރުވެރި ޓީޗަރަކަށް ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިވަރުން ކިޔެވުމުގައި ޓެބްލެޓް ބޭނުންކުރަނީ--
ސްޓޭޓް މިނިސްޓަރު ޝަފީއު ވެސް ވިދާޅުވި ގޮތުގައި، ހަމައެކަނި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދަރިވަރުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ގަބޫލުކުރުމަކީ ކުށް ހީއަކަށް ވެދާނެ އެވެ. ނަމަވެސް ރާއްޖޭގެ ސްކޫލުތަކުގައި ޓެބްލެޓް ބޭނުންކުރާ އިރު އެކަންތައް އެކުލަވާލާފައި ވަނީ ދަރިވަރުން ވީހާ ވެސް ބޮޑަށް ޝާމިލުވާ ގޮތަަށް ކަމަށެވެ. އަދި ދަރިވަރުން ކްލާހުގައި ކަންކަން ހުށަހަޅައިދޭއިރު ވެސް އެކުދިންގެ ބަހާއި ހުނަރުތައް އިތުރަށް ތަރައްގީވާ ގޮތަށް ކަންކަން ބިނާކުރެވޭނެ ކަމަށާއި، މިއީ ކިޔެވުމަށް އެކުދިންގެ ޝައުގު އިތުރަށް އުފެއްދޭނެ ކަމެއް ކަމަށް ޝަފީއު ފާހަގަކުރެއްވި އެވެ.
ޝަފީއު ވިދާޅުވީ، ދަރިވަރުން ޓެބްލެޓް ބޭނުންކުރަން ފެށިޔަސް މިއީ ފޮތްތައް މުޅިން ދޫކޮށްލުން ނޫން ކަމަށެވެ. ކުރިން ބޮޑެތި ޓެކްސްޓް ފޮތްތައް ކުދިން ގެނައިކަމުގައި ވިޔަސް، ދެން އެ ފޮތްތައް ޓެބްލެޓުން ބަލައިލެވޭނެ ކަމަށް ވިދާޅުވި އެވެ.
"ކުލާސްރޫމްތަކުގައި އަދިވެސް ބޭނުންކުރާނެ ފޮތާއި ފަންސުރާ ގަލާމާ. ދެން ދަރިވަރުން ޓެބްލެޓްތަކުގައި އިލެކްޓްރޯނިކް ފޮތްތަކުގައި ނޯޓްތައްވެސް ހަދާލެވޭނެ. ތަފާތު އެނިމޭޝަންތަކާ، އަދި އިތުރަށް ފިލާވަޅަކާ ބެހޭގޮތުން ހޯދަންޖެހޭ މައުލޫމާތުތައްވެސް ހޯދާލެވޭނެ،" ޝަފީއު ވިދާޅުވި އެވެ.
ޓެބްލެޓްގެ ސަބަބުން ދަރިވަރުންނަށް ނޭދެވޭ އަސަރުކުރާނެބާ؟
ޓެބްލެޓްގެ ސަބަބުން ހާއްސަކޮށް އެންމެ ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް އޭގެ އަސަރުކުރާނެ ކަމަށް އަބަދުވެސް ވާހަކަ ދެކެވެ އެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާލިޔަސް ފެންނަމުން ދަނީ ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް އަހުލުވެފައިވާ ތަނެވެ.
ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ޓެބްލެޓު ދިނުމުން އެކުދިންގެ އިޖުތިމާއީ ހުނަރު ނުވަތަ "ސޯޝަލް ސްކިލްސް" ކުދިންގެ ގައިގައި އަށަނުގަތުމުގެ ކަންބޮޑުވުން، ބެލެނިވެރިން ފާޅުކުރެ އެވެ. ގްރޭޑު އެކެއް ފަދަ ހަގު އުމުރުފުރާއަކީ ކުދިންގެ ގައިގައި ތަފާތު ހުނަރުތައް ތަރައްގީވާ ދުވަސްވަރެވެ.

ދަރިވަރުން ކިޔެވުމުގައި ޓެބްލެޓް ބޭނުންކުރަނީ--
ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއުގެ ހިޔާލު ވަރަށް ތަފާތެވެ. ޝަފީއު ވިދާޅުވީ، ޓެބްލެޓްގެ ތައުލީމު ރާއްޖޭގައި ތައާރަފުވެގެން ދާއިރު ޓެބްލެޓް ވެސް ހެޔޮގޮތުގައި ބޭނުންކުރުމަށާއި ޒިންމާދާރުވުމަށް ދަރިވަރުންނަށް ދަސްކޮށްދޭނެ ކަމަށެވެ. އަދި ކުދިންނަށް ހުސްވަގުތު ވެސް މެނޭޖުކުރާނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށާއި ދަރިވަރުން ސްކޫލުގައި އެހެނިހެން ކަންކަމުގައި ވެސް ގެންގުޅޭ ތަރުތީބުން އެކަން ވެސް ވަކި ތަރުތީބަކުން ކުރިއަށް ދާނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ޝަފީއު ވިދާޅުވި އެވެ.
