25 Mar 2018, 15:40
ގޮނޑުދޮށްތަކުން ގަވާއިދާ ހިލާފަށް ވެލިނަގާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުރަށް، ފިނޮޅުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކުން ގިނަ ބަޔަކު ވެލި ނަގަމުންދާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާ ކަމަށެވެ. އަދި ގޮނޑުދޮށްތަކުން ގިނަ އަދަދަކަށް ވެލި ނެގުމުން ރަށްގިރުން ފަދަ ބޮޑެތި ގެއްލުން ތިމާވެއްޓަށް ލިބެމުން ދާތީވެ އެކަން އެގޮތަށް ނުކުރުމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ވެލިނެގުމަށް ބޭނުންވާ ފަރާތްތަކުން ވެލިނަގަން ހުއްދަ ދޫކޮށްފައިވާ ތަންތަނުގެ މައުލޫމާތު ރަށް ރަށުގެ ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށް އީޕީއޭއިން ބުންޏެވެ.