25 Mar 2018, 13:49
ޓްރާންސްޕޯޓް އޮތޯރިޓީން މާލެތެރޭގައި މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅައި އިއުލާނުކުރުމާ ގުޅިގެން އެމްޕީއެލް އަދި ޓީ ޖެޓީން ލޮރީ އަދި ޕިކަޕް ތަކުގައި މުދާ ދޫކުރުން ރޭގަނޑަށް ބަދަލުކުރަން ނިންމައިފިއެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ޓްރާންސްޕޯޓުން ގެނައި ބަދަލާއެކު އެމްޕީއެލްގެ އޮޕަރޭޝަން ތަކަށްވެސް ބަދަލުގެންނަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ރޭގަނޑު ކުރަމުން އައި މަސައްކަތް ދުވާލަށް ބަދަލުކޮށް ދުވާލު ކުރަމުން އައި މަސައްކަތް ރޭގަނޑަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްތްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހަލީމް ވިދާޅުވީ، ކޮންޓެއިނާތައް ސީދާ ހުޅުމާލެ ގެންގޮސްގެން ކްލިއާ ކުރުމާއި އެމްޕީއެލް ސަރަހައްދުން ކަނޑު އުޅަނދުފަހަރަށް މުދާ ކްލިއާކުރުން މިހާރެކޭވެސް އެއް ގޮތަށް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ލޮރީތަކަށް މުދާ ބަރުކޮށްގެން ގެންދާ ގެންދިއުމަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"ގަވާއިދަށް ގެނައި ބަދަލާއެކު ލޮރީތަށް އެމްޕީއެލް ސަރަހައްދަށް ވައްދަން ހަމަޖެހިފައިވަނީ ރޭގަނޑު ނުވައެއް ޖަހާއިރު. ރޭގަނޑު 10 އިން ފެށިގެން ފަތިހު ފަހެއް ޖަހަންދެން ލޮރީތަކުގައި މުދާ ނެރެ ގުދަން ތަކަށްއުފުލޭނެ،" ހަލީމް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޮޕަރޭޝަންތަކަށް ގެނައި ބަދަލާއެކު ތަނުގެ ހިންގުން އިތުރަށް ރަނގަޅުވެ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފިގެންދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި މުދާތައް ބަރުކޮށް ބާލައި ހެދުމުގައި ހޭދަވާ ގަޑި ކުޑަވެ ހަރަދު ކުޑަވެގެންދާނެކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
"ދުވާލު ގަޑީގައި ވަސީލަތް ތަކުގެ ފުރިހަމަ ބޭނުން ހިފައި އޮޑިދޯނި ފަހަރަށް މުދާ ކްލިއާ ކުރެވުމުން އެ މަސައްކަތްވެސް ފަސޭހަވެގެންދާނެ. އަދި ރޭގަނޑު ގަޑީގައި ލޮރީ ތަކަށް މުދާ ދޫކުރުމުގައި ހުރިހާ ވަސީލަތްތަކުގެ ބޭނުން ހިފުމުން އެމްޕީއެލްގެ މަސައްކަތް އިތުރަށް އަވަސްވެގެންދާނެ،" ހަލީމް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްޕީއެލް އާއި ޓީޖެޓީން މުދާ ދޫކުރުން ރޭގަނޑަށް ބަދަލުކުރުމާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިދުމަތްވެސް އެ ގަޑިތަކުގައި ލިބިގެންދާނެކަމަށް ހަލީމް ވިދާޅުވިއެވެ.
މާލެތެރޭގައި މުދާ އުފުލުމުގެ ގަވާއިދަށް އަމަލުކުރަން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.