ކުޑަކުދިންނަށް އެ އުމުރުގައި ޓެބްލެޓްދިނުން ރައްކާތެރިބާ؟
ޓެބްލެޓު ބޭނުންކުރަން ދަރިވަރުން ފަށަން ކުޑަތަންވެފައި ވާއިރު، ބެލެނިވެރިންގެ އެންމެ ބޮޑު އެއް ސުވާލަކީ ޓެބްލެޓްގެ ރައްކާތެރިކަމާ މެދު އެވެ. ކުދިން ނަަހަމަގޮތުގައި ޓެބްލެޓު ބޭނުންކޮށްފާނެ ބާވަ އެވެ؟ ހާއްސަކޮށް އެހާ ތުއްތު ކުދިންނަށް ޓެބްލެޓްތައް ދީގެން ހަލާކުވެދާނެ ބާވަ އެވެ؟
"އައިއޯއެސް ޑިވައިސްތައް ވެސް އަޅުގަނޑުމެން މިދެނީ ކުޑަކުދިން އަތަށް ދެއްތޯ؟ ދެން އަޅުގަނޑަކަށް ހިއެއް ނުވޭ ކުޑަކުދިންގެ އަތުގައި އެއްޗެއް ޖެހޭއިރަށް އެ އެއްޗެއް ހަލާކުވާނެ ހެނެއް. އެއީ ބޯދާ ވިސްނުމެއް. އެ ކުދިންނަށް ވެސް އޭގެ ބޭނުންތެރިކަން އެނގިއްޖެ ނަމަ ހަލާކެއް ނުކޮށްލާނެ،" ޝަފީއު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން މިހާރު ބަލަމުން ދަނީ އިންޝުއަރެންސް ނިޒާމެއްގެ ތެރެއިން ދަރިވަރުންނަށް "ރިޕްލޭސްމަންޓް" ޓެބްލެޓްތަކެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ޓެބްލެޓް ރައްކާތެރިކޮށް ގެންގުޅުމާ ބެހޭ ގޮތުން އެންމެ ކުޑަކުދިން ވެސް ހޭލުންތެރިކުރުވާނެ ކަމަށްވެސް ޝަފީއު ވިދާޅުވި އެވެ.

ކުޑަކުދިންތަކެއް ޓެބްލަޓަކާ ކުޅެނީ--
ދެން އޮތީ އެންމެ ބޮޑު އެއް ސުވާލެވެ. ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރައިފައިވާ ޒަމާނުގައި ތަފާތު ސައިޓުތަކާ ތަފާތު އެޕުތައް ދަރިވަރުންނަށް ބޭނުންކުރެވިދާނެތޯ އެވެ؟
ޝަފީއު ވިދާޅުވީ ޑިޖިޓަލައިޒް ނިޒާމަށް އަހުލުވެރިވެގެން ދާއިރު ކުދިން ޓެބްލެޓް ބޭނުންކުރާ ގޮތް ވަރަށް ބޮޑަށް މޮނީޓަރުކުރެވިގެން ދާނެ ކަމަށެވެ.
"ދަރިވަރުންނަށް ފާޑުފާޑުގެ އެޕްސްތައް އިންސްޓޯލެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް ޓްރެކް ކުރެވޭނެ ދަރިވަރުންގެ އަމަލުތައް ހުންނަ ގޮތް. ހއ. ތުރާކުނުގައި ހުންނަ ދަރިވަރުގެ ކެމެރާތައް ވެސް ޑިސްއޭބަލް ކޮށްލެވިދާނެ. ކްލާސްތެރޭގައި ކިޔަވަމުން ދާއިރު ދަރިވަރު ޓެބްލެޓުން ކުރަނީ ކީއްތޯވެސް އަޅުގަނޑުމެންނަށް ބަލާލެވިދާނެ،" ޝަފީއު ވިދާޅުވި އެވެ.
ޓެކްނޮލޮޖީއާއެކު އާ ޒަމާނެއް މިވަނީ މިހާރު ފެށިފައެވެ. ޓެކްނޮލޮޖީއަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފި ނަމަ ކިތަންމެހާ ވެސް ރަނގަޅު ވަސީލަތެކެވެ. ނަމަވެސް ނުރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ އޭގެ ގެއްލުން ކިތަންމެ ހާވެސް ބޮޑެވެ. ތައުލީމީ ނިޒާމު އެހާބޮޑު ބަދަލަަކަށް ތައްޔާރުވަމުންދާއިރު ބެލެނިވެރިން ވެސް މިދެންނެވި ކަންކަމާމެދު ސަމާލުވާންޖެހެއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.