ކ. ފުށިދިއްގަރު ފަރަށް ދެ އުޅަނދެއް އަރައި ލިބުނު ގެއްލުމުގެ ޖޫރިމަނާ އެއްގެ ގޮތުގައި 100 މިލިއަން ދިނުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.

މުތާ ރޯޔަލް ކިޔާ ޓަގު ބޯޓާއި މުތާ ގްރޭސް ކިޔާ ބާޖު، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގައި ފުށިދިއްގަރު ފަރަށް އެރި މައްސަލާގައި ކުރި ޖޫރިމަނާއަކީ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާ އެވެ.

އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ދެ އުޅަަނދުގެ ލޯކަލް އޭޖެންޓުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް މިމަހުގެ 14 ވަނަ ދުވަހު އަންގާފައިވާނެ ކަމަށެވެ.

ދެހާސްފަނަރަ ވަނަ އަހަރުގެ ޑިސެމްބަރު 27 ގައި ފަރަށް އެރި ބާޖު ފުންކުރެވުނީ 2016 ވަނަ އަހަރުގެ މާޗް 23 ގައެވެ. ޓަގު ފުންކުރެވުނީ 2017 ވަނަ އަހަރުގެ މާޗް 14 ގައެވެ.

މި ދެއުޅަނދު ފަރަށް އެރުމުން ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވިކަމަށް އީޕީއޭގެ ސާވޭ އިން ދައްކާކަމަށް އެ އެޖެންސީ އިން ބުނެއެވެ.