ޓްރިޕޮލީ (އޮގަސްޓް 26) : ލީބިޔާގެ ކާރނަލް މުޢައްމަރުލްޤައްޒާފީގެ ފިރިހެން ދަރިކަލެއް ކަމަށްވާ ހާނީބާލް ޤައްޒާފީ އަވަހާރަ ކޮށްލެވިއްޖެ ކަމަށް ލީބިޔާގެ ހަނގުރާމަވެރިން ބުނެފި އެވެ.

ހަނގުރާމަވެރިންނާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި ހާނީބާލް އަވަހާރަވީ ހަނގުރާމަވެރިންނާއި ޤައްޒާފީއަށް ވަފާތެރި ސިފައިންނާ ދެމެދު މިއަދު ޓްރިޕޮލީގެ ޤަސްރު ބިންޣަޝީރުގައި ހިނގި ކުރިމަތިލުންތަކެއް ގައެވެ.

ހާނީ ބާލްއަކީ ލީބިޔާގެ ކަނޑުގެ ސިފައިންގެ އޮފްސަރެކެވެ. އަދި އޭނާއަކީ ލީބިޔާގެ ޝިޕިންގ ކޯޕަރޭޝަންގެ ވެރިޔާ ވެސް މެއެވެ. ނަމަވެސް ހާނީބާލް އަވަހާރަވިކަން މުސްތަޤިއްލު ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. އެހެންކަމުން މިއީ ކިހާވަރެއްގެ ތެދު ވާހަކައެއްކަން އަދި ހާމަވެފައެއް ނުވެއެވެ.

އަނެއްކޮޅުން 1969 ވަނަ އަހަރު ޤައްޒާފީ ލީބިޔާއަށް ގެންނެވި ޢަސްކަރީ އިންޤިލާބުގެ ބައިވެރިިއެއް ކަމަށްވާ ޖެނެރަލް މުސްތަފާ އަލްޚައްރޫބީ ވަނީ ޤައްޒާފީގެ ސިފައިންނާ ވަކިވުމަށްފަހު ހަނގުރާމަ ވެރިންނަށް އަމާން ދެއްވާފައެވެ. މީގެ ކުރިން ޤައްޒާފީގެ ކުރީގެ ބައިވެރިންގެ ތެރެއިން ދެބޭފުޅަކުވަނީ ހަނގުރާމަވެރިންނަށް އަމާން ދެއްވާފައެވެ. (އަލްޖަޒީރާ